ads
ސިޓީ ކައުންސިލް މެމްބަރުންނާއި އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މާލޭ މަގުތައް ހަދާނީ ރުޅާލަން ނުޖެހޭގޮތަށް ގޯޅިތަކާއިއެކީ: ރައީސް
މާލޭއާ ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާނީ އަލުން ރޫޅާލަން ނުޖެހޭ ފެންވަރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ. 

މާލޭ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ނިންމާފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ.

މާލޭ ސިޓީ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ މާލޭއާ ވިލިގިނލީގެ މަގުތައް ހަދާނީ ބޭނުންވާ ހުރިހާ ނެޓްވޯކްތަކެއް ގާއިމުކޮށް އެކި އެކި ބޭނުންތަކަށް އަވަސް އަވަހަށް މަގު ރޫޅާލަން ނުޖެހޭ ގޮތަށް ކަމަށެވެ. އަދި މަގުތައް އަލުން ހަދާއިރު ބިމު އަޑީގައި ހުރި ފެނާ ނަރުދަމާ އަދި ކަރަންޓް ނެޓްވޯކްތައް އެއްކޮށް އާ ކުރާނެ ކަމަށާއި މަގުތައް ހެދިގެންދާނީ ގޯޅިތަކާއިވެސް އެކީގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ޑީވޯޓަރިން ނިޒާމް، ސްޓޯމް ވޯޓަރިން ނިޒާމް، ފަޔާ، ހައިޑްރެންޓް ނިޒާމް އާވެސް އެކީ. އެހެންވީމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެ، ވަރަށް ފުޅާކޮށް ކޮމްޕްރެހެންސިވްކޮށް ހައްލުވާ މައްސަލައެއްގެ ގޮތުގަ އިރާދަކުރެއްވިއްޔާ މަގުތައް ހެދިގެން ދާނީ ގޯޅިތަކާ އެކީގައި" ރައީސް ވިދާޅުވިއެވެ.

 މާލެއާ ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިދިޔަ މަހުގެ 23 ގައި ޗައިނާގައިވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ޗައިނާގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައިސް ދެން އޮތް މަރުހަލާގެ މަސައްކަތް ފަށާނެކަމަށެެވެ. 

"އުއްމީދު މި ކުރަނީ މިއަހަރު ނިމޭތަނަށް ނޫނީ އަންނަ އަހަރު ކުރީކޮޅުގައި، އަދި މީ ޔަގީންކޮށް ދަންނަވާ ވާހަކައެއް ނޫން، އެކަމަކު އެހާތަނަށް އަމަލީ ފިޒިކަލް ވޯކަށް ދެވޭނެ ކަމަށް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާލޭ މަގުތައް ހެދުމަށް ޗައިނާއިން ކުރިޔަށް ގެންދާ މަޝްރޫއުގައި މާލޭގެ އުތުރުފަރާތު ބޭރުމަގު ފުޅާ ކުރުމުގެ ބައި ހިމަނާފައި ނުވާކަމަށާއި އެކަން ކުރާނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކޮންސްޓްރަކްޝަން މިނިސްޓްރީންކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މާލެއާ ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ ދައުލަތުގެ ތިން ވަޒީރަކު ޗައިނާއަށް ކުރައްވި ދަތުރުގައި ސިޑްކާގެ ޗެއާމަން ލުުއޯ ޖާއޮހުއިއާ އެކު ބޭއްވި ބައްދަލުވުމުގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް