އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކުރުމަށް ފަހު، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ފީފާއާއި އޭއެފްސީން އެކުލަވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ކޮމިޓީގެ މެންބަރުންގެ އަދަދެއް، އަދި ހިމެނެނީ ކޮން މެންބަރުންނެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ފީފާއިން އެކަން އަދި އިއުލާން ނުކުރި ނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ފީފާއިން އަންނަނީ މަޝްވަރާ ކުރަމުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އަށް ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް (ޖަނާ) އައްޔަން ކުރާނެ ކަމަށް ކުރިން ހަބަރު ފެތުރުނަސް، މިހާރު އަޑުތައް އިވޭ ގޮތުން ޖަނާއެއް އެ ކޮމިޓީގައި ނެތެވެ. ޖަނާގެ ނަން އާއްމުވުމާއެކު ބައެއް މީހުންގެ ފާޑު ކިޔުން އެކަމަށް އަމާޒުވެސް ވިއެވެ. ފުޓްބޯޅައާ ގުޅޭ ކަންކަމުގައި ރައީސް އޮފީހުގައި މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށްވެސް ކުރިން އަޑު އިވުނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު ހަމަ ޖައްސާފައިވާއިރު، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒުވެސް އެ ކޮމިޓީގައި ހިމެނެއެވެ. އެކަމަކު މިއިން އެއްވެސް ކަމެއް އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ. ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒް ކުރާއިރު، ނޯމަލައިޒިން ކޮމިޓީގެ މުއްދަތު ކަނޑައަޅާފައި އޮތީ، އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ސްޕޯޓްސް މިނިސްޓަރުކަން ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތަކަށް ކުރައްވައިފަ އެވެ. އެ މުއްދަތުގައި އެފްއޭއެމް އިސްލާހު ކުރުމަށް ގިނަ ކަންތަތަކެއް އޭނާ ކުރެއްވި އެވެ.