"ހިތް ބުރަ ނުކުރައްޗޭ... އަޔާންއަށް ދެރަކަމެއް ވަންޏާ އަހަންނަށް އިހްސާސްވާނެ..! އިން ޝާ ﷲ އެއްވެސް ދެރައެއް އެ ދަރިފުޅަށް ދިމާނުވާނެކަން މި މަންމަގެ ހިތް އެބަބުނޭ.. މައެއްގެ ހިތް ދޮގެއް ނުބުނާނެ..! އަޔާންގެ ހަބަރެއް ނުލިބި މާ ގިނައިރެއް ނުވާނެ.. ބޮޑު އޮޕަރޭޝަނެއްގައިވެސް ވެދާނެ..! އެ މަސައްކަތަކުން އަވަދިވެގެން ވީ އެންމެ އަވަހހަކަށް އަޔާން ގުޅާނެ..!" ޔަގީންކަމާއެކު އަލީޒީ ބުންޏެވެ. ވާހަކަދެއްކީ ލަސްލަހުންނެވެ. ބުނާއެއްޗެއް ރަގަޅަށް ސާފުވަނީ ވަރަށް ވިސްނައިގެން ގާތްވެލާފައި އަޑުއަހާނަމަ އެވެ.
މުންޝިރުގެ ހިތް ނުތަނަވަސްވިޔަސް އަލީޒީގެ ނިންމުމަށް ދެކޮޅުހަދާނެ ހިތްވަރެއް ނެތެވެ. ތެދެކެވެ. ހަ ގަޑީރު އަދި އަށް ގަޑީރުވެސް ތިއޭޓަރގައި އަޔާން ހޭދަކޮށްފައިވެ އެވެ. އެކަމަކު މިއަދު ތަފާތެވެ. އަޔާން ދެކިލާހިތުން ކެތްމަދުވެއްޖެ އެވެ. ނޭގޭ އިހްސާސްތަކެއް ހިތުގައި އެނބުރެނީ އެވެ. ރަށަށް މަންމަ ދެކިލަން އަންނާށޭ ބުނަން ހިތް މަޖުބޫރުކުރާތާ ކިތަށް އަހަރު ފާއިތުވެގެން ހިގައްޖެކަން އެހެންމީހަކަށް ނޭގޭނެ އެވެ. އަޔާންއާއި ގުޅުމުން ނޫނީ މުންޝިރަށް ތަސައްލީއެއް ނުލިބޭނެ އެވެ.
"މާބޮޑަށް ތިޔަ ހާސްވަނީ.. މަސްއޫލުވެގެން އުޅޭ މަސައްކަތެއް ނިމުނީމަ އަޔާން ގުޅާނެ.. " ނޭވާ ކުރުވެފައިވާ ހާލުގައި އަލީޒީ ބުނެލީ ލަސްލަހުންނެވެ.
އޭނާގެ ދެ ލޯ މަރައިލީ ކޮންމެވެސް ދުއާއެއްކޮށްލާފައި ހަމްދު އަޅާފަ އެވެ. އައިޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތް ހުރަސްކުރުމުގެ ކުރީން ފޮހެލި އެވެ.
"ކޮންމެވެސް ކަމެއް ވާން އުޅޭހެން ހީވަނީ.. ހިތްބުނަނީ... ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭކަމަށް...އިހްސާސްކުރެވެނީ ދާދި އަވަހަށް އަހަރެންގެ އަޔާން، އަހަރެން ގާތަށް އަންނާނެކަމަށް.." އަލީޒީގެ ލޮލެއް ނުހުޅުވަ އެވެ. ލޮލުން އެންމެ ކަރުނައެއްވެސް ނުވެއްޓެ އެވެ.
އަލީޒީގެ ޖުމުލަ ނިންމުމުން މުންޝިރާއި އައިޝާއަށް ބުނާނެ އެއްޗެއް ނޭގުނީ، އެގޮތް މިވަގުތު އެ ދެމީހުންވެސް އެދޭތީ އެވެ. އަދި ވީ އެންމެ އަވަހަކަށް އަޔާން ގެނައުމަށް ނުވަތަ އައުމަށް އެދެން މަސައްކަތްކުރަމުން ދާތީ އެވެ. އަލީޒީގެ ހިތް ތެޅެމުންދާ ބާރުމިން އެއިން އެކަކަށްވެސް އިޝާރާތެއް ނެތެވެ.
"އެހައިބޮޑަށް ފިކުރުނުކޮށް، ވާހަކަ ނުދައްކާ، އަރާމްކޮށްލާ..! އަހަރުމެންގެ އަޔާން އަހަރުމެން ކައިރިއަށް ނައިސް ދާނީ ދުނިޔޭގެ ކޮންތާކަށް..؟ ކިތަންމެ ދުރުގައި ހުއްޓަސް އެއީ ތި މަންމަގެ ހިތުގެ ވިންދު.. އެކަން އެދަރިފުޅަށްވެސް އިހްސާސްވާނެ" އަލީޒީގެ އަތުގައި ފިރުމާލަމުން މުންޝިރު ބުންޏެވެ.
"ބޭބޭ.. ހިތުގެ ވިންދަކީވެސް ހުއްޓޭ އެއްޗެއް..! ވަގުތުޖެހުމުން ލަހެއް ފަހެއް، އެކަމަކަށް ނޯންނާނެ.. ޖެހޭނީ ލޯ މަރައިލާން!" އަލީޒީގެ ހިތުގައިވަނީ ކޮންކަމެއްކަން އިތުރު ސުވާލަކާއި ނުލައި މުންޝިރާއި އައިޝާއަށް އިނގެ އެވެ.
"އެވަގުތު ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނެ އެކަން އަހަރުމެންނަށް ނުހުއްޓުވޭނެ.. އެކަމަކު އުއްމީދަކީ އަލިކަމެއް.. ކޮންމެ އަލިކަމަކީ ދިރުމެއް..! ކަންކަމާއިމެދު ދެކެންވާނީ ރަގަޅަށް..!" އައިޝާ ބުނެލީ އަލީޒީއަށް ވިސްނައިދިނުމަށެވެ.
"އުއްމީދު ކަނޑާނުލާ..! އެތައް އަހަރެއް ހޭދަވެގެން ތިޔަދިޔައީ ތި ކަމުގައި.. އެކަމަކު ފުރިހަމަ ފަރުވާ، ދުނިޔޭގެ އެތައް މިތަނުން ލިބިގެން އުޅޭ މީހުންނަށްވުރެން އެތައް ގުނައެއް އަލީޒީގެ ހާލު ރަގަޅު.. އުއްމީދީ އެތައް އަހަރެއް ﷲގެ ރަހްމަތްފުޅާއެކު ހޭދަތިކުރަނީ ފުރިހަމަ ސިއްހަތުގައި ތިބޭ މީހުންނަށްވެސް އެކަންކަން ނުކުރެވޭނެފަދަ ފުރިހަމަކަމާއި ކާމިޔޔާބުކަމާއެކު.. އަލީޒީއަކީ ހިތްވަރުގަދަ އަންހެނެއް... އަބަދުވެސް އުއްމީދުކުރާތި..!" މުންޝިރުގެ އާންމު ނަސޭހަތް މިފަހަރުވެސް ތަކުރާރުކޮށްލި އެވެ. އެއްބަސްވުމުގެ ގޮތުން އައިޝާވެސް ބޯޖަހައިލި އެވެ.
ކިތަންމެ ބައްޔަސް، ބަލިހާލަތު ދެރަޔަސް، ދިރިއުޅުމައިގެންކުރާ މަސައްކަތްތަކުގައި އަލީޒީ ހިތްވަރާއެކު ބައިވެރިވެ އެވެ. ދަނޑުދޮށަށް ދިއުން އުނދަގޫވާންފެށި ހިސާބުން، ވިޔަފާރިއަކީ އަލީޒީ ބޭނުންވެގެން ފެށި މަސައްކަތެކެވެ. ހުރިހައިކަމެއް ރާވައި ހިންގައި އައިޝާއާއި މުންޝިރަށް ވިޔަފާރި ދަސްކޮށްދިނީ އަލީޒީ އެވެ. މިއަދު އަލީޒީމެންގެ ވިޔަފާރިއަކީ މުޅި ރަށުގެ އެއްވަނަ އެވެ. އަލިފު އަތޮޅުގެ ކޮންމެ ރަށަކުން އެ ފިހާރައަށް ޒިޔާރަތްކޮށް އެތައް ވިޔަފާރިއެއް ކުރަމުން ގެންދިއުމަކީ އަލީޒީގެ އުއްމީދުތައް ފުރިހަމަވުމުގެ ހިތްހަމަޖެހުމެވެ.
"އަހަރެންގެ އަޔާން މިހާރު ވަރަށް ބޮޑުވާނެ ދޯ...!" މަޑުމަޑުން ލޯ ހުޅުވާލާފައި އަލީޒީ ސުވާލުކޮށްލީ ސީދާ މުންޝިރުގެ ލޮލަށް ބަލައިލާފަ އެވެ. ފެންކަޅިވެފައިވާ ލޮލުގެ އެސްފިޔަތައް ހަރަކާތްކޮށްލަމުން މުންޝިރު ބުނެލީ އާއެކޭ އެވެ.
"ވަރަށް ބޮޑުވާނެ.. ވަރަށް ދިގުވާނެ.. މިހާރު އެއީ ވަރަށް ރީތި، ވަރަށް ފުރިހަމަ ޒުވާނެއް.. އަޔާންގެ މަންމަގެ ހުރިހައި ރީތި ސިފައެއް އަޔާންއަށް ލިބިގެންވޭ..! އައިޝާ އައިސް، އަލީޒީގެ އެނދުގެ ކަނާތްފަރާތުގައި އިށީންނަމުން ބޮލުގައި ފިރުމާލާފައި ވާހަކަ ދެއްކި އެވެ.
"މުޅި ގައުމު ފަހުރުވެރިވާފަދަ ރީތި އަހްލާގެއްގެ މާތް ދަރިއެއް.. މަންމަފަދަ ހުނަރުވެރި، ހީވާގި ކުއްޖެއް..! ދާދި ޅައުމުރުގައި އެތައް ބަޔަކު ސިއްސުވާލާފައި ގޮސް، މިއަދު އެއީ ކާމިޔާބު އަދި ފަހުރުވެރި ޑޮކްޓަރެއް..!" ފަހުރުވެރިކަމާއެކު މުންޝިރު ބުންޏެވެ.
ހަމައެވަގުތު ދޮރުހުޅުވާލާފައި އެތެރެއަށް ވެންނެވީ ޑޮކްޓަރެވެ. ވޯޑްގައި އެޑްމިޓްކޮށްފައި ތިން މީހުން ތިއްބަސް، ފުރަތަމަވެސް ޑޮކްޓަރުގެ މަންޒިލަކަށްވީ އަލީޒީ އެވެ.
"އޮތީ ވަރަށް އުފާވެރި ހަބަރެއް..!"
އަލީޒީގެ ދާދި ގާތުގައި ބަހައްޓާފައިހުރި މޮނީޓަރުތަކުން ފެންނަމުންދިޔަ ހާލަތައް ޑޮކްޓަރު ބައްލަވވައިލައްވަމުން ވިދާޅުވި އެވެ. އަލީޒީގެ އެންމެ ފަހުގެ ހުރިހައި ތަފްސީލެއް ފަރުވާތެރިކަމާއެކު ޑޮކްޑަރ ޗެކްކުރެއްވި އެވެ.
"އުފާވެރި ހަބަރުތަކަށް އެހާބޮޑަށް އިންތިޒާރުކުރުވުން ރަގަޅުވާނެތޯ ޑޮކްޓަރ.." ހިނިތުންވާން މަސައްކަތްކުރަމުން އަލީޒީ ސުވާލުކޮށްލި އެވެ. އަލީޒީއާއި ޑޮކްޓަރާއިމެދު އެކުވެރިކަން އުފެދިފައިވާކަން ދެމީހުންގެ މޫނުން ސާފުކޮށް ފެނެ އެވެ. ހިނިތުންވުން ލޮލާއި ހަމައަށް ނުފޯރިޔަސް، ގަދަކަމުންވެސް އަލީޒީ ހިނިތުންވުމަކީ އޭނާގެ އާދައެކެވެ.
"އަޅުގަނޑު އަބަދުވެސް އެންމެ އުފާވަނީ އަލީޒީގެ ބައްޔާއި، ވޭނާއި، ރިހުމަށް ފަރުވާލެއް ނުބަހަށްޓައއި ތިގޮތަށް ހިނިތުންވާން މަސައްކަތްކުރާތީ..! ރިހުމުގެ ވާހަކައިން މިހާތަނަށް ދުވަހަކުވެސް ޝަކުވާއެއް ނުކުރޭ.. ހާލަތު ކޮންމެ ގޮތަކަށް މެދުވެރިވިޔަސް، ކަންކަމާމެދު ހެޔޮކޮށްވިސްނައި ހިނިތުންވާން މަސައްކަތްކުރުމަކީ ބަލިމީހުންނަށް ބޭހަށްވުރެން މާ ބާރުގަދަ ޝިފާއެއް.. އަބަދުވެސް ތިޔަގޮތަށް ހިނިތުންވާން މަސައްކަތްކުރާންވާނެ.."! ތިން ހިތަކުން ވިންދުޖަހަމުންދިޔައީ ޑޮކްޓަރުގެ އުފާވެރި ހަބަރަށްކަން ޑޮކްޓަރަށް އެނގިވަޑައިގަތެވެ. ނަމަވެސް އެކަން ގަސްތުގައި ފަސްކޮށްލެއްވީ އެވެ.
"ހެޔޮއެދޭ ކޮންމެވެސް އަމިއްލަ ފަރާތަކުން، އަލީޒީގެ ތި ބައްޔަށް ފަރުވާކުރުމަށް ބޭނުންވާ ހުރިހައި ސާމާނެއް މާދަމާގެ ވަގުތެއްގައި މި ރަށަށް އެބަގެނޭ... އަޅުގަނޑުމެންނަށް ކަމާބެހޭ ފަރާތްތަކުން އެންގެވީ ވީ އެންމެއަވަހަކަށް އެކަމަށް ޖާގަ ހަދައި މެޝިންތައް ގުޅާލާފައި ފަރުވާދެވޭނެ އެންމެ އަވަސްމަގެއް ހޯދުމަށް..! މާދަމާގެ އިރުއޮއްސުމުގެ ކުރިން ވައިގެމަގުން މި ރަށަށް ހުރިހައި ސާމާނެއް ގެންނާނެކަމަށް މައުލޫމާތު ލިބިފައިއޮތީ.. މިއީ މިފަދަ އުފާވެރިކަމެއް ރާއްޖޭގެ ރަށަކަށް ލިބިގެންދާ ފުރަތަމަ ފަހަރު..!" އަލީޒީ ބައްލަވަމުން ޑޮކްޓަރު ވާހަކަދައްކަވަމުން ގެންދެވީ އުފަލާއި ހިތްހަމްޖެހުމާއެކު އެވެ.
ހައިރާންކަމާއެކު އަލީޒީ ބަލައިލީ ޑޮކްޓަރުގެ މޫނަށެވެ. އެތައް ސުވާލަކުން ނިއްކުރީގައި ރޮންގުތައް ސަފުހަދާލި އެވެ.
އަލީޒީގެ ބައްޔަށް ފަރުފާކޮށްދިނުމަށް އެހީވަނީ ކޮން ފަރާތަކުން ހެއްޔެވެ؟ މަންމަ ހެއްޔެވެ؟ ނޫނެކެވެ. މަންމަގެ ބަހުރުވައިންނަމަ، އަލީޒީއަކީ މަންމައަށްޓަކައި ދުނިޔޭގައި ނެތް ދަރިއެކެވެ. އެމީހުންގެ ފައިސާއިން ޒައްރެއްގެ މިންވަރުވެސް އަލީޒީއަށް ނުދޭނެ އެވެ. ނުވަތަ... ހާލަތު... ބަދަލުވީ ހެއްޔެވެ؟
"އަލީޒީގެ ބައްޔަށް ފަރުވާކުރުމަށް...؟؟ އަމިއްލަ ފަރާތަކުން...؟؟!!" ހައިރާންކަމާއި ކުއްލި ސިހުން ނުހިފެހެއްޓުނީ މުންޝިރަށެވެ.
އައިޝާގެ ހާލަތު އަލީޒީއަށްވުރެންވަކި ރަގަޅެއް ނޫނެވެ. ދެބުމަ ގޮއްޖަހައިލިގޮތަށް ޑޮކްޓަރުގެ މޫނުން ލޮލުގެ ކަޅި ދުރަށްނުލަ އެވެ.
"ނުވިސްނުނު...! ހެޔޮއެދޭ.. ކޮންމެވެސް ފަރާތަކުން...؟އަލީޒީއަށް ހެޔޮއެދޭ..؟ ނުވަތަ ރަށަށް.. ހެޔޮއެދޭ..؟" ބޮނޑިވަމުންދިޔަ ކިތަންމެ ސުވާލެއް ކުރާން މުންޝިރު ބޭނުމެވެ. އެހެންނަމަވެސް ހުރިހައި ސުވާލެއް ދުލަކަށްނަ އެވެ.
"މާ ބައިވަރު ސުވާލަށް ޖަވާބުދޭން އަޅުގަނޑަށްވެސް ވަގުތެއް ނެތް.. މިރަށަށް އައި ބޮޑު އީދެއްފަދަ ވަގުތެއް މިއީ... ދުނިޔޭގެ އެންމެ ފެންވަރު ރަގަޅު، އެންމެ ފަހުގެ މެޝިނެރީގެ އެހީގައި އެވަރުގެ ހާއްސަ ކުއްލި ޕްރޮޖެކްޓެއް ލިބުންމިއީ ހުވަފެނެއްގައިވެސް މިހާތަނަށް ރާއްޖޭގެ ރަށަކަށް ލިބިފައި ނެތް ނިއުމަތެއް.. މުޅި ކައުންސިލާއި ރަށުއޮފީހާއި ކަމާބެހޭ ހުރިހހައި ދާއިރާތަކެއް މިވަގުތު މަސައްކަތްކުރަމުންގެންދަނީ މާދަމާ އެ މެޝިންތަކާއެކު އެކަމުގެ ތަޖުރިބާކާރުންނާއި މާލޭގެ ޓީމް އަންނަންވާއިރަށް ވާންޖެހޭ ހުރިހައި ތައްޔާރީއެއް އެންމެ ފުރިހަމައަށް ވެވޭތޯ...!" ޑޮކްޓަރުގެ ކޮންމެ ވާހަކައެއް އަލީޒީއަށް ގެނެސްދދިނީ ހައިރާންކަމެވެ.
ނުތަނަވަސްކަމެއް ނުލިބުނީ އުއްމީދުގެ ވިންދެއް ހިތުގައި ޖަހަމުންދިޔައީތީ އެވެ. ނޭގޭ ކޮންމެވެސް ފިނިކަމެއް ހިތާއި ހަށިގަނޑު ތަޖުރިބާކުރަމުންދާކަން ބުނެދޭކަށް އަލީޒީގެ ދޫ ހަރަކާތެއް ނުކުރި އެވެ.
"ކުއްލިޔަކަށް މިހައިބޮޑު ކަންތައްތަކެއް މިވީ ކިހިނެއް ތޯ..؟ ތިޔަ ވިދާޅުވި ހެޔޮއެދޭ އަމިއްލަ ފަރާތަކީ ކާކުތޯ..؟ އެއްވެސް މީހަކަށް މީގެ އެއްވެސްކަމެއް ކުރިން އެނގިފައި ނުވޭތޯ..؟ ސަރުކާރުން ކަމެއް ކުރަން އުޅުއްވިޔަސް އަހަރު ދެއަހަރު ނޫނީ އެއަށްވުރެން މާ ގިނަދުވަސް އެބަނަގާ އެކަމެއް ފަށަންވެސް..! ދެން ހަމަ ކުއްލިޔަކަށް މިވަރުގެ ކަމެއް...؟؟!!" މުންޝިރަށް އެންމެ މުހިއްމުވި ސުވާލުތައް އަމުނާލި އެވެ.
"ސަރުކާރަށްވުރެން ފުދުންތެރި، އަމިއްލަ ފަރާތަކީ ކޮން ބޭފުޅެއް ތޯ..؟" އައިޝާގެ ސުވާލުން ޑޮކްޓަރ ހީލެއްވި އެވެ!
"އެއްވެސް ކަމެއްގެ އެއްވެސް ހަބަރެއް އަޅުގަނޑަށް އަދި އެހެންވެސް ފަރާތަކަށް ލިބިފައެއްނެތް... މައާފުކުރައްވާ..! މިއަށްވުރެން އިތުރަށް މިވަގުތު މައުލޫމާތު ހިއްސާކުރެވޭކަށް ނެތް.." ޑޮކްޓަރުގެ ނިންމެވުން މުންޝިރަށް އަބަދުވެސް ރަގަޅެވެ.
މިކަމުގައި ކިތަންމެ ބާރަށް ހިތްތެޅުނަސް، ކުރިއެރުމެއް އިތުރަށް ލިބޭކަށް ނެތްކަން މުންޝިރު ގަބޫލލުކޮށްފި އެވެ. ޑޮކްޓަރާއި މުންޝިރާއި ދެމެދު ބަދަހިވެފައިވަނީ އެކުވެރިކަމުގެ ގުޅުމެކެވެ. އަލީޒީއާއިމެދު ޑޮކްޓަރު ނިންމަވާ ކޮންމެ ނިންމެވުމެއް މުންޝިރު ގަބޫލުކުރާނެ އެވެ. ނަމަވެސް މިއަދު މި ލިބުނު ޝޮކުގައި ކަންކުރާނެގޮތެއް ކުޑަކޮށްވެސް ނުވިސްނެ އެވެ. ފެންނަނީ ހުވަފެނެއްކަން ނުވަތަ ހަގީގަތެއްކަން ބުނެދޭންވެސް މުންޝިރަށް ނޭގުނެވެ. ދޭތެރެއަކުން އަތުގައި އޮތް ފޯނަށް ބަލައިލެވެ އެވެ. މިސްޑް ކޯލެއް ނުވަތަ މެސެޖެއްވެސް ލިބިފައި ވޭތޯ އެވެ. ނަމަވެސް ލިބެނީ މާޔޫސްކަމެވެ.
..................
މުޅިރަށުތެރެ ހަލަބޮލި ވެއްޖެ އެވެ. ލިބުނު ކުއްލި ސިހުމާއެކު ރަށުގެ އުފާވެރިކަމުގައި ކުދިބޮޑު އެތައްބަޔަކު މޫނުމަތީން ހިނިތުންވުން ނޫނީ މިއަދު ނުފެނެ އެވެ. ރާއްޖެތެރޭގެ ކޮންމެ ރަށަކަށް ދިމާވެފައިވާ އެންމެބޮޑު ހިތްދަތިކަމަކީ ބޭސްފަރުވާގެ ދަތިކަމާއި ނިކަމެތިކަމެވެ. އެހެން ރަށްރަށަށްވުރެން ފެންފުށީގެ ހާލަތު ރަގަޅުކަމަށް އެރަށު ރައްޔިތުން ގަބޫލުކުރިއަސް، ކަމެއް ދިމާވުމުން އޮންނަނީ ބޮޑު އަގުދީފައި އެކި ދިމަދިމާލަށް ދަތުރުކުރާން މަޖުބޫރުވެފަ އެވެ. ރަށުގެ އާބާދީގެ ބޮޑުބަޔަކަށް ދިމާވެފައިވާ ނުރައްކާތެރި ހިތްދަތިކަމަށް މިއަދު ނިމުމެއް އަންނަނީކަމަށް އެތައް ރައްޔިތަކު ހިތުގެ އަޑިން ގަބޫލުކުރެ އެވެ. ކައުންސިލާއި ރަށު ރައްޔިތުންގެ ތަރައްގީއަށް، ކުއްޔަށް ދިނުމަށް ހަދާފައިވާ ތިން ބުރީގެ އިމާރާތް އަމިއްލަ ވިޔަފާރިވެރިޔަކު ގަނެ، އެތަނަށް ކުރަންޖެހޭ ހުރިހައި މަސައްކަތެއްކޮށް އަށްގަޑީރު ހަމަނުވަނީސް، ރަށު ރައްޔިތުންނިކުމެ ނިންމާލާފި އެވެ.
ހާއްސަ ހޮސްޕިޓަލަށް ބޭނުންވާ ސާމާނާއެކު އެކަމާއިބެހޭ ހާއްސަ ޓިމް މާލެއިން، އެއާރޓެކްސީގައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އެތައްބަޔަކު ބަނދަރުގައި ޅަދަރީން ގޮވައިގެން ތިއްބެވެ.
..................
"ހުރިހައި ކަމެއް ހަމަޖެހިއްޖެތަ..؟" މަޑުމަޑުން މިޒްރާ އަހައިލީ އަޔާންއާއި އަމީރާއަށް އަޑުނީވޭނެހާވެސް ސިއްރުންނެވެ.
"ހުރިހައިކަމެއް ރަގަޅު..! އެ އިމާރާތާއި ބިން ނުވިއްކަންވެގެން އެމީހުން ވަރަށް ހިފަހައްޓާލި.. އެކަމަކު ތިންގުނަ ބޮޑުކޮށް އަގު ހުށަހެޅީމައި ވަރަށް ފަސޭހައިން ދޫކޮށްލައިފި.. ޖަރމަނީގެ އިކްއިޕްމެންޓާއެކު އެމީހުން މިހާރު ތިބޭނީ އެ ރަށުގައި.. މާލެއިން ދާ ޓީމް ތަންކޮޅެއްކުރީން އެ ރަށަށް ގޮއްސި... އެހެންވީމަ ހާސްކަމެއް ނެތް...! އަހަރުމެންނަށް ދެވޭނީ އިރުއޮއްސެން ވަރަށް ގާތްވެފައި ހުއްޓައި.. ހުރިހައި ކަމެއް ކުރިއަށްދަނީ އަމަންގެ ބެލުމުގެ ދަށުން.. އެހެންވީމަ ހާސްނުވޭ!" ނާދިފްގެ ވާހަކަ މެދުކަނޑައިލީ އޭނާގެ 'ޕްރައިވެޓް' ފޯނަށް މެސެޖެއް އައުމުންނެވެ. މެސެޖްކިޔާލުމަށްފަހު ވަރަށް ތާޒާ ހިނިތުންވުމަކުން ނާދިފްގެ މޫނު އުޖާލާވެގެން ދިޔަ އެވެ.
"އަމަން..!؟" މިޒްރާ ސުވާލުކޮށްލި އެވެ.
"ހޫމް...! އޯލް ސެޓް..!" ދެޖީބަށް އަތްޖަހައިލަމުން ނާދިފްގެ ހަށިގަނޑު ސީދާކޮށްލި އެވެ.
"އެންމެން މި ދިމާލަށް އެ ބަލަނީ ކީއްވެ..؟" ވީއައި ޕީއިން ނިކުމެގެން ކާރަށް އަރަންދަމުން ހައިރާންކަމާއެކު އަޔާން ސުވާލުކޮށްލި އެވެ.
"ސްޕާރސްޓާރ އެންޑް ފޭމަސް ބިޒްނަސްމޭން ނާދިފް، އެންޑް ހިޒް ގޯޖަސް ވައިފް.." އަމީރާގެ އަތުން އިޝާރާތްކޮށް މަންމައާއި ބައްޕަ ދައްކައިލަމުން ބުނެލި އެވެ.
އަޔާންގެ އަންދާޒާގައި ގޯހެއްނެތެވެ. ރީތިކަމުގެ މިސާލެއް ނެތްފަދަ ހަތަރު މެންބަރުންގެ ހަރަކާތްތަކަށް އަމާޒު ނުވާ ލޮލެއް ދިމާނުވި އެވެ. އަންހެން ކުދިންގެ ކުދިކުދި ގޯނާގެ ބެލުންތަކުން އަޔާން ލަދުން އިސްޖަހައިލަން މަޖުބޫރުވެ އެވެ. ނާދިފްއަށް މިއީ އާކަމެއް ނޫނެވެ.
ފިރިހެންކުދިންގެ ނަޒަރުން ސަލާމަތްވުމަށް މިޒްރާއާއި އަމީރާ އެމީހެއްގެ ބައިވެރިޔާއާއި އިތުރަށް ގާތްވެލި އެވެ. އެމީހުންގެ ހައްގެއްކަން ބުނެދިނުމަށް އިތުރު ބަހުރުވައެއް ބޭނުންނުވާނެ ފަދައިންނެވެ.
................
ވާން މިއުޅޭނީ ކީއް ހެއްޔެވެ؟ އަލީޒީ މުޅިން ހިމޭން ވެއްޖެ އެވެ. މޫނުމަތީން ފެންނަ ބަލިކަން ހައިރާންކާމާއި އެތައް ސުވާލަކުން މަސްހުނިވެއްޖެ އެވެ. އެކުވެރި ޑޮކްޓަރުގެ މިއަދުގެ ހަރަކާތްތައް އަލީޒީއަށް ތަރުޖަމާކުރާކަށް ނޭގުނެވެ. ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފެއްގެ މޫނުމަތީން ފެންނަނީ އުޖާލާކަމެވެ. ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުން އަވަދިނެތި އުޅެނީ ކޮންމެވެސް ބޮޑުކަމެއް ލައިގަނެގެންނެވެ.
މުންޝިރުގެ އަތުގައި އޮތް ފޯނަށް އިރުއިރުކޮޅުން ބަލައިލަ އެވެ. ދެދުވަސްވީ އެވެ. އަޔާންގެ ފޯނު އޮންނަނީ ނިވާލާފަ އެވެ. އަލީޒީގެ ސުވާލުތަކަށް ދޭނެޖަވާބެއް މުންޝިރްގެ ނެތެވެ.
................
އިރުއޮއްސި ބަންގި ގޮވައިފި އެވެ. ހުޅުވާފައިވާ ކުދި ދޮރުތައް ލައްޕާލަން ނަރުހަކު ގާތްވުމުން އަލީޒީ އެދުނީ އެއް ދޮރުނަމަވެސް ކުޑަކޮށް ހުޅުވާލާފައި މިރޭ ބައިންދާލުމަށެވެ. ގުދުރަތީ ވައިލިބުން މިރޭ އަލީޒީ އެދޭތީ އެވެ. ނަމަވެސް މަދިރީގެ އުނދަގޫ ފޯރާނެ ވަގުތަކަށްވާތީ ހުރިހައި ދޮރެއް ލައްޕަންޖެހޭނެކަމަށް ބުނެފައި ނަރުސް އެކަން ކުރި އެވެ.
އައިޝާގެ އެހީގައި ވުލޫކޮށްލައިގެން އަލީޒީ ތައްޔާރުވީ ނަމާދަށެވެ. ގިބުލަޔަށް އެނދު އަނބުރާލުމާއެކު އަލީޒީ ނަމާދަށް ފެށި އެވެ. ދެވަނަ ރަކްއަތަށް ހަށަމްބަނދެލިތަނާއި ކުއްލިޔަކަށް ވައިގަދަވެ، ގަސްރުކުގައި ވައިއަޅުވާލިއަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އަލީޒީ ފުރިހަމަކުރީ އޭނާގެ ވާޖިބެވެ.
އެވަގުތަކީ އެއާރޓެކްސީން ފައިބައިގެން އަޔާން، ފެންފުށީގެ ފަސްގަނޑުގައި ފައި އެޅިވަގުތެވެ. ވައިގަދަވެ، ގަސްރުކުގައި ވައިއެޅިއަޑާއެކު އަޔާންގެ އަތުގައި ބާރަށް އަމީރާ ހިފެހެއްޓި އެވެ. ފެންނަމުންދިޔަ އަނދިރި މަންޒަރަށް އަމީރާ ފަރިތައެއް ނޫނެވެ.
"ހެއި ޕްރިންސެސް... އިޓްސް އޯކޭ..! މޫސުން ރަގަޅު ނޫން ދުވަސްކޮޅަކަށް ވެދާނެ.. އެކަމަކު ވިއްސާރައިގެ އަސަރެއް ފެންނާކަށް ނެތް.." ވަށައިގެން ޖައްވުގެ ތެރެއަށް ބަލައިލަމުން އަޔާން ބުންޏެވެ. އަމީރާގެ ބުރަކަށީގައި ފިރުމާލާފައި ގަޔާއި ކައިރިކޮށްލި އެވެ.
ކަޅުވިލާތަކުގެ ތެރެއަށްވަދެ، އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ފިލައި ހިނގައްޖެ އެވެ. އަމީރާގެ މަންމައާއި ބައްޕައަށް އަޔާން ބަލައިލީ އެވަގުތު އެވެ. ނޭގޭ އިހްސާސަކުން ހަށިގަނޑުގެ އެންމެ ހިމަ ނާރާއި ހަމައަށް އަސަރުކުރުވައއިފި އެވެ. ރިހުމެއް އުފެދުނީ ކުއްލިޔަކަށެވެ.
-ނުނިމޭ-