ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
"މަންމާ..!؟ ބާއްޕާ..!؟" އަމީރާއަށް ބުނެވުނީ ވައި އަޑުންނެވެ. ލިބުނު ސިހުމުގައި އަޔާންގެ ހިފެހެއްޓުން ބާރުކޮށްލެވުނެވެ. ހަމަހިމޭން ސިކުންތުތަކެއް ވެރިވި އެވެ. ގުދުރަތީ ފިނި ވަޔާއި ވިއްސާރައިގެ ތާޒާކަން މުޅި ބަގީޗާއަށް ވެރިވެފައިވީ ހިމޭންކަމުގެ ތެރޭގަ އެވެ.
އަޔާންގެ އުނގަނޑުގައި ބަގުޑި ބައްދައިގެން އިނދެފައި، އަޔާންގެ އަތުގެތެރެއިން ލޫދިގަނެގެން އަވަސް އަވަހަށް އަމީރާ ބިމަށް ފައިބައިފި އެވެ. ލަދުން ރަތްވެފައިވާ ދެ މޫނަން ނާދިފްއާއި މިޒްރާ ބަލައިލި އެވެ. ހިނިގަނޑު ފަޅައިގެންދާހެން ހީވުމުން މޫނުމަތީގައި ނާދިފް އަތް އަޅާފައި ފުރަގަސްދިނެވެ.
"ސީރިއަސްލީ ބައްޕާ..!؟؟"
ދާދިދެންމެ ހިނގާދިޔަ ހުރިހައިކަމެއް މަންމައާއި ބައްޕަގެ ލޮލުން ދެކެފިކަމާއިމެދު އާމީރާގެ ސުވާލެއްވެސް ނެތެވެ. ލަދުން ރަތްވެ، ޓޮމާޓޯއެއް ފަދައިން އަމީރާގެ މޫނު ރަތްވެއްޖެ އެވެ.
ފުރަންދާ ގަޑި ޖެހެން ވަގުތު ކުޑަތަންވީއިރުވެސް އަޔާން ނުފެނިގެން، އަޔާންގެ ލޮކޭޝަން ބަލަމުން އަމީރާ މި ޕާކަށް އައީ މަންމައާއި ބައްޕައާއެކު އެވެ. ކާރުގައި މަޑުކުރުމަށް ބުނެފައި އަމީރާ ޕާކުތެރެއަށް ދުއްވައިގަތީ ފޯނަށް ބަލަމުންނެވެ.
ކުރިން 'ޕްލޭންކުރެވިފައި ނެތް' ލޯބީގެ ފުރިހަމަ ހުށައެޅުން، ދެ ލޯބިވެރިންގެ ހިތް ތަފާތުރާގަކުން ތާޒާކުރަމުން ދިޔަ އެވެ. ހިނގާދިޔައީ ހިޔާލުގެ ތެރޭގައި ކިތަންމެ ފަހަރަކު ކުރަހައި ކުލަޖައްސާފައިވާ މަންޒަރެކެވެ. ނަމަވެސް ލަދުވެތިކަމަކީ، އުއްމީދު ނުކުރި ބަޔަކު އެ މަންޒަރު ދެމީހަކު ދެކެފި އެވެ. މަންމައާއި ބައްޕަގެ މޫނުމަތީން ފެންނަމުންދިޔަ ލާނެއްކަން އެހުރިހައި ކަމަކަށް ހެކިދިނެވެ. ބުނާނެ އެއްޗެއް ނޭގި ލަދުން އިސްޖަހައިލައިގެން ހުރީ އަޔާން އެވެ.
"މުޅި ގޭގެ ހުރިހައި ފާރެއްގައި ހަރުކުރާނެ ފޮޓޯ ލިބިއްޖެ..." ނާދިފްގެ ފޯނު ދައްކާލަމުން ބުނެލި އެވެ.
"ތިއޭޓަރ ރޫމްގަ އަޅުވާނެ ވީޑިއޯވެސް ލިބިއްޖެ.." މިޒްރާގެ ފޯނު ދައްކާލަމުން ބުނެލީ ދިމާކޮށްލުމަށެވެ.
"ޔޫ ގައިޒް އާރ ކްރޭޒީ..!" ދެފަރާތަށް ބޯ ހޫރާލަމުން އަމީރާ ބުނެލީ ތުންކޮޅު އޫކޮށްލާފަ އެވެ.
"މިޒްރާ..! މަމް އެންޑް ޑޭޑް އަށްވެސް ފޮޓޯތައް ފޮނުވާލައްޗޭ..." ނާދިފްގެ ލާނެއްކަމާހުރެ މިޒްރާގެ ހިނިގަނޑު ނުހިފެހެއްޓުނެވެ.
"ޓޫ މަޗް ގައިޒް.." ލަދުންހުރެވެސް އަޔާންގެ މޭގައި ބޯއަޅައިލަމުން އަމީރާ ބުނެލީ ތުން ދަމާލާފަ އެވެ. ހިނގާދިޔަ ހުރިހައި ކަމެއް މަންމައާއި ބައްޕަ ފޮޓޯނެގިނަމަ، ކާފައާއި މާމައަށްވެސް މިކަމުގެ ހަބަރުދާނެކަން ޔަގީނެވެ.
ދާދި ގާތުގައި ތިބެގެން ދެ މީހަކު ފޮޓޯ ނަގައި އަދި ވީޑިއޯ ކުރަމުންދިޔަކަމުގެ އިޝާރާތެއްވެސް ދެ ލޯބިވެރިންނަށް ނުވެ އެވެ. ހަގީގަތުގައިވެސް ނާދިފްއާއި މިޒްރާ ފޮޓޯ ނަގައި ވީޑިއޯކުރި އެވެ. އެއީ މިޒްރާ ބޭނުންވެގެން ކުރިކަމެކެވެ. އަލަތު ލޯބީގެ އެފަދަ ވަގުތެއްގެ ތާޒާ ހަންދާންތަކަކީ މަދުންނޫނީ ރައްކާކުރެވިފައި ނުހުންނަ، އެކަމަކު އަބަދަށް ހިތް އެދޭ ހަންދާން ތަކެކެވެ. ދެކުދިންގެ ފޯނަށް އެ ހުރިހައި އެއްޗެއް ފޮނުވާލާފައި ދެމީހުންގެ ފޯނުން ހުރިހައި އެއްޗެއް ފޮހެލީވެސް ހަމަ އެވަގުތު އެވެ.
"ހޫމް..! ހޫމް..! ނައު އޮފިޝަލީ... ބޯއި ފްރެންޑް... ގާރލް ފްރެންޑް..!!؟" ދެކުދިންނަށް އަތުން އިޝާރާތްކޮށްލަމުން، މިޒްރާ ބުނެލީ އުފަލާއެކު އެވެ.
"ވަރަށް މަރުހަބާ ދެކުދިންނަށް... ވެލްކަމް ޓު ފެމިލީ އަޔާން..! ބައްޕައާއި މަންމަގެ ހެޔޮ ދުއާ އަބަދުވެސް ތިޔަދެކުދިންނާއެކުވާނެ.. އަޔާންއަށްވުރެން ބައްޕަ އިތުބާރުކުރާނެ މީހަކު ދަރިފުޅުގެ ހަޔާތަކަށް ނުލިބޭނެ... މުޅި ދުނިޔޭގައި ބައްޕަ އަތް ފުނާއެޅިޔަސް ތިޔަށްވުރެން ފުރިހަމަ މީހަކު ޕްރިންސެސްއަށް ނުލިބޭނެ.. ! ދެކުދިންގެ ލޯތްބަށް ބައްޕަމެންގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެ.." މިޒްރާގެނެސް ނާދިފްގެ އަތުތެރޭގައި ބޮނޑިކޮށްލި އެވެ. ދަރިފުޅުގެ ހޮވުމަށް ހަގީގަތުގައިވެސް ނާދިފް ފަހްރުވެރިވި އެވެ.
އަލަތު ލޯބިވެރިންގެ ގޮތުގައި އަޔާންއާއި އަމީރާ ބައްދާލައިގެން ތިއްބަސް، ނާދިފްއާއި މިޒްރާގެ، ބާވީހަކަށް އަހަރުވެފައިވާ ލޯބި މިއަދުވެސް ވަރަށް ތާޒާ އެވެ.
"މަންމަ ވަރަށް އުފާވެއްޖެ، އަޔާންގެ ރަށަށް ދިއުމުގެކުރީން ތިޔަ ދެކުދިންގެ އިހްސާސްތަކަށް ލޯބީގެ ނަން ދެވި، ދެކުދިންގެ އިހްސާސްތައް ދެނެގަތީމައި.." ނާދިފްގެ މޭގައި ބޯއަޅާލަމުން މިޒްރާ ބުންޏެވެ.
"އޫޕްސް.... މަންމާ... ބައްޕާ... ފުރަން ދާން ލަސްވެގެން އަޔާން ހޯދަން މިތަނަށް އައީ...! ހުރިހައި ކަމެއް ހަނދާން ނެތުނީ އަޔާންގެ ސަބަބުން.." އަމީރާގެ ނިއްކުރީގައި އަތުން ޖަހައިލަމުން ލޯބި ގޮތަކަށް ބުންޏެވެ. ދެންތިބި ތިން މީހުންގެ އަނގަ ހުޅުވި ދެ ލޯ ބޮޑުވެގެން ދިޔަ އެވެ. ހުރިހައި ކަމެއްގެ ޒިންމާ ނަގަންޖެހުނީ ހަމައެކަނި އަޔާންކަމަށް ވީތީ އެވެ.
"އާން.. އާން... ކުރި ހުރިހައިކަމެއްކުރީ އަޔާން އެކަނި... ހަމައެކަނި އަޔާން.. ނޫންތަ އަޔާން..؟" އަމީރާއާއި ދިމާކޮށްލުމަށް ނާދިފް ލޮލާއި ބޮލުން ވައްތަރުޖައްސާލަމުން ބުނެލި އެވެ. އަޔާންގެ މޫނަށް ތާޒާ ޗެރީއެއްގެ ކުލަ އެރި އެވެ.
"ދުވަހަކުވެސް ނުލިބޭނެފަދަ އަގުބޮޑު މަންޒަރެއްގެ ފޮޓޯ ނަގަން ތިބެވުނީމައި ހަންދާން ނެތުނީ... ދަރިފުޅުވެސް ހަނދާނެއް ނެތް ދޯ މިތަނަށް އައީ އެކަނި ނޫންކަމެއް.." ނާދިފްގެ ގަޔާއި މިޒްރާ ދުރައްޖައްސާލީ ނުހަނު ލޯބިން ނިއްކުރީގައި ކިސްކޮށްލާފަ އެވެ.
އެއަށްފަހު އަމީރާގެ ނިއްކުރިއާއި ބޮލުގެ އިސްތަށިގަނޑުގައި ނާދިފް ކިސްކޮށްލި އެވެ. އަތުގައި ހިފާފައި ގެނެސް މިޒްރާގެ ގާތުގައި އަމީރާ ބަހައްޓާފައި އިޝާރާތްކުރީ ކުރިއަށް ހިގައިގަތުމަށެވެ. ހަމައެވަގުތުގައި އަޔާންގެ ކޮނޑަށް ނާދިފް އަތް ވައްޓާލާފައި ގާތްކޮށްލި އެވެ.
"ކެއަރފުލް ދަރިފުޅާ..! ކެއަރފުލް..! ވެމްޕައަރެއްގެ ދަރިއެއް ތި ލިބުނީ...! ތިރީހަކަށް މިނިޓްތެރޭގައި ދެ ފަހަރު ލޭ ބޮއެލައިފިދޯ.. އަދި ކުރިއަށް އޮތީ... އަބަދުވެސް ކޮންޓްރޯލް ނަގާތި..! އެންޑް.. ފޮޓޯ އަދި ވީޑިއޯސްތައް ވަރަށް ފުރިހަމަ...!"
އަޔާންގެ ކޮނޑުގައި ޖަހައިލަމުން ނާދިފް ބުނެލި ޖުމުލަތަކުން އަޔާންގެ ދެކަންފަތުން ހޫނު އާވި ނިކުންނާން ފެށި އެވެ. ބިން ފަޅާފައި އަޑިއަށް ވަންނާންވެސް ހިތައް އެރި އެވެ. ފިނިފެންމަލުގެ އެންމެ ދަގަ ފިޔާތޮށިކުލައަށް އަޔާންގެ މޫނު ބަދަލުވެގެން ދިޔައިރު ނާދިފްގެ ހިނިގަނޑު ފަޅައިގެން ހިގައްޖެ އެވެ. ބުނާނެ އެއްޗެއް ނޭގި ތިރީ ތުންފަތުގައި އަޔާން ބާރަށް ދަތްއެޅި އެވެ.
................
"ޑޮކްޓަރުގެ ހުއްދަ ލިބިއްޖެ...! ވިދާޅުވީ، މިވަގުތު ކުއްލި ހަބަރެއް އަލީޒީއަށް ތަހަންމަލްކުރެވޭނެކަން ނުވަތަ ނޫންކަމުގެ ޔަގީންކަން ދޭން ޑޮކްޓަރަށްވެސް ފަސޭހަނޫންކަމަށް..! މަޑުމަޑުން އެ ވާހަކައެއްގެ ތެރެއަށް އަހުލުވެރިކުރުވާފައި ބުނުން އެންމެ ރަގަޅުވާނެކަމަށް ވިދާޅުވީ... އެހެންވީމައި އެންމެ ފުރަތަމަ އަޔާންގެ އެކި ވާހަކައިން ހަނދާންތައް އަކޮށްލާފައި އެ ވާހަކައިގައި އަލީޒީ ޝާމިލުކުރުވާލާނީ..." މުންޝިރަށް ފެންނަގޮތް ބުނެލި އެވެ.
"ހިޔާލެއްގެ ގޮތުގައި ހުށަހަޅަންވީ ކަންނޭގެ، އަޔާން ދެތިންދުވަހަށް ގެނެސްލާފައި ފޮނުވާލާގޮތަށް މމިވަގުތު ގެނަޔަސް އެންމެ ރަގަޅުވާނެތޯ..! އަލީޒީއަށް އެ ގޮތް އެންމެ ރަގަޅުތޯ...؟" އައިޝާއަށްވެސް ފެންނަ އެއްޗެއް ބުނެލި އެވެ. ދެމީހުން އެކުގައިވަނީ އަލީޒީ ބާއްވާފައި އޮތް ވޯޑަށެވެ.
................
ވެހެމުންދިޔަ ވާރޭ ހުއްޓާލައިފި އެވެ. މަގުތަކުގައި ހައްދާފައިވާ ގަސްތައް ހެލިލުމުން ބިމަށްފައިބަމުންދާ ވާރޭގެ ތިކިތަކަށް ބަލަހައްޓައިގެން އަޔާން އިނީ ހިޔާލެއްގެ ތެރެއަށް ގެއްލިފަ އެވެ. ޓްރެފިކް ލައިޓްގައި ކިތަންމެ އިރަކުވެސް ތިބެން ޖެހިދާނެކަން އިނގޭތީ ދާދިދެންމެ ނާދިފް ގުޅާފައި، ފުރުމުގެ ކަންތައް ތިންގަޑީރު ފަސްކުރުމަށް މެނޭޖަރަށް އަންގައިފި އެވެ. އަމިއްލަ ޖެޓުގައި ދަތުރުކުރިޔަސް، ހަމަޖައްސަންޖެހޭ ކަންކަމަށް ވަގުތުނަގާނެކަން އެނގޭތީ ދުރާލައި ނާދިފް އެކަން ހަމަޖެއްސި އެވެ.
އަޔާންއާއި އަމީރާ ތިބީ ކާރުގެ ފަހަތުގަ އެވެ. ނާދިފް ކާރު ދުއްވަން އިނީތީވެ، މިޒްރާ އިނީ ޕެސެންޖަރ ސީޓްގައި އެވެ.
ކާރުތެރޭގެ ހިމޭންކަން ނާދިފްއަށް ކަމަކުނުދިޔަ އެވެ. ދައްކަން ހުރި ވާހަކަތައް ގިނަކަމުން ފަށަންވީ ގޮތެއް ނާދިފްއަށް ނޭގި އެކަމަށް ވިސްނާލި އެވެ.
"އަޔާންގެ ކާފައަކީ މުހައްމަދު ޒަރީރު ..، މާމައަކީ ނިހާޔަތު ޝަރަފް..، އެމީހުންގެ ވިޔަފާރިއަކީ ޒީޒް އިންވެސްޓްމެންޓް..! އެނަން ކިޔާފަ އެ އޮންނަނީވެސް އަޔާން ކާފައާއި މަންމަގެ ނަމުގެ ޒެޑް ހިމަނައިގެން..! ކާފަ ނިޔާވުމުން ކޮމްޕެނީއާއި ކާފަގެ ހުރިހައި ވިޔަފާރިއަކާއި ގެއާއި ހުރިހައި މުދަލެއް އަމިއްލަކޮށްގެން ތިބީ އަޔާންގެ މާމައާއި މާމަގެ މިހާރުގެ ފިރިމީހާއާއި އޭނާގެ ދަރިން..! ކޯޓް މެދުވެރިކޮށް އެކަންކަން ހިނގާފައިވަނީ ވަރަށް ނާއިންސާފުން..! އޭގެ ފަހުން އެމީހުން މިހާރު ދިރިއުޅެމުންދާ ގޮތާއި، އެމީހުންނާއިމެދު ކަންކަން ވެގެންދިޔަގޮތް އަޔާންއަށް އިނގޭތަ؟"
ނާދިފް ދިން ހަބަރާއި ކޮށްލި ސުވާލުގެ ސަބަބުން ކާރުތެރޭގެ މާހައުލު މުޅިން ބަދަލުވެއްޖެ އެވެ. ހައިރާންކަމާއެކު، އެކަކު އަނެކެއްގެ މޫނު ބަލައިލި އެވެ. އެންމެ ބޮޑު ބަދަލެއް އައީ އަޔާންއަށެވެ. ބުނާނެ އެއްޗެއް ނޭގި ދެ މުބަ ގޮއްޖަހައިލައިގެން އިނދެވުނީ ވާނުވާ ނޭގިފަ އެވެ.
އާއެކެވެ! އަޔާންއަށް އެނގޭ އެއްކަމެއް އެބައޮތެވެ. އަޔާންއާއި ބެހޭގޮތުން އަމީރާއަށް ބުނެދީފައިވާ ހުރިހައި އެއްޗެއް އަމީރާގެ ބައްޕައަށް ކިޔައިދިނެވެ. ނަމަވެސް އޭގެފަހުން އެއާއި ގުޅިގެން އެއްވެސް ކަމެއް ހިނގާފައިވާކަމެއް ނުވަތަ ނޫންކަމެއް އަޔާންއަކަށް ނޭގެ އެވެ. ކާފަގެ ކޮމްޕެނީއަށް ދީފައިވާ ނަމުގެ ހަގީގަތެއްވެސް އަޔާންއަކަށް ނޭގެ އެވެ. މަންމަ ބަލިވެ އުޅޭތާ، އެތައް އަހަރެން ފާއިތުވެގެން ދިޔުމުން، މާމައާއި ގުޅޭތޯ އަޔާންކުރި މަސައްކަތުގައިވެސް އެހީތެރިވީ އަމީރާގެ ބައްޕަ އެވެ. އެކަމަކު މިއަދު މިވަގުތު މި ވާހަކަ މިގޮތަށް މި ގެނައީ ކީއްވެ ހެއްޔެވެ؟ އަޔާންގެ އާއިލާ ނާދިފްއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟
"ވަރަށް ބައިވަރު ސުވާލު އުފެދިއްޖެ ދޯ...!؟" ޓްރެފިކް ލައިޓްގެ ސިގުނަލާއެކު ކާރު ދުއްވައިލަމުން ނާދިފް ވާހަކަދެއްކީ އަޔާންއަށް ނަޒަރު ހުއްޓާލަމުންނެވެ.
ކަނާތު ބުމަ ހިއްލާލާފައި، ވާތުލޯ ކުޑަކޮށްލަމުން އަޔާން ބަލައިލީ ދޭނެ ޖަވާބެއް ދުލަށް ނައީތީ އެވެ. އަޔާންއަށް އައި ބަދަލު ނާދިފް ދެނެގަތީ ހިނިތުންވުމަކުންނެވެ.
"އަރަތެއް ފަދައިން ވާހަކަ ނުދައްކާ، ސާފުކޮށް ބުނެލައިދޭންވީނުން..." ކާރުތެރޭގެ މާހައުލު މިޒްރާއަށް ކަމުނުދިޔުމުން ނާދިފްގެ އަތުގައި ފިރުމާލާފައި ބުންޏެވެ.
"އަޔާންގެ މަންމައާމެދު އަޔާންގެ މާމަ ކަންކަންކުރި ގޮތަކީ ދުރުހިލޭ މީހަކަށް ދުޝްމިނަކުވެސް ކަން ނުކުރާނެފަދަ ރަހުމުކުޑަ، އިންސާނިއްޔަތުކަމެއް ނެތް ވަރަށް ދަށުދަރަޖައިގެ މީހަކަށްވެސް، އެހެން މީހަކަށް ހަދާލަން ނުކެރޭނެ ނިކަމެތި ގޮތްތަކެއް.." ނާދިފްގެ އަޑުގައިހުރި ސީރިއަސްކަން މިޒްރާގެ ގައިން ހީބިހި ނަގުވާލި އެވެ.
"މި ވާހަކަތައް ދައްކަން އަހަރުމެންނަށް ވަރަށް ގިނަ ވަގުތު ލިބޭނެ.. ރާއްޖެއަށް ދެވެންދެން މިނޫންކަމެއް ނުކޮށްފިއްޔާ ދަތުރު ވަރަށް ކުރުވާނެ.." އަޔާންއަށް ބަލައިލަމުން ނާދިފް ބުންޏެވެ.
އަމީރާ ބަލަމުން ގެންދިޔައީ އަޔާންގެ މޫނަށެވެ. ހިތް ނުތަނަވަސްވެ، ފިކުރުބޮޑުވަމުންދިޔަ މޫނަށް ބބަލައިލާން އަމީރާއަށް މާ ފަސޭހައެއް ނުވި އެވެ. ދެ ލޯ ފުރިފައިވަނީ އުނދަގޫ ސުވާލުތަކަކާއި އެތައް ޝަކުވާޔަކުންނެވެ. އަޔާންގެ ބޮޑު އަތް ގެނެސް އަމީރާގެ ކުޑަކުޑަ އަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ. ދެމީހުންގެ އިނގިލިތައް މެހިގެންދިޔަ ވަގުތު އަޔާންގެ ދެ ލޯ މަރައިލި އެވެ. އަދި ކާރުގެ ސީޓުގައި ލެނގިލައިގެން ފުންކޮށް ނޭވާލަމުން އަމީރާގެ އަތް ގެނެސް އަޔާންގެ މޭގައި ޖައްސައި ފިއްތާލި އެވެ.
ލޯގަނޑުން މި މަންޒަރު ބަލަމުންދިޔަ ބައްޕަގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ފޮހެލީ ލުއި ހިނިތުންވުމަކާއެކު އެވެ. ފަހަތަށް ބަލައިލާފައި މިޒްރާވެސް ލުއިގޮތަކަށް ހީލި އެވެ.
"އަހަރުމެންގެ ލޯބިލޯބި ޕްރިންސެސް ބޮޑު ކުއްޖަކަށްވެއްޖެ.." ވަރަށް މަޑުމަޑުން މިޒްރާ ބުނެލީ ނާދިފްގެ އަތުގައި ފިރުމާލަމުންނެވެ. އެއްބަސްވުމުގެ ގޮތުން ނާދިފްގެ ބޮލުން އިޝާރާތްކޮށްލި އެވެ.
"އަހަރެން މިހާރު މި އިންތިޒާރުކުރަނީ ވީ އެންމެ އަވަހަކަށް، މާލެއަށް ގޮސް އެ ރަށަށް ދެވޭނެ ވަގުތަކަށް.." މިޒްރާގެ އަތް ގެނެސް ނާދިފްގެ ފަލަމަސްގަނޑުމަތީގައި ބާއްވާލާފައި ފިރުމާލަމުން ބުންޏެވެ.
"އެކޮޅުން އެއަރ ޓެކްސީ ހަމަޖައްސައިފިންތަ..؟" މަޑުމަޑުން މިޒްރާ ސުވާލުކޮށްލި އެވެ.
"މިކޮޅުން އަހަރުމެން ނައްޓާލީމައި، ސްޓީވް އެކަންކަން ހަމަޖައްސާނެ.. މާލެއަށް އަރާކަށް ނުޖެހޭނެ.. ޖެޓް ލޭންޑްކުރާއިރު އެއަރޓެކްސީ އޮންނާނީ ތައްޔާރަށް..!" ވަރަށް މަޑުމަޑުން ލޯތްބާއެކު ނާދިފް ބުންޏެވެ.
.......................
"އަހަރެން މި ހާލުގައި އޮއްވައި އަޔާން ގެނައުމަކީ ރަގަޅު ކަމަކަށް ނުވާނެ.. އެކަމަކު އެދަރިފުޅު ދދެކިނުލައި ފަހު ނޭވާ ދޫކުރުމަކީ އަހަރެންގެ ހިތް އެދޭ ގޮތެއް ނޫން.. މި ހިތުގައި ވަނީ ހަމައެކަނި އަޔާން..! ހިތަކީ ހަމައެކަނި އަޔާންގެ އެއްޗެއް..! އެހެންވީމަ މިހިތުގެ ވިންދު އެންމެ ފަހަރަކުނަމަވެސް އިހްސާސްކޮށްލުމުގެ ފުރުސަތު އަހަރެންގެ ދަރިފުޅަށް ދިނުމަކީ އެދަރިފުޅުގެ ހައްގެއް...!"
އަޔާންގެ އެތައް ހަނދާނަކުން އަލީޒީގެ ހިތް ތެޅިލި އެވެ. އުއްމީދެއްނެތި މަރާލެވިފައިވާ އެސްފިޔަތައް ހުޅުވާލައިފި އެވެ. އުފާވެރިކަމުގެ ނަޒަރަކުން ދުނިޔެއަށް ނޭވާއެއްލާން މިއަދު އަލީޒީ ބޭނުންވެއްޖެ އެވެ. މުންޝިރުގެ ކޮންމެ ޖުމުލައެއް މިއަދު އަލީޒީއަށް އުއްމީދު ގެނެސްދީފި އެވެ. ލިބުނު ކުރިއެރުން ފެނި، ލިބުނު އުފަލުގައި އަލީޒީގެ ގައިގަ އައިޝާ ބައްދައިލި އެވެ. އެތައް ދުވަހަކަށްފަހު މިފެނުނު މަންޒަރު މުންޝިރުގެ ހިތްވެސް ރޮއްވާލި އެވެ.
"އަވަހަށް ގުޅާބަލަ... އަހަރުމެންގެ ލޯބި އަޔާންއަށް އަވަހަށް ގުޅާބަލަ..!" އައިޝާ އުފަލުން ރޮނީ އެވެ. ތިން މީހުންގެ ދުނިޔޭގެ ދިރުމަކީ އަޔާން އެވެ. އުފަލާއި ހިތްހަމަޖެހުމަކީވެސް އަޔާން އެވެ. މުންޝިރުގެ ޖީބުން ފޯނު ނަގާފައި އަވަސް އަވަހަށް އަޔާންއަށް ގުޅައިލި އެވެ. ދެބުމަ ގާތްކޮށްލަމުން ތިން ހަތަރު ފަހަރުވެސް ގުޅި އެވެ. ނަމަވެސް މޫނުމަތީގެ އުޖާލާކަން ފިލައިގޮސް ނިއްކުރިން ދާ ތިކިތައް ބޮކިޖަހައިލުން ނޫން ކަމެއް ނުވި އެވެ.
"ކިހިނެއްވީ..؟" ހާސްކަމާއެކު އައިޝާ ސުވާލުކޮށްލި އެވެ. ފޯނު ދައްކާލަމުން މުންޝިރު އިޝާރާތްކޮށްލީ ނުގުޅޭ ކަމަށެވެ. ތަކުރާރުކޮށް ގުޅިއެވެ. އަޔާންގެ ފޯނު އޮތީ ނިވާލާފަ އެވެ. އިރުއިރުކޮޅުން ގުޅި އެވެ. ގަޑި ދެގަޑީރުފަހުންވެސް ގުޅި އެވެ. ފޯނު އޮންނަނީ ނިވާލާފަ އެވެ. ލިބުނީ މާޔޫސްކަމެވެ.
-ނުނިމޭ-