ހޯމްލޭންޑް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 20 ކުންފުންޏެއްގެ ނަން ހާމަކޮށްފަ އެވެ. އެއީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީ ގަވާއިދުން ދައުލަތަށް ދައްކަމުންދާ ފަރާތްތަކެއް ކަމަށެވެ.
ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި ފަރާތްތަކުގެ ނަން އެ މިނިސްޓްރީން ހާމަކުރީ 24 ޖުލައި ގަ އެވެ. އޭގެ ތެރެއިން ބައެއް ވިޔަފާރިތަކަށް ފީ ނުދައްކައި އޮތްކަން އެނގުނީ ލިސްޓު ހާމަކުރުމުން ކަމަށް އޭރު ބުނެފައިވެ އެވެ.
މިނިސްޓްރީން ނަން ހާމަކޮށްފައިވާ ކުންފުނިތަށް:
- އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- އަންގިރި ރިސޯޓް މެނޭޖުމަންޓު އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް
- ބްރެނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޗިކާނޯ އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
- އީސްޓް ކޯސްޓް އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
- ގޭޖު ޕްރައިވެޓް ލިމިޓެޑް
- ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް
- ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
- އިންޓަނޭޝަނަލް ބެވެރޭޖަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
- މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
- ޕެސްޓް އެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
- ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑް
- ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
- ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
- ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
- ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް
- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ހޯމް މިނިސްޓްރީން މިރޭ ބުނިގޮތުގައި، އެ ކުންފުނިތަކުގެ ނަންތައް އޭރު ލިސްޓުގައި ހިމެނީ ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު ލައްކައަކަށް ވުރެ އިތުރުވުމުގެ ސަބަބުންނެވެ. އެކަމަކު، މިހާރު އެއީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީތަކާ ގުޅިގެން ދައުލަތަށް ގަވާއިދުން ދައްކަން ޖެހޭ ފީތައް ދައްކަމުންދާ ކުންފުނިތައް ކަަމަށް މިނިސްޓްރީން ބުންޏެވެ.
އޭރު މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އޮތެވެ.
އޭގެ ތެރެއިން ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ އެކި ކުންފުނިތަކުން ދައްކާފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.