މާލޭ މަގުމަތިން ބުޅާ ހިފާ އޭގެ މަހުގައި ކާތަކެތި ހަދާ ވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި އިއްޔެ ވަނީ ބަންގަލޭޝް ރައްޔިތަކު ހައްޔަރުކޮށްފަ އެވެ. އަރަފާތު ހޮސައިން ކިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ފިލައިގެން އުޅެނިކޮށެވެ. ހައްޔަރު ކުރީ ސިފަ ބަދަލު ކުރަން ބޯބަލަން ސެލޫނަކަށް ގޮސް ހުއްޓާ އެވެ. މި މީހާ މިހާރު ހުރީ އިމިގްރޭޝަން ބެލުމުގެ ދަށުގަ އެވެ.
މި މީހާ ބުޅާ މަހުގައި ސަބްމަރިންނާއި ބާގާ ހަދާ ފިހާރަތަކަށް ލާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެ އާ އެކު އޭނާ ބުޅާ ހިފާ ކަތިލާ މިތަކެތި ހެދިކަމަށް އެއްބަސްވިކަމަށާއި އެ ތަކެތި ވިއްކަން ބެހެއްޓި ފިހާރަތަކުގެ ލިސްޓެއް ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ނެވެ. އަދި މި ލިސްޓްތައް ދައުރު ކުރަނީ އިމިގްރޭޝަންގެ އޮފިޝަލް އެކައުންޓުތަކުން ކޮށްފައިވާ ޕޯސްޓުތަކެއް ގޮތަށް ތައްޔާރުކޮށްގެން ނެވެ.
ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ދައުރު ކުރަމުން ގެންދާ ލިސްޓަކީ ފޭކު އެއްޗެއް ކަމަށެވެ. އަދި އެފަދަ ލިސްޓެއް އެ އިދާރާއިން ނުނެރޭކަމަށް ޝައްމާން ވިދާޅުވިއެވެ.
ބުޅާ މަހުން ކާތަކެތި ހެދިކަމަށް ބުނާ މީހާ އެ މަސައްކަތް ކުރަމުން ދިޔަ ތަނުގެ ފޯޓޮތަކާއި ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ. ގޮނޑެއް ހެން ހީވާ އެތަނުގައި ކުނިވެ ނުބައިވެފައި ހުރި މަސް ފްރިޖްތަކަށް އަޅާފައި ހުއްޓާ ވަނީ ފެނިފައެވެ.