"އަޔާން މަންމާ.. މިއީ މިޒްރާ... އަމީރާގެ މަންމަ.." މިޒްރާގެ އޯގާވެރި ކުރު ތައާރަފްގެ އަޑާއެކު ބައްޕަގެ ކަނދުރާގެ ތެރެއިން ބޯ ހިއްލާލަމުން އަމީރާ ބަލައިލީ ސީދާ އެނދާ ދިމާއަށެވެ.
"އިން ޝާ ﷲ އެދެކުދިންގެ ދުނިޔެ ހޭދަކުރާނީ އެކަކު އަނެކަކަށްޓަކައި އުފަލުގައި..! އަހަރުމެންގެ ޅަދުވަހު ނުލިބުނު ހުރިހައި އުފާވެރިކަމެއް އެކުދިންގެ ދުނިޔެއިން ހޯދައިގެން އުފަލުގައި ދިރިއުޅޭނެ ދުވަހެއް ތަނަވަސްކޮށްދެވޭތޯ އަހަރުމެން މަސައްކަތްކުރާނަން...! އަޔާންއަކީ އަހަރެންނާއި ނާދިފްގެ ދަރިއެއްގެ ގޮތުގައި އަހަރުމެން ދެމީހުންވާނީ ބަލައިގެންފައި.." މިފަހަރު ހިތުގައި ވިންދެއް ޖަހައިލީ މުންޝިރާއި އައިޝާގެ އެވެ.
އަޔާންއަކީ އެމީހުންގެ ދަރިއެކޭ ބުނުމުން ހިތްހަމަނުޖެހިފައި މިޒްރާއަށް ބަލައިލި އެވެ. އަމިއްލަ ދަރިއަކު ބޮޑުވެ، ތަސައްރަފް ފުދުނު ދުވަހު އެހެންބަޔަކުއައިސް، އެދަރިފުޅުގެ މައްޗަށް ގަދަވެގަންނާން ދައުވާކުރުމަކީ އައިޝާއަށް ތަހަނންމަލްކުރެވުނު ކަމަކަށްނުވި އެވެ. އެއްޗެއް ބުނަން އައިޝާ ހަރަކާތްކޮށްލިވަގުތު މިޒްރާ އެކަން ދެނެގަތެވެ.
"ހާސްނުވޭ އަޔާންގެ ބޮޑުދައިތާ..! އަޔާންގެ މައްޗަށް އަހަރުމެންގެ ހައްގު ގަދަކުރަނީއެއް ނޫން.. އެއީ އަލީޒީއާއި މުންޝިރާއި އައިޝާގެ ދަރިއެއް...! އެ ހަގީގަތް ބަދަލުކުރާން އަހަރުމެންގެ އާއިލާއިން ދުވަހަކުވެސް މަސައްކަތެއް ނުކުރާނެ! އެކަމަކު ކޮންމެ އަންހެން ދަރިޔަކު ބޮޑުވަނީ ފިރިހެންކުއްޖެއްގެ މައިންބަފައިންނަށްޓަކައި ކަމަށްވަންޏާއި، ކޮންމެ ފިރިހެން ދަރިޔަކު އުފަންވަނީ އަންހެންކުއްޖެއްގެ މައިންބަފައިންނަށްޓަކައި..! މި ހަގީގަތް ދުނިޔޭގައި އަހަރުމެން ފަސްމީހުން ބަދަލުކުރާނީ ކިހިނެއް..؟ މިއީ ގުދުރަތުން އިންސާނީ ދަރިފަސްކޮޅުލައްވާފައިވާ ގޮތް..! އަހަރެންގެ އުއްމީދަކީ އަހަރުމެންގެ އާއިލާއިން އަޔާން ބަލައިގަންނަ ފަދައިން، ކޮންމެވެސް ދުވަހަކުން އަލީޒީގެ އާއިލާއިންވެސް އަހަރުމެންގެ ލޮލުގެ ނޫރު، އަދި ހިތުގެ ވިންދު، އަހަރުމެންގެ އަމީރާ ބަލައިގަތުން...! މިއީ އެއް އާއިލާއެއް.. ދުވަހަކުވެސް މިކަން ބަދަލުވާކަށް ބޭނުމެއް ނޫން.. އަހަރުމެންނަކީ އެހެން މީހުންނަށް ގޮތްކިޔައި އެހެން މީހުންގެ އާއިލީ ބަލިކަށިކަން ނުވަތަ މުޖުތަމައުގެ އިނގިލި ދިއްކުރުންތަކަށް ވިސްނާނެ ބައެއްނޫން..! ނާދިފްގެ މަންމައާއި ބައްޕަ ބޭނުންވަނީ އަލީޒީގެ ހުއްދައާއެކު އެކުދިންގެ ގުޅުން ކުރިއަށްގެންދަން... އަހަރެންގެ އަމީރާއަކީ އެންމެ ފުރިހަމަ ކުއްޖާއަށް ނުވެދާނެ.. އެކަމަކު އަލީޒީގެ އަޔާންއަކީ އަހަރެންގެ ދަރިފުޅަށްޓަކައި އެންމެ ފުރިހަމަ ހޮވުން... މިއީ ނާދިފްގެ މުޅިއާއިލާއިން ދެކޭގޮތް..!" އަލީޒީގެ އަތުގައި ހިފަހަށްޓާލައިގެން މަޑުމަޑުން ފިރުމަމުން މިޒްރާ ވާހަކަދެއްކީ އަލީޒީއަށް ވިސްނައިދިނުމަށެވެ. އޭރުވެސް މަންމަގެ ކަނދުރާއިން އަޔާންގެ މޫނު ނުނަގަ އެވެ.
މިޒްރާގެ ކޮންމެ ލަފްޒެއް އަލީޒީ އަދި މުންޝިރާއި އައިޝާ އަޑުއެހީ އިހްތިރާމުން ފުރިފައިވާ ހާލުގަ އެވެ. އައިޝާގެ ދަތްދޮޅި ތިރިކޮށްލީ ހިތައް ގެނެވުނު އަމިއްލަ އެދުމުގެ އޮއެވަރުން ލަދުވެތިވީތީ އެވެ. ފެނުނު މަންޒަރު ގަބޫލުކުރެވުނީ ރަގަޅަށް ނޫންކަން ވިސްނުނީތީ އެވެ.
"އަޔާންގެ މަންމަ ފިކުރުކޮށް ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް އަޔާންއަށް އިން ޝާﷲ ކުރިމަތި ނުވާނެ.. އެދަރިފުޅަށް އަލީޒީ ދަސްކޮށްދީފައިވާ މާތް އަހްލާގަކީ ދުނިޔެއަށް މިސާލެއް.. އަލީޒގެ ހިތްވަރަށް އަހަރެން ސެލިއުޓްކުރަން..! އަންހެނުން ދުނިޔެއަށް އުފަންވަނީ ހިތްވަރާއި ފަންވަރު ދަސްވެގެނެއް ނޫން.. ދުނިޔޭގައި ތަހަންމަލްކުރަން މަޖުބޫރުކުރި ގަދަފަދަ ތޫފާނުތަކުން، ފިލާވަޅުނަގައިގެން އެ އިމްތިހާނުން ފާސްވަނީ ތިޔަފަދަ ހިތްވަރުގަދަ މަދު އަންހެނެއް..! އަލީޒީއަކީ މަންމައިންނަށް ހުރި ފަހުރެއް..!" އަލީޒީގެ އަތުގައި މިޒްރާ ފިރުމަމުން ވާހަކަދެއްކި އެވެ. މަންމަގެ ގައިގައި ބާރަށް ބައްދާލައިގެން އޮތް އަޔާންގެ ބުރަކަށީގައި މިޒްރާ އިރުއިރުކޮޅުން ފިރުމާލަ އެވެ.
އަމިއްލަ ދަރިފުޅުގެ ނަސީބާއި މާތްﷲގެ ނިއުމަތަށް އަލީޒީގެ ހިތުގެ އަޑިން ޝުކުރުވެރިވި އެވެ. ރެއާއި ދުވާލުގެ ދުއާ އިޖާބަކުރެއްވީތީ ﷲއަށް ހަމްދާއި ޝުކުރުކުރި އެވެ.
މިޒްރާގެ އޯގާތެރިކަމާއި ހަމަހިމޭންކަމުން އަލީޒީގެ ރިހުމާއި ނުތަނަވަސްކަމަށް ލުއިލިބިއްޖެކަން ކަށަވަރެވެ. ފައިސާއާއި އާރާއި ބާރުން ދުނިޔެ ގަނެލެވޭފެންވަރުގެ އަންހެނެއްގެ ކިބައިން މިފަދަ ހިތްތިރި އޯގާތެރިކަމެއް ފެނުމަކީ މިއަދުގެ ތަހުޒީބީ މުޖުތަމައުތަކުގައި ފެންނާނެ މަންޒަރެއްކަން ގަބޫލުކުރާނީ ކާކުހެއްޔެވެ؟
އިހްތިޔާރެއް ނެތި އަލީޒީގެ ލޮލުން އޮހެރެމުންދިޔަ ކަރުނަތައް ފޮހެލައިދިނީ މިޒްރާ އެވެ. އަލީޒީ ތުންފިއްތާލާފައި ރޯލި އެވެ. ދެމައިންގެ މި މަންޒަރު ދެކެން އެކަކަށްވެސް މާފަސޭހައެއް ނޫނެވެ. ތެދުވެގެން ގޮސް، އަމީރާގެނެސް ދެއަތުގެ ތެރޭގައި ބޮނޑިކޮށްލާން ކިތަންމެ ވަރަކަށްވެސް އަލީޒީގެ ހިތް އެދޭކަން މިޒްރާ ދެނެގަތެވެ.
އިވެމުންދިޔަ އަޑާއި ފެންނަމުންދިޔަ މަންޒަރުން ކަރުނަ ނާންނަލޮލެއް އެތަނުގައި ނެތެވެ. ކެތްތެރިކަމާއެކު އަޔާން ހިތްވަރުކުރީ ހަމައެކަނި މަންމައަށްޓަކަ އެވެ.
އަމީރާގެ ކެތްތެރިކަން ކޮޅުންލަމުންދިޔަކަން އެންމެ ފުރިހަމައަށް ދެނެގަތީ ނާދިފް އެވެ.
ދަރިފުޅުގެ ނިއްކުރީގައި ތުންފަތް ޖައްސައި ފިއްތާލަމުން ލޯތްބާއެކު ދަރިފުޅުގެ މޫނު ބައްޕަ ފޮހެލައިދިނީ، މަޑުމަޑު ވައިރޯޅިއެއް އެދަރިފުޅުގެ މޫނުގައި ބީހިލިޔަސް ތަދުވެދާނެކަމާމެދު ފަރުވާތެރިވަމުންނެވެ.
ހަމައެވަގުތު އައިޝާގެ ދުލުން މަޑުމަޑު އާހެއްގެ އަޑު ބޭރުވި އެވެ. އަމީރާއަށް ފުރިހަމައަށް އައިޝާއަށް ބަލައިލެވުނީ އެވަގުތު އެވެ. ލިބުނު ޝޮކުގައި ހުޅުވުނު އަނގަމަތީގައި އަތްއެޅި އެވެ. ކުރިމަތީން ފެންނާންހުރީ ރީތި ހުސްކުރި ޕަރީއެއްފަދަ އަންހެން ކުއްޖެކެވެ. މޫނުގެ ވަނާތަކަށް އައިޝާ ބަލައިލި އެވެ. ހަންތުނި އޮމާން މޫނެކެވެ. އެތައް އިރަކު ރުއިމުގެ ސަބަބުން މޫނުވަނީ ފިނިފެންމަލުގެ އެންމެ ގަދަ ފިޔާތޮށިކުލައިގަ އެވެ. އާމަންޑް ބައްޓަމުގެ ރީތި ދެ ލޮލާއި ކުޑަކޮށް ފުފިލާފައިވާ ތާޒާ ފިނިފެންމާ ފިޔައެއްފަދަ ތުންފަތެކެވެ. ބައްޓަން ރީތި ބުމައާއި ނޭފަތަކީ އާންމު އިންސާނެއްގެ ކިބައިން އައިޝާއަށް ފެނިފައިވާ ރީތިކަމެއް ނޫނެވެ.
އަލީޒީއަށްވުރެން ރީތި މީހަކު ނޫޅޭނެކަމަށް އަބަދު އައިޝާ ދައުވާކުރެ އެވެ. ނަމަވެސް އެ ދައުވާ މިވަގުތު ބަދަލުކުރަން ޖެހިއްޖެ އެވެ. އަމީރާއަކީ، މަންމައާއި ބައްޕަގެ ހުރިހައި ރީތި ސިފައެއް އެކުވެފައިވާ ލޯބި ދަރިއެކެވެ.
"މާ ޝާ ﷲ.. އެކަލާންގެ ކުޅަދުންވަންތަވެރިކަމުގެ ފުރިހަމަކަމާ އެވެ!" ވައިއަޑުން ބުނެލިޔަސް، އައިޝާގެ ޖުމުލަ ކޮޓަރީގައި ގުގުމާލި އެވެ. އަލީޒީވެސް ބަލައިލީ އެ އަޑަށެވެ.
"ހީ އިޒް އޯކޭ...! ދޭ ވިލް ބީ އޯކޭ..! ހީ ނީޑްސް ޔޫ ޕްރިންސެސް.." ވަރަށް މަޑުމަޑުން ނާދިފް ބުނެލީ އަޔާންއާއި އަޔާންގެ މަންމަ ރަގަޅުކަން އަމީރާއަށް ޔަގީންކޮށްދިނުމަށެވެ.
ފެންނަމުންދިޔަ އޯގާތެރި އަދި ލޮބުވެތި މަންޒަރު އައިޝާއަށް މުޅިން އަލެވެ. ލޯބިވާ ބައްޕައަކާއި އޭނާގެ ދުނިޔެފަދަ ދަރިފުޅުގެ މާތް ގުޅުމެވެ. މުއްސަނދިކަމާއި އާރާއި ބާރުހުރި އަންހެނެއްގެ ހިތްތިރިކަމާއި މާތް އަހްލާގާއި އެކުވެރި މިޒާޖެވެ.
ނަމަވެސް ހަމަ އެމަންޒަރެވެ. ބަލި ހާލުގައި ލޯ ހުޅުވާލާނެ ވަރުވެސް ނެތިފައި އޮތް އަލީޒީއަށް ފެންނަމުންދިޔައީ މުޅިން އެހެން ސަފްހާތަކެއްގެ ގޮތުގަ އެވެ.
ދަތުރުކުރެވުނީ މާޒީން އެތައް އަހަރެއް ފަހަތަށެވެ. އަލީޒީއާއި ބައްޕަގެ ގުޅުމަކީވެސް އެފަދަ ލޮބުވެތި ގުޅުމެކެވެ. ކަންތައްތައް ބަދަލުވެ، ދުނިޔެ އެފުށް މިފުށަށް ޖެހިގެން ދިޔައީ އެންމެ ހާދިސާއެއްގެ ސަބަބުންނެވެ. ބަންޑުން ނުޖެހި އޮތް ކިތަންމެ ގަލެއް، ފުރޮޅިގެންދިޔައީ އެ ބިރުވެރި ނާމާން ހާދިސާއަށް ފަހު އެވެ.
އަމީރާގެ މާތް އަހްލާގުގައި މަޑުމައިތިރިކަމާއެކު ހިނގާލާފައި އައިސް، އަޔާންއާއި އަލީޒީއާއި ކައިރިވި އިރެއްވެސް އަލީޒީއަށް ނޭގުނެވެ. މިޒްރާ ތެދުވެގެން ނާދިފް ކައިރިއަށް ދިޔަކަމެއްވެސް އަލީޒީއަށް ނޭގެ އެވެ.
ރީތިކަމުގެ ހުރިހާ ސިފައަކުން މާތްﷲ ފުރިހަމަ ކުރައްވާފައިވާ އަންހެން ދަރިއަކު އަޔާންގެ ބުރަކަށީގައި ފިރުމާލާފައި އަޔާންއަށް ގޮވައިލުމާއެކު އަލީޒީގެ ބައްޕަގެ ހަނދާންތަކުން އުދުހެމުން އައިސް، އޭނާގެ ބަލިއެދަށް ވެއްޓުނުފަދަ އެވެ. އަޔާންގެ ނަސީބުގައި މިފަދަ އުފާވެރިކަމެއް މިންވަރުކުރައްވަފާނެކަމަށް އަލީޒީގެ ހުވަފެނަކުންވެސް ދެކެފައިނުވެ އެވެ. ހިތްހަމަޖެހުމާއެކު މިއަދު މިވަގުތު ލޯ މަރައިލާންވިޔަސް، އެކަމަށް އަލީޒީ ތައްޔާރުކަމަށް އޭނާގެ ހިތާއި ސިކުނޑި ބުނެލި އެވެ.
މަޑުމަޑުން އަޔާންގެ ބޮލުގައި އަމީރާ ފިރުމާލި އެވެ. ހުއްދަ ލިބިގަތުމަށް އަލީޒީގެ ލޮލަށް އަމީރާ ބަލައިލީ އަދަބުވެރިކަމާއެކު އެވެ.
އަލީޒީގެ ގައިން ދޫކޮށްލައި އަޔާން ނުހަނު ބާރަށް އަމީރާގެ ގައިގައި ބައްދައިގަތެވެ. އަޑުން އަޑުނަގާ ރޯންފެށީ އެދަރިފުޅުގެ އިހްތިޔާރުގައި ނޫންކަން އެކޮޓަރީގެ ހަފަރާތުން ހެކިވާނެ އެވެ.
މިވަގުތު އެއީ ޑޮކްޓަރުު އަޔާން ނޫންކަން ކަށަވަރެވެ. އެއީ މައިވަންތަކަމަށް ފެންބޮވައިގެންފައިވާ ދަރިއެއްގެ ހިތުގެ ރިހުމެވެ. ކެތްނުކުރެވޭ ގަދަވޭނަށް، ލޯބިވެރިޔާގެ އަތުގެތެރޭގައި ތަސައްލީ ހޯދަނީ އެވެ. މުޅި ހަށިގަނޑުގައި ބާރުގަދަ ވޭނެއް އެދަރިފުޅު ތަހަންމަލްކުރަނީކަން ޔަގީނެވެ. އެއީ ދުނިޔެއާއި، އަމިއްލަ ނަފުސަށްވުރެން ލޯބިވާ މަންމަ ބީވެދާނެކަމުގެ ބިރެވެ.
ހަމައެވަގުތެވެ. ހަށިފުރައި އަލީޒީ ދޫކޮށްލި ވޭނުގެ ނޭވާއާއެކު ގުޅާފައިހުރި ދެ މޮނީޓަރުން، އޭގައި ރެކޯޑްވެފައިވާ ހުރިހައި އަޑެއް ގޮއްވަން ފަށައިފި އެވެ. ކޮޓަރީގައި ހާޒިރުވެތިއްބެވި، ތިން ޑޮކްޓަރުން އެމީހުންގެ ވާޖިބަށް ރުޖޫއަވީ ފަޅިސިކުންތެއްގެ ތެރޭގަ އެވެ. ހަމައެވަގުތު ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރީގެ ތެރެއަށްވަނީ އެވަގުތު ޑިއުޓީގައި ހުރި ނަރުހެވެ. ކަމެއްކުރާނެ ފަޅިސިކުންތެއްވެސް ނުލިބުނެވެ. އަލީޒީގެ އަނގަފުރެންދެން ހޯސްލާފައި އައި ގަނޑު ލޭ ބަންޑުންވީ އަމީރާއާއި އަޔާންގެ ގަޔަށެވެ.
"ސިސްޓަރ އެމްބިއުލެންސް... ފާސްޓް! އިޓްސް އެން އިމަރޖެންސީ.." އަލީޒީގެ ޑޮކްޓަރު ހަނިއްޔާގެ އަޑަށް ނަރުސް ސިއްސައިގެންދިޔަކަން، އޭނާގެ ހަރަކާތުން ޔަގީންވި އެވެ. ދެވެން އޮތް ކުއްލި ފަރުވާއަށް ތިން ޑޮކްޓަރުން ތައްޔާރެވެ. މުޅިގައިގައި ލޭ އޮތަސް، އެކަމަށް ފަރުވާލެއް ނެތި އަޔާންއާއި އަމީރާގެ ހަރަކާތައް އަވަސްކޮށްލި އެވެ.
ބިމުގައި ދަތްދޮޅިޖެހޭވަރަށް އަނގަހުޅުވިފައިވަނީ އައިޝާއާއި މުންޝިރެވެ. ތިބެން ޖެހުނީ ވާނުވާ ނޭގިފަ އެވެ. އެމްބިއުލެންސްގައި އަލީޒީ ގެންދަނީ ކޮންތާކަށް ހެއްޔެވެ؟ މިއީ ހޮސްޕިޓަލެވެ! ހިތަށް ވެރިވި ބިރުވެރިކަމެއްގައި އައިޝާގެ އަނގަމަތީގައި އަތް އެޅުނެވެ. ކުއްލިޔަކަށް އަޔާން، މަންމަ ގާތަށް އައިކަމުގައިވިޔަސް، މިހާ ކުއްލި ގޮތަކަށް މަންމަ މާލެއަށް ގެންދަން އަޔާން ނިންމީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ މިއީ އަމީރާގެ އާއިލާއިން ނިންމި ނިންމުމެއް ހެއްޔެވެ؟ އައިޝާއާއި މުންޝިރާއި ވަކިން މިހާލުގައި އަލީޒީ މާލެ ގެންދިއުމަށް އައިޝާއަށް އެއްބަހެއް ނުވެވޭނެ އެވެ. ޑޮކްޓަރާއި އަދި އަޔާންގެ ނިންމުމަށް ކަނޑައެޅިގެން ދެކޮޅުކަން އެންގުމަށް އައިޝާ އަނގަހުޅުވާލިވަގުތު މިޒްރާ އައިސް، އައިޝާގެ ބުރރަކަށީގައި ފިރުމަލި އެވެ.
"ހާސްނުވޭ އައިޝާ... މިއީ ތިކަހަލަ ގޮތަކަށް ވިސްނަންވީ ވަގުތެއް ނޫން.. އަހަރުމެން އައިޝާއާއި އަލީޒީވަކި ނުކުރާނަން.. ދާދިކުއްލިގޮތަކަށް މިރަށުގައި ކެންސަރ ކްލިނިކެއް ހަދައި އެތަނުގައި ފަރުވަދެވޭނެ ގޮތް ހަމަޖެއްސީ ހަމައއެކަނި އަލީޒީއަށްޓަކައި... !!
އެމްބިއުލެންސް އެ ގެންނަނީ މި ހޮސްޕިޓަލުން ކެންސަރ ކްލިނިކަށް އަލީޒީ ބަދަލުކުރަންވެގެން..." ކެތްތެރިވާން މަސައްކަތްކުރަމުން މިޒްރާ ބުނެދިނީ ލޯތްބާއެކު އެވެ. ބުނާނެ އެއްޗެއް ނޭގި އައިޝާ އިސްޖަހައިލި އެވެ. މިޒްރާއަށް އައިޝާގެ ހަރަކާތްތައް އެހައި ތަފްސީލްކޮށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ހިތުގެ ހުރިހައި ސުވާލަކަށް ހިނދުކޮޅެއްގެ ތެރޭގައި ޖަވާބުދީފި އެވެ.
ދެމަސް ފަހުން
އިރުގެ ރަން ދޯދިތައް ބިއްލޫރި ދޮރުތަކުގެ ފަރުދާތަށް ފޫއަޅުވާލާފައި މުޅި ކޮޓަރިތެރެ އަލިކޮށްލައިފި އެވެ. މޯޅިއަކަށް ދެމިލަމުން އަޔާންގެ އެސްފިޔަތައް ތަޅުވާލި އެވެ. ހަމައެވަގުތު އަޔާންގެ ފޯނު ރިންގުވާން ފަށައިފި އެވެ.
"ގުޑް މޯނިންގ ޕްރިންސެސް.." ނިދާ ހޭލިވަގުތަށްވާތީ އަޔާންގެ އަޑުގައި ހުރި ފިރިހެންވަންތަ ޖަޒްބާތތު އަމީރާގެ އެންމެ ހިމަނާރާއި ކުޅެލި އެވެ.
"ގުޑް މޯނިންގ ހޭންޑްސަމް.." ލޯތްބާއެކު އަމީރާ ބުންޏެވެ.
"ހާދަ އަވަހަކަށް މޯނިންވީ..! އަދި ހަތެއްވެސް ނުޖަހާ..! އޯލް އޯކޭ..؟" މިފަހަރު އަޔާންގެ އަޑުގައި ނުތަނަވަސްކަން ވި އެވެ.
"ހުރިހައި ކަމެއްވެސް ރަގަޅު..! ކޮބާ މަންމަ..؟ އިޒް ޝީ އޯކޭ..؟ ކިހައި އިރަކު އަޔާން ނިދީ..؟ އައި މިސްޑް ޔޫ މައި ލަވް..! ބޭބީ...! ކިހިނެއް މިހައި ދުވަހު މިގޮތުގައި ކެތް ކުރާނީ..؟ އަޔާން އާއިދުރުގައި ހުންނާކަށް ބޭނުމެއް ނޫން.. އެހެން ނޫނަސް، ތި ރަށު ހުރިހައި އަންހެން ކުދިން ތިބެނީ އަޔާން ބޭނުންވެފައި..! އަޔާން ފެނިއްޖެއްޔާ އެސްފިޔަޖަހައިނުލައި ތިބެނީ އަޔާންއަށް ބަލަން.. ބޭނުމެއް ނޫން ގެއްލޭކަށް..! އަސްލު، އަޔާން ބަހައްޓާފައި އަންނާކަށްވެސް ބޭނުމެއް ނޫން.. މަންމައާއި ބައްޕައަށް އާދެވިދާނެ ދޯ ލަންޑަންއަށް..! އަލަށް ހެދި ހޮޓެލް ޗެއިން ހުޅުވާފައި އެތަނުގެ ކަންކަން ހަމަޖައްސާލަން މަންމަމެން މަޑުކޮށްގެން ތިބީމަ ރަގަޅުވާނެ.. ލީވް ނަގައިގެން އައި ކޭން ގޯ..! ވަރަށް މިސް ވޭ.. އައި ވޯންޓް ޔޫ ބޭބީ..!" އަމީރާ ބޮޑާ ހާކާލި އެވެ. ޝައުގުވެރިކަމާއެކު އަޔާން ހުރީ އަޑު އަހާށެވެ.
"ފުރަތަމަ ކަމަކަށް: ދެމީހުން ދުރުގައި ތިބެންޖެހޭ މިފަދަ ކިތަންމެ ހާލަތެއް މެދުވެރިވެދާނެ... އަހަރުމެން ދެމީހުންވެސް އެފަދަ ކޮންމެ ވަގުތަކަށް ތިބެންވާނީ ތައްޔާރަށް.. އެންޑް މައި މަމް، ދެން ހަމަ އެކަހަލަ ގޮތެއް! ފަތިސް ނަމާދުކޮށްގެން މަންމަ ގާތުގައި ބުނެލާފައި އައިސް ނިދާލީ..!
ދެވަނަ ކަމަކަށް: މިރަށުގެ ހުރިހައި އަންހެންކުދިންނަކީ އަމީރާ ނާދިފް ޝައްޔާނެއް ނޫން..! ނުތަނަވަސް ވަންޖެހޭ އެއްވެސް ސަބަބެއް ނެތް ޕްރިންސެސް.. އެއިން އެއްވެސް ބެލުމަކުން ނުވަތަ ހުށަހެޅުމަކުން އަޔާންއަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ.. އައި އެމް ވަން ވުމަން މޭން..! މިއީ ހަމައެކަނި ޕްރިންސެސްގެ އަޔާން... އައި ލަވް ޔޫ ސޯ މަޗް..! ޓްރަސްޓް އަސް ބޭބީ ޑޯލް..!
ތިންވަނަ ކަމަކީ: މަންމައާއި ބައްޕަ އަޔާންއާއި މަންމަ އަދި އަޔާންގެ އާއިލާއާއި މިރަށާއި އަދި މި އަތޮޅަށް ކޮށްދެއްވާފައި އެދިޔަ ކަންކަމަކީ ދިހަ އަހަރު އުޅެގެންވެސް ނުކުރެވޭނެވަރުގެ މަސައްކަތެއް.. ފެށުނު ވަގުތުވީމާ އެކަންވެސް ވަރަށް ބަލަހައްޓަންޖެހޭ..!
ހަތަރުވަނަ ކަމަކީ: މަންމައާއި ބައްޕަ ލަންޑަންގައި މިފަހަރު ފަށާ މަސައްކަތަކީ، ބައްޕަގެ ލޯބިލޯބި ޕްރިންސެސް އަމީރާގެ ނަމުގައި ހުޅުވާ ހޮޓެލް ޗެއިން އެއް.. ސޯ މައި ލަވް، އެތަނުގައި ހާޒިރުވެ ހުރުން ލާޒިމްވާނެ ދޯ.. އެހެން ނޫންނަމަ މަންމައާއި ބައްޕަ ޕްރިންސެސް ނުގެންދާނެ...!" އަމީރާއަށް ވިސްނައިދިނުމަށް އަޔާން ވާހަކަދެއްކީ ނުހަނު ލޯތްބާއެކު އެވެ.
"ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވިޔަސް، އަޔާންއާއި ނުލައި އެންމެ ދުވަހެއްވެސް ވަރަށް އުނދަގޫ..!....... އަޔާން..!!؟؟" ތަފާތު ރާގެއްގައި ކުއްލި ރިހުމަކާއެކު އަމީރާ އަޔާންއަށް ގޮވައިލި އެވެ.
ބުނަން އުޅެނީ ކޮންމެވެސް ސީރިއަސް ވާހަކައެއްޔަން އަޔާންއަށް ޔަގީނެވެ. ފުން ނޭވާއެއްގެ އަޑާއިއެކު ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އަމީރާއަށް ވަގުތުދިނީކަން ޔަގީންވުމުން އަމީރާ ސުވާލުކޮށްލި އެވެ.
"ކޮމެންސްމެންޓް ސެރެމޮނީ ވަރަށް ކައިރިވެއްޖެ..! އައެމް ސްކެއަރޑް ބޭބީ...! އަޔާން އެންމެ ދުވަހަކު ނުފެނުނަސް، އަޔާންގެ މަންމަ ވަރަށް ދެރަވާނެ..! ބޭބީ.. ކިހިނެއް ހަދާނީ؟" ސުވާލަށްފަހު އަމީރާ ދޫކޮށްލީ މާނޭވާއެކެވެ. އަޔާން އެއްޗެއް ނުބުނެ ގިނައިރުވުމުން 'ހިމޭންކަމުގެމާނަ' އަމީރާ ދެނެގަތެވެ. މައުލޫ ބަދަލުކޮށްލީ ވިސްނުންތެރިކަމާއެކު އެވެ.
"ބައި ދަ ވޭ އަޔާން... އައި ޓްރަސްޓް ޔޫ..!
-ނުނިމޭ-