ads
ދޫކޮށްފައި ނުދާށޭ.. - 30 ވަނަ ބައި
އެޕިސޯޑް 30
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

މަންމައާއި ބައްދަލުކުރުމަށް ކެތްމަދުވެފައިވާ މި ވަގުތުގައި ހިތައް ވަންނަމުންމިދާ ނުތަނަވަސްކަން އަޔާންއަށް ކަމަކު ނުދިޔަ އެވެ. ހިތް ނުތަނަވަސްވެ އެތެރެހަށްޓަށް އުނދަގޫވާން ފަށައިފި އެވެ. އުނަގަނޑުގައި ދެފަރާތުން އަތް ވިއްދާފައި މަޑުމަޑުން ފުންނޭވާލާން ފެށި އެވެ. ވަމުންދިޔަ އުނދަގުލުން ހަމަޖެހިލުމަށް އަޔާންއަށް ވަގުތު ބޭނުންވީ އެވެ. އެތައް  އަހަރަކަށްފަހު އުފަން ބިމަށް އާދެވުމުން ކުރެވޭ އިހްސާސް ބަންޑުންވަނީ އެވެ.

މިޒްރާގެ އަތުން ދޫކޮށްލާފައި ނާދިފް އައީ އަޔާން ކައިރިއަށެވެ. ކޮންމެ ތޫފާނަކުން ސަލާމަތްކޮށްދޭނެ ބައްޕައެއް ފަދައިން ނާދިފްގެ އަތުގެ ތެރޭގައި އަޔާން ބޮނޑިކޮށްލި އެވެ. މައިން ބަފައިންގެ މިފަދަ ހަރަކާތްތަކަށް ދަރިއެއްގެ ހިތް ނޭދޭނެ ވަގުތެއް ނާންނާނެކަން އަމީރާއަށް ސާބިތުވެގެން ދިޔައީ އެވަގުތު އެވެ. ބައްޕައެއްގެ ލޯތްބަކީ އަޔާންއަށް ކިހައި މުހިއްމު އެއްޗެއްކަން އެންމެ ރަގަޅަށް އެނގޭނީ އަމީރާއަށެވެ.

ބައްޕައަށްވުރެން ބާރަށް ބައްޕަގެ ހަށިގަނޑުގައި އަޔާން ބައްދައިލި އެވެ. ލޯބި މަންޒަރެކެވެ. ހިތުގެ އެންމެ އަޑިން އަޔާން ބަލައިގެންފިކަން ނާދިފްގެ ދުލުން ހާމަކުރާކަށް ނުޖެހެ އެވެ. މަންޒަރު ދުށް ކޮށްމެ ލޮލަކަށް އެކަން ސާފުވެއްޖެ އެވެ. 

"އިން ޝާ ﷲ ހުރިހައި ކަމެއްވެސް ރަގަޅުވާނެ..! ހިތްވަރުކުރާތި ދަރިފުޅާ..! އެތައް އަހަރަކުންފެށިގެން އިންތިޒާރުކުރާ މީހަކާއި ބައްދަލުކުރަން މި އައީ" އިރުކޮޅެއް އެގޮތުގައި ހޭދަވުމަށްފަހު، އަޔާންގެ ބުރަކަށީގައި ފިރުމާލަމުން ނާދިފް ބުންޏެވެ. ނާދިފްގެ އިބާރާތް އަޔާންއަށް މިވަގުތު ވަރަށް މުހިއްމެވެ. ކިތަންމެ ހިތްވަރު ގަދަޔަސް، އެހެންމީހުންގެ އެހީއާއި ނުލައި ދުނިޔޭގައި ސަލާމަތްކަމެއް ނެތެވެ. މަންމައާއި ބައްދަލުކުރާނެ ހިތްވަރު އަޔާން ބޭނުމެވެ.

"ތަންކޮޅެއް ވައިގަދަވާން ފަށައިފިކަމަށް ލަފާކުރެވެނީ..! ދެން މާގިނަ ވަގުތު އިންތިޒާރުގައި ނުތިއއްބަވާ، އަވަހަށް ވަޑައިގަންނަވަން ވީ ނޫންތޯ.." މާ ހައުލު ބަދަލުކޮށްލީ ކައުންސިލްގެ ރައީސެވެ. އަދަބުވެރިކަމާއެކު ވާހަކަދެއްކީ ހިނިތުންވަމުންނެވެ.

އެތަނުގައި އިތުރުބަޔަކު ތިބިކަން އަޔާންއަށް އިހްސާސްވީ އެއަޑަށް ބަލައިލެވުމުންނެވެ. ފާއިތުވި ދެތިން ދުވަހު ކިތަންމެ ފަހަރަކު ވީޑިއޯ ކޯލުން ދިމާވެފައިވުމާއެކު އަޔާން އަވަސްވީ، މަންމަގެ ޑޮކްޓަރާއި ބައްދަލުކުރުމަށެވެ. ނުހަނު ބާރަށް ޑޮކްޓަރުގެ ގައިގާ އަޔާން ބައްދައިލި އެވެ. 

"ތެންކިއު ޑޮކްޓަރ.. ތެންކިއު... ތެންކިއު ސޯ މަޗް" ހިތުގެ އެންމެ އަޑިން ޑޮކްޓަރަށް އަޔާން ޝުކުރުވވެރިވި އެވެ. 

"ވަރަށް ގިނަ ސުވާލަށް ޖަވާބު ނުދީ މިއަދު މި ހިފަހަށްޓާލަނީ...! އެ ސުވާލުތަކަށް ދެން ޖަވާބު ދެއްވާނީ ތިޔަބޭފުޅުންކަމަށް އަޅުގަނޑު ބަލާނީ.." ނާދިފްއާއި ސަލާމްކުރުމަށް އަތް ދިއްކޮށްލަމުން ޑޮކްޓަރ ހަނިއްޔާ ވިދާޅުވި އެވެ. ލުއި ހިނިތުންވުމަކާއެކު، ސަލާމަށް ޖަވާބުދެމުން ނާދިމް އިޝާރާތްކޮށްލީ ވީ އެންމެ އަވަހަކަށް މަންޒިލަށް ދަތުރުކުރުމަށެވެ. 

އަޔާންގެ 'އާއިލާ' ރަށަށް އަންނަ ކަމުގެ އެއްވެސް ހަބަރެއް އާންމުކޮށްފައި ނުވާތީ، ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ބަނދަރަށް އެއްވެފައެއް ނުވެ އެވެ. ވަގުތަކީ އިރުއޮއްސި ނަމާދު ވަގުތުކަމަށްވާތީ އެއީ ގާތްގަނޑަކަށް ބަނދަރުމަތި ހުސްވަގުތެކެވެ. ދޭތެރެއަކުން ޒުވާންފުރައިގެ ކުދިންގެ ސައިކަލެއް ނޫނީ އެތަނުން ދަތުރުކުރާތަނެއް ނުފެނެ އެވެ. 

"މި ދެތިންދުވަސް އަޅުގަނޑުމެން މި ހޭދަކުރީ ބޮޑު އީދެއްގެ އުފާވެސް ފާހަގަ ނުކުރާހައި ފޯރިއާއި ޖޯޝުގައި.. ލިބެން އުޅޭ ނިއުމަތަށްޓަކައި މުޅި ރަށް އޮތީ އުފަލުން ހިނިތުންވެފައި.. ނާދިފްގެ އާއިލާއަށް އަޅުގަނޑުމެންގެ ހިތުގެ އެންމެ އަޑީން ޝުކުރާއި މަރުހަބާ ދަންނަވަން.. އަޅުގަނޑުގެ މައުލޫމާތު ކުށް ނޫންނަމަ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް ނާދިފްގެ އާއިލާއިން ކުރެއްވި މިއީ ފުރަތަމަ ދަތުރުފުޅު.. ވަރަށް އުފަލާއެކު ފެންފުށީ ރަށްޔިތުންނާއި ކައުންސިލުން މިކަން ފާހަގަކުރަން.. އަދި ރަށާއި މުޅި އަތޮޅަށް ތިޔަކޮށްދެވި އަގުހުރި ހިދުމަތަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން ޝުކުރުވެރިވަން.. އެއްވެސް މީޑިއާއަކަށް މިހަބަރު އާންމުނުކުރުމަށް އެދިވަޑައިގެންފައިވާތީ އަޅުގަނޑުމެން އެކަން އެގޮތުގައި ހިފެހެއްޓޭތޯ މަސައްކަތްކުރަމުން މިދަނީ.." ކައުންސިލްގެ ރައީސް ޝުކުރުވެރިކަމާއެކު ވާހަކަދެއްކެވި އެވެ.  އެންމެން އެކުގައި ހިނގައިގަތީ ހޮސްޕިޓަލާއި ދިމާއަށެވެ.

................

ސަލާމްދީ ނިމުމާއެކު އަލިޒީގެ ދެ ލޯ މަރައިލި އެވެ. މަޑުމަޑުން ބާލީހުގައި ހަމަޖެހިލަމުން ހަށިގަނޑުން ވަރުދޫކޮށްލިފަދަ ހަރަކާތެއް ގެނައިކަން އައިޝާއަށް ފާހަގަކުރެވުނެވެ. ވަރުދެރަވެ، ބަސް މަދުވެފައިވަނީ އަޔާންއާއި ނުގުޅި ދެދުވަސް ހޭދަވެފައިވާތީ އެވެ. އަލީޒީގެ ލޮލުގެ އެސްފިޔަ ތަޅުވާވެސް ނުލި އެވެ. 

"ފެން ފޮދެއް ބޭނުން..؟" މަޑުމަޑުން އައިޝާ އަހައިލި އެވެ.

ނޫނެކޭވެސް ނުވަތަ އާއެކޭވެސް ނުބުނެ އަލީޒީ އެއޮތީ އަޑު ނީވޭތީ ނޫންކަން އައިޝާއަށް އެގެ އެވެ. މުންޝިރުގެ އަޑެއް ބަޑެއް ނީވުމުން އައިޝާ ފަހަތް ބަލައިލި އެވެ. ދެ ލޮލުގެ އެސްފިޔަތަކުގައި  ދާވަންޏަކުން އަޅުވައި ހިފަހައްޓާލިހެން ހީވި އެވެ. ފައިދަށުން ބިންގަނޑު ދެމިގަތެވެ. ފެންނަމުންދިޔަ މަންޒަރު ގަބޫލެއް ނުކުރެވުނެވެ. ފެންނަނީ ހަގީގަތެއްތޯ ނުވަތަ މިއީ ހޭލައި ހުއްޓައި ފެންނަ ހުވަފެނެއްތޯ ޔަގީންކުރަން ބޭނުމެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުގެ އެސްފިޔަތައް ތަޅުވާލާފައި ބަލައިލި އެވެ. 

މިފަހަރު ގައިގެ ހުރިހައި ލޯލިތައް ކޮޅަށްޖެހުނެވެ.  

އަޔާންގެ ހާލު އެއަށްވުރެންވެސް ދެރަ އެވެ. ރަތްވެފައިވާ ދެލޮލުން ލޭ ތިކި ތަޅައިފާނެތީ ބިރުގަންނަވަރުވެ އެވެ.

މުންޝިރާއި އައިޝާއަށް ބަލައި ވަގުތު، އަޔާންގެ ކަރުނަ އޭނާއަށް ބޭފަވާތެރިވި އެވެ. ނަމަވެސް މިވަގުތު މުހިއްމުވީ ބަލިއެނދެވެ.

އަޔާންގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ މެދުގައި ހުރި އެނދަށެވެ. އިހްތިޔާރުން ބޭރުންވެސް ފިޔަވަޅުއެޅީ ކުރިއަށެވެ. ކަޅިޖަހައިނުލައި މިސްރާބުހުރީ އެނދުގައި އޮތް ބަލިމީހާއަށެވެ. މަޑުމަޑު ފިޔަވަޅުގައި އެނދާއި ކައިރިއަށް ޖެހިލާފައި ދެ ކަކޫ ބިންމަތީގައި ޖައްސާފައި ތިރިވެ، އެނދުގައި އަތް އަޅުވައިލި އެވެ.

ކަޅިޖަހައިނުލައި ބަލަމުން ދިޔައީ ބަލިމީހާއަށެވެ. މަންމަތޯ ޔަގީންކުރަން އަޔާން ބޭނުންވާ ފަދަ އެވެ. މަންމަގެ ރީތިކަމާއި ފުރިހަމަކަން، އެންމެ ރަގަޅަށް އެނގޭނީ އަޔާންއަށެވެ. މަންމަ މޫނުގައި ރުލެއް އިނަސް، އެކަން ފުރަތަމަ ފާހަގަވާނީ އަޔާންއަށެވެ. ނަމަވެސް....! ދުލުން އެންމެ ލަފުޒެއްވެސް ބޭރެއް ނުވި އެވެ. އަތެއް ފައެއް ހަރަކާތެއް ނުކުރި އެވެ.

ފެންނަމުންދިޔަ ހިތްދަތި މަންޒަރަށް އައިޝާއާއި މުންޝިރު ހުއްޓިފައިވެ އެވެ. ފެންނަނީ ހަމައެކަނި އަޔާން އެވެ. ހުވަފެނެއް ނުވަތަ ހިޔާލެއް ނޫންކަން ގަބޫލުކުރަން މަސައްކަތްކުރަމުން ދިޔަ އެވެ.

ހިމޭންވެފައި އޮތް އަލީޒީގެ އެންމެ ހިމަ ލޯލިތައް ކޮޅަށްޖެހުނުވަގުތު މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވައިލި އެވެ. ކޯރުލައި ދެމެމުން ދިޔަ ކަރުނައިގެ ހޫނު ފައްވާރާއަށް ސަމާލުކަމެއް ނެތެވެ. އަޔާންގެ ހަށީގައި ފުރާނަހުރިކަންވެސް އެދަރިފުޅަށް ނޭގެ އެވެ. 

"މަ  ން  މާ..!؟" ހަތަރެސްފައި ތުރުތުރުއަޅަމުން ދިޔައިރު ހިތްފަޅައިގެން ދާފަދަ ވޭނަކުން ދުލުން ބޭރުވީ ހަމަ އެންމެ ލަފްޒެކެވެ.

މަންމަގެ ލޮލަށް ނޫނީ އަޔާން ނުބަލަ އެވެ. ކިތަންމެ ވަރުދެރަވެފައި ބައްޔަސް، އެ ލޮލުގެ ރީތިކަމަކކަށް ބަދަލެއް ނާދެ އެވެ. އެ ލޮލުން ހުރިހައި ރިހުމެއް އަޔާންއަށް ފެންނަމުންދިޔަ އެވެ. އަލީޒީގެ ހަރަކާތް ހުއްޓިފައިވިޔަސް، ލޮލުގެ ކަޅި ހަރަކާތްކުރަންފެށި އެވެ. 

"މަ ން މަ..." ރިހުމުން ފުރިފައިވާ ގޮވައިލުމެކެވެ.

ކުރިއަށްވުރެންވެސް މިފަހަރުގެ ގޮވައިލުން މާ ހިއްދައްޗެވެ. އެންމެ ފަހު އަކުރު އަޔާންގެ ކަރުތެރޭގގައި ތާށިވީ އެވެ. ދެ ލޯ މަރައިފައި އިސްޖަހައިލި އެވެ. ހިނިތުންވެފައި މަންމައަށް ބަލައިލާނެ ހިތްވަރު ހޯދަން އެ ދަރިފުޅު މަސައްކަތް ކުރަނީ އެވެ. 

"ދަ ރި ފު ޅާ..! މަ  ން   މަ  ކެ  ން  ސަ  ރ" ނުހަނު އުނދަގުލުން އަލީޒީ ބުނެލި އެވެ. ހޮނުގުގުރިއެއް އަޔާންގެ ކަންފަތަށް ޖެހިޔަސް، އެވަރު ނުވާނެއެވެ. އިތުރު ހުރިހައި އަޑެއް އަޔާންއަށްޓަކައި ބަންދުވި އެވެ. ދުލުން ބަސް ހުސްވި އެވެ. ހިންދިރުވައިނުލެވި ކަރު ބެދިއްޖެ އެވެ. އުފެދުނީ އެންމެ ދެ ސުވާލެވެ. ދުނިޔޭގެ ހުރިހައި ރިހުމެއް އުފެއްދެވީ ހަމައެކަނި އަޔާންގެ މަންމައަށްޓަކައި ހެއްޔެވެ؟ މި ހާލަތު މަންމައަށް މެދުވެރިކުރެއްވީ އަޔާންގެ ސަބަބުން ހެއްޔެވެ؟

އެތަނުގައި ތިބި އެންމެންގެ ހަރަކާތް ދިރެންފެށި އެވެ. އައިޝާއާއި މުންޝިރުވެސް އެސްފިޔަ ތަޅުވައިލި އެވެ. ލަސް ހަރަކާތަކާއެކު އަޔާންގެ ދެ އަތުން މަންމަގެ މޫނުގެ ދެފަރާތުގައި ލޯތްބާއި އިހްތިރާމާއެކު ހިފަހައްޓާލި އެވެ.

ދަރިއެއްގެ ދެ ލޯ ޝަކުވާއިން ފުރިފައިވާ މަންޒަރު ދުށުމަށް މަޔަކަށް ކެތްވާނެ ހެއްޔެވެ؟ އެ ހިތްދަތިކަންވެސް މި ހިނދު އަލީޒީ ޖެހުނީ ތަހަންމަލްކުރާށެވެ!

އޭރުވެސް އަޔާންގެ ހުރިހައި އިނގިއްޔެއް ތުރުތުރު އަޅަ އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަވަގުތު، އަޔާންގެ އަޑުން މުޅި ކޮޓަރި ގުގުމާލި އެވެ. އަޑުގައިހުރި ބާރެއް ލާފައި ރޯންފަށައިފި އެވެ. އެތައް އަހަރަކު އެހިތުގައި މމަންމައަށްޓަކައި ރައްކާކޮށްފައި އޮތް ލޯބި، ކަރުނައިގެ އެހީގައި ދުނިޔޭގެ ނާއިންސާފުގެ ތެރެއަށް ބަންޑުންކޮށްލި އެވެ. ހިތްފުރެންދެން ރު އެވެ.

ބަޔާންކުރަން ދަތި ހިތާމަތަކަކީ އެންމެ ވޭންދެނިވި ހިތާމަތަކެވެ.   

ދިގުދެމިގެންދިޔަ އަހަރުތަކުގައި ދެމައިން ސިއްރުން އުފުލި އެކަނިވެރިކަން، ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ފާޅުވަމުންދިޔަ އެވެ. ކަރުނައާއެކު ބަންޑުންވަމުންދިޔަ އިހްސާސްތައް ދެމައިން ވަރުބަލިކޮށްފި އެވެ. ހިތްފުރެންދެން ރޯލުމަށް ފުރުސަތުދީގެން ބަޔަކު ތިބިކަމުގެ އިޝާރާތެއްވެސް ނެތެވެ. ލަސް ހަރަކާތަކާއެކު އުނދަގުލުން އަލީޒީގެ އަތުން އަޔާންގެ ކަނދުރާއާއި ބުރަކަށީގައި ފިރުމަމުން ދިޔަ އެވެ.

މަންމަގެ ކަންދުރާގައި މޫނު ފޯރުވާލައިގެން އޮވެ، މަންމަގެ ބާލީސް ތެއްމަމުންދިޔައީ ލޯބިވާ ދަރިއެއްގެ ހިތަށް ކެތްނުވެގެންނެވެ. އެތައް ވާހަކައެއް ދައްކަން ބޭނުމެވެ. މުޅި ދުނިޔެއަށް ނޫފުލޭނެވަރުގެ ޝަކުވާ އެބައޮތެވެ. އެންމެ ގާތް އެންމެންގެ މައްޗަށް އުފުލާނެ ބަރު އެތައް ސުވާލެއް އެބައޮތެވެ. އަޔާންވަރުބަލިވެ، ރުއިމާއި ގިސްލުމުގެ އަޑު އާހެއްގެ ސިފައިގައި ބޭރުވާން ފެށި އެވެ. އެވަގުތު އަލީޒީގެ ހާލަތު ތަފާތެވެ.

އަލްވަދާއު ކިޔަންވީ ވަގުތު ގާތްވެއްޖެކަން ގަބޫލުކުރިފަދަ އެވެ. ދިރިހުރުމުގެ ހުރިހައި އުއްމީދެއް ފުރިހަމަވެއްޖެޔޭ ބުނާފަދަ ބެލުމަކުން އަޔާންއާއި ދިމާއަށް ބަލައިލި އެވެ. މަންމަގެ ކަނދުރާ ހަރަކާތްކޮށްފިކަން އެނގުމުންވެސް އަޔާން ގުޑާނުލި އެވެ. ކުރިއަށްވުރެން ބާރަށް މަންމަ ގައިގަ ބައްދައިގަތެވެ. 

މުޅި މާހައުލުބަދަލުވެގެންދިޔައީ އިތުރު ގިސްލުމެއްގެ އަޑަށެވެ. ލިބުނު ސިހުމާއެކު އައިޝާއާއި މުންޝިރަށް ބަލައިލެވުނީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ދުވަހަކުވެސް ދެކެފައިނުވާ، ރީތިކަމުގެ ދެވަނަ މިސާލެއްނުވާފަދަ ދެމީހެއްގެ ފެނިލުމުން އައިޝާއާއި މުންޝިރު ހައިރާންވި އެވެ. އިތުރަށް ބަލައިލެވުނީ ފިރިހެން މީހާގެ ރައްކާތެރި ދެއަތުގެތެރޭގައި ހިފަހައްޓާލާފައިވާ އިތުރު އަންހެން ކުއްޖަކަށެވެ. ފުރަގަހުން ފެނުނުކަމުގައިވިޔަސް އެއީ ޒުވާން ކުއްޖެއްކަން އެނގުނެވެ. ތިން މީހުންގެ ހަމުގެ ކުލައިގައި ތަފާތެއްނެތެވެ. ނުވަތަ އަޔާންއާއި އެ ތިން މީހުންގެ ހަމުގެ ކުލައިގައި ކުޑަވެސް ތަފާތެއްނެތޭ ބުނެވިދާނެ އެވެ. އަލީޒީ ފުރަތަމަ އެ ރަށަށް އައިއިރު އަލީޒީގެ ހަމުގެ ކުލައަކީވެސް އެއީ އެވެ. ހީވާހީވުމަށް ބައްޕައެއްގެ ހިމާޔަތުގައި އަންހެންދަރިޔަކު ހިއްދަތި ގިސްލުމަކުން ރޮނީ އެވެ. ކޮޓަރީގެ އެއް ކަނެއްގައި ހިނިތުންވެފައި ހުންނެވި ޑޮކްޓަރަށް މުންޝިރުގެ ސަމާލުކަން ހުއްޓެން ވަގުތުކޮޅެއް ނެގި އެވެ. 

"ޕްރިންސެސް... ޕްރިންސެސް... އިޓްސް އޯކޭ މައި ލަވް.. ހީ އިޒް އޯކޭ ނައު.. ޕްރިންސެސް.." ނާދިފްގެ ލޮބުވެތި، ބަސްތަކާއި އޯގާތެރި ފިރުމުންތަކުން ދަރިފުޅު ހަމަޔަކަށް އެޅުވޭތޯ ނުހަނު މަޑުމަޑުން ވާހަކަދެއްކި އެވެ. އިރުއިރުކޮޅުން ދަރިފުޅުގެ ނިއްކުރިއާއި ބޮލުގައި ތުންފަތް ބީއްސާލަ އެވެ. މިޒްރާގެ ލޮލުން ފައިބަމުންދިޔަ ކަރުނައާއެކުވެސް ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުންދިޔަ އެވެ. ފަހަރަކު މީހެއްގެ މޫނަށް އައިޝާއާއި މުންޝިރު ބަލަމުންގެންދިޔައީ އެތައް ސުވާލެއް  ނިއްކުރީގައި ބޮނޑިކުރަމުންނެވެ. ތަފްސީލް މިވަގުތު ބޭނުންވާކަމަށް ދޭހަވާ ބެލުމަކުން މުންޝިރު ބަލަންފެށީ ޑޮކްޓަރއަށެވެ.

"އޯކޭ..! އޯކޭ...! ތިހައި ބިރުވެރިކޮށް އަޅުގަނޑާއި ދިމާއަށް ނުބައްލަވާ..! މިކަން އަޅުގަނޑާއި ގުޅޭހިސާބު ކުޑަގޮތަކަށް ބުނެލަދޭނަން...! މީގެ ދެދުވަހެއް ކުރީން އަޅުގަނޑަށް ލިބުނު ފޯންކޯލެއް، އަލީޒީގެ ހާލަތާއި އަލީޒީގެ ބައއްޔާއި އަދި ފަރުވާއާއި ގުޅޭގޮތުން..! ބަލިމީހުންގެ މައުލޫމާތަކީ ސިއްރު މައުލޫމާތުކަމަށްވިޔަސް، ވަގުތާއި ހާލަތަށް ބަލާފައި، ބޭނުންވި ހުރިހައި މައުލޫމާތެއް އަޅުގަނޑަށް ޖެހުނީ ހިއްސާކުރަން.. ސަބަބަކީ އަޅުގަނޑުގެ އިތުބާރު އެފަރާތަކަށް ދެވޭވަރަށް، އެބޭފުޅެއްގެ ހުރިހައި މައުލޫމާތެއް، އަޅުގަނޑު އެދުނުގޮތަށް، އަޅުގަނޑާއި ހިއްސާކުރެއްވީތީ..! އަދި އެއީ ބަލިމީހާއާއި ބަލިމީހާގެ އާއިލާއަށް މިވަގުތު އެންމެ ފައިދާބޮޑު ގޮތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ.. ކަމާބެހޭ ހުރިހައި ފަރާތްތަކާއި ކުރައްވަންޖެހހޭ ހުރިހައި މުއާމަލާތެއް ކުރައްވައިގެންވިޔަސް، މުންޝިރުމެން އަޅުގަނޑަށް ބޮޑު އަދަދަކުން ފައިސާދައްކަވައިގެން މި ރަށުގައި ތިޔަ ބަހައްޓަވައިދެއްވާދެއްވުމުގެ އަގު އަޅުގަނޑަށް ފުރިހަމައަށް އަދާކޮށްދެވެން އޮތީ އެގޮތުންކަމަށް އަޅުގަނޑަށް ފެންނާތީ ބަލިމީހާގެ މައުލޫމާތުވެސް، އަދި އެފަރާތުން އިތުރަށް ބޭނުންވި މައުލޫމާތުވެސް އަޅުގަނޑު ހިއްސާކުރީ...! މިއީ މަޝްހޫރު ވިޔަފާރިވެރިޔާ ނާދިފް ޝައްޔާން، އޭނާގެ އަނބިކަނބަލުން މިޒްރާ މަންސޫރް އަދި އެދެކަނބަލުންގެ ހަމައެކަނި ދަރިފުޅު، އަމީރރާ ނާދިފް ޝައްޔާން..!" އަމާން ދިނުމުގެ ހަރަކާތެއްގެ ގޮތުގައި ޑޮކްޓަރގެ ދެ އަތް މައްޗަށް ހިއްލައިލައްވަމުން ވާހަކަ ދެއްކެވި އެވެ. 

ޑޮކްޓަރގެ ފަރާތުން ލިބުނީ އެންމެ މުހިއްމު މައުލޫމާތެވެ. ނަމަވެސް އެމިންވަރުން މިވަގުތު ނުފުދޭކަން ކަށަވަރެވެ. ނުގުޅިގެން އެތައް ނުތަވަސްކަމެއް އާއިލާއަށް ލިބިފައިވަނިކޮށް، ކުއްލިޔަކަށް އަޔާން އައުމާއި، އަޔާންއާއެކު ނުދަންނަ އިތުރު ތިން މީހަކު އައުމަކީ ބޮޑު ސުވާލެކެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާގެ އާއިލާ މި ކުޑަކުޑަ އާއިލާގެ ހާޒިރުގައި މި ކުރައްވަނީ ކީއްހެއްޔެވެ؟ ލިބުނު މައުލޫމާތު މުންޝިރަކަށް ނުފުދުނެވެ. މިފަހަރު އެނބުރުނީ ސީދާ ނާދިފްއާއި ދިމާއަށެވެ. ސުވާލުން ފުރިފައިވާ ބެލުމަކުން ސީދާ މޫނަށް ބަލައިލި އެވެ. 

"ޕްރިންސެސް... ބޭބީ.. ހުއްޓާލަބަލަ.. އަޔާންގެ އަންކަލް، ދަރިފުޅާ ވާހަކަދައްކާލަން ބޭނުންވެފައި އެ ހުންނެވީ.." ނާދިފް ވާހަކަދެއްކީ ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުންނެވެ.

މިފަހަރު މުންޝިރަށް ލިބުނީ ޝޮކެކެވެ. މުންޝިރަކީ އަޔާންގެ އަންކަލްކަމެއް އެބޭފުޅުންނަށް އެނގިވަޑައިގަތީ ކިހިނެއް، ކޮންއިރަކު ހެއްޔެވެ؟ އަލީޒީގެ ބަލި އެނދަށް ބަލައިލަމުން މިޒްރާ ކުރިއަށް ޖެހިލި އެވެ. ކޮޓަރީގައި ހަލަބޮލިވަމުންދިޔަ ސުވާލުތަކުގެ މާހައުލު މިޒްރާއަށް ވިސްނުނީ އެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އަލީޒީގެ އެނދުގެ ވާތްފަރާތުން ގާތްވެލާފައި އަލީޒީގެ ބޮލުގައި ފިރުމާލި އެވެ. 

"އަޔާން މަންމާ.. މިއީ މިޒްރާ... އަމީރާގެ މަންމަ.." މިޒްރާގެ އޯގާވެރި ކުރު ތައާރަފާއެކު ބައްޕަގެ ކަނދުރާގެ ތެރެއިން ބޯ ހިއްލާލަމުން އަމީރާ ބަލައިލީ ސީދާ އެނދާ ދިމާއަށެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް