އެޑިއުކޭޝަން މިނިސްޓްރީން މި މަޝަރޫއު ކުރިޔަށް ގަންދަނީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގައެވެ. މި މަޝްރޫއަށް ޔުނިސެފާއި ވޯލްޑް ބޭންކުން ވަނީ 9.5 މިލިއަން ޑޮލަރު ދީފައެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 'ތައުލީމަށް އިންގިލާބީ ބަދަލު'ގެ ނަމުގައި ފެށި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.ޖީޕީއީ މެދުވެރިކޮށް މި މަޝްރޫއަށްް ވަނީ ތިން އެހީއެއް ލިބިފައެވެ.
އޭގެތެރޭގައި ހިމެނެނީ
- ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް / ފަސް މިލިޔަން ޑޮލަރު
- ސިސްޓަމް ކެޕޭސިޓީ ގްރާންޓް / 1.5 މިލިޔަން ޑޮލަރު
- މަލްޓިޕްލަޔާ ގްރާންޓް / ތިން މިލިޔަން ޑޮލަރު
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސިސްޓަމް ޓްރާންސްފޮމޭޝަން އެހީ ހާއްސަވަނީ ހާއްސަ އެހީއަސް ބޭނުންވާ އަދި އުގަނުމުގައި އިތުރު އެހީ ބޭނުންވާ ކުދިންގެ ތައުލީމު ތަރައްގީކުރުމަށާއި އެކުދިންނަށް އިސްކަން ދިނުމަށްކަމަށެވެ. ސިސްޓަމް ކެޕޭސިޓީ އެހީ ހާއްސަވަނީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް ބެލެހެއްޓުމަށްކަމަށެވެ. އަދި މަލްޓިޕްލަޔާ އެހީ ހާއްސަ ވާނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ މައުލޫމާތު އެއްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އިތުރު ސްކޫލުތައް ގާއިމުކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުން ހިމެނެއެވެ. މީގެއިތުރުން ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތު ދިނުމާއި ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދުމަކީވެސް މި މަޝްރޫއުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމެވެ.