އެންމެ ފަގީރު ގައުމު ތަކުން ފެށިގެން ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގެ އިގްތިސާދުވެސް ދަނީ މިވައިރަހުގެ ސަބަބުން ނިކަމެތިވަމުންނެވެ.
ވައިރަސް ފެތުރުމުގައި ވަކި ގައުމެއް އިސްތިސްނާ ނުވެ މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، ވައިރަހުން ރައްކާތެރި ވުމުގެ ގޮތުން ގައުމުތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފިޔަވަޅު ތަކުގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ކުރާ އަސަރުތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ނެވެ.
ވައިރަހާއި ހަނގުރާމަ ކުރުމަށް ގައުމުތައް ހުއްޓިފައި ވާއިރު މިކަމުގެ ސަބަބުން އާންމު މީހާގެ މާލީ ދަތިތަން ދަނީ އިތުރުވަމުންނެވެ. ވަޒީފާތައް ގެއްލި، ޖީބަށް ވަންނަ ފައިސާ ކޮޅު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ. މަސައްކަތް ކުރާނެ ގޮތެއް ނެތި ފައިސާ ހޯދާނެ މަގު ވަނީ ގެއްލިފައެވެ.
އެންމެ ފަގީރު މީހާ އިތުރަށް ފަގީރުވެގެން ދާއިރު، ކިރިޔާ ދެކޮޅުޖައްސާގެން އުޅޭ މީހާ ދަނީ ފަގީރު ވަމުންނެވެ. ބަޑުފުރާނަ މުއްތި ކުރާނެ ގޮތެއް ނެތިފައި ތިބޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކޮރޯނާ ވައިރަހާއި ހެދި މުޅި ދުނިޔެއިން ފަގީރުންގެ އަދަދު ބައި ބިލިއަނަށް އަރާނެ ކަމަށާއި މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ދުނިޔޭގެ ފަގީރުންގެ އަދަދު މިހާ މަތިވެގެންދާ ފުރަތަމަ ފަހަރުކަމަށް އދ ގެ ރިޕޯޓުން ދައްކައެވެ. އަދި މި ވައިރަހުގެ ސަބަބުން ދިމާވާ އިގްތިސާދީ ކާރިސާގެ އަސަރު މި ބަލިމަނޑުކަމުގެ އަސަރަށް ވުރެ ބޮޑު ވާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ވައިރަހުގެ ސަބަބުން 400 މިލިއަނާއި 600 މިލިއަނާއި ދެމެދުގެ އަދަދަކަށް ދުނިޔޭގެ އެކި ހިސާބުތަކުން ފަގީރުންގެ އަދަދު އިތުރުވާނެ ކަމަށް އދ އިން ބުނެއެވެ. އަދި ބަލިމަނޑުކަމުން ދުނިޔެ އަރައިގަންނަ އިރު ދުނިޔޭގެ އާބާދީގެ 7.8 ބިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ފަގީރުވެެގެން ދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުން ވެގެންދާނީ އިރުމަތީ އޭޝިއާ އާއި ޕެސިފިކް ގެ ގައުމުތައް ކަމަށާއި މީގެ ތެރެއިންވެސް ތިން ބައި ކުޅަ އެއްބައި މީހުން ނިސްބަތް ވާނީ ދެކުނު އޭޝިއާ އަދި އެފްރިކާގެ ގައުމު ތަކަށް ކަމަށް ކަމާބެހޭ މާހިރުން އަންދާޒާ ކުރެއެވެ.
ކަން މިހެން އޮތް އިރު، އިރުމަތީ އޭޝިއާ އާއި ޕެސިފިކްގެ ގައުމުތަކުން 24 މިލިއަން މީހުންނަށް ފަގީރުކަމުން އަރައި ނުގަނެވޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ކަންތަައް އެންމެ ގޯސްވެއްޖެ ނަމަ މުޅި ދުނިޔެއިން 35 މިލިއަން މީހުންނަށް ފަގީރުކަމުން އަރައި ނުގަނެވޭނެ ކަމަށާއި އޭގެ ތެރެއިން 25 މިލިއަން މީހުންނަކީ ޗައިނާގެ މީހުން ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
މީީގެ ސަބަބުން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔެއިން ފަގީރުކަން ނައްތާލަން އދ އިން ކުރަމުން އައި މަސައްކަތަށް ބުރުއަރާނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ، ކޮރޯނާ ވައިރަހަކީ ހަމައެކަނި ސިއްހީ ކާރިސާއެއް ނޫންކަމަށާއި މިއީ އިގްތިސާދި އަދި އިޖްތިމާއީ ކާރިސާއެއް ކަމަށް ވިދާޅުވެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އިޖްތިމާއީ އެހީގެ ދަށުން ވަގުތީ ހައްލު ހޯދާދީ ރައްޔިތުންނަށް ބޭނުންވާ ކާނާ އާއި އިތުރު ޒަރޫރީ ބޭނުންތައް ފުއްދައިދެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިކަމުން އަރައި ގަނެ ދާއިމީ ހައްލެއް ހޯދުމަކީ ދުރުގައިވާ ކަމެކެވެ.
އިގްތިސާދު ސަލާމަތް ކުރުމަށް، ކޮވިޑް-19 އާއި ދެކޮޅަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލެވޭކަށް ނެތެވެ. މި ފިޔަވަޅުތައް މާ އަވަހަށް ހުއްޓާލާފި ނަމަ އަލުން ބަލި އިތުރަށް ފެތުރި އިގްތިސާދަށް ކުރާ އަސަރު އިތުރަށް ގޯސްވެ ދިގުދެމިގެން ދާނެއެވެ. އެހެންކަމުން އިގްތިސާދު ސަލާމަތް ކޮށް ރައްޔިތުން ފަގީރުކަމުން ސަލާމަތް ކުރުމަށް އޮތް ހަމައެކަނި މަގަކީ ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކޮށް މި ބަލިމަނޑު ކަމުން އަވަހަށް އަރައިގަތުމެވެ.