މީ ބަންކަރިން ހިދުމަތް ފަށަން މިނިސްޓަރު ސައީދު ދެއްވި ތިންވަނަ ތާރީހެވެ. އެންމެ ފުރަތަމަ ޖުލައި މަހު މި ހިދުމަތް ފެށޭނެކަަމަށް ވިދާޅުވުމަށްފަހު އޭގެ ފަހުން ވަނީ މިމަހުގެ 20ގައި ހިދުމަތް ފަށާނެކަމަށްް ސައީދު ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށަން އަނެއްކާވެސް ތާރީހެއް ދެއްވާފައެވެ. ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފަށާނެކަމަށެވެ.
މިނިސްޓަރު ސައީދު ވަނީ މިމަހުގެ 20ގައި ބަންކަރިން ނުފެށުނު ސަބަބު ދާދި ފަހުން ރާއްޖެއަށް ކުރި ވިއްސާރައާ ގުޅުވާލާފައެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މި މަޝްރޫއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އިންޓަނޭޝަނަލް ފިއުލް ބަންކަރިންގެ ހިދުމަތަށް ފަށާނީ އޯފްޝޯ ބަންކަރިން ހިދުމަތުގެ ގޮތުގައިކަށެވެ. އެގޮތަށް ފަށަނީ އެއްގަމުގައި ކުރާނަމަ އަނެއްކާވެސް އެކަމަށް އިތުރު ދުވަސްތަކެއް ނަގާނެތީކަމަށް އޭނާ ވިދާޅުވިއެވެ.