ބުރާސްފަތު ދުވަހުގެ އަދަދާއި ގުޅޭ
"ބައި ދަ ވޭ އަޔާން... އައި ޓްރަސްޓް ޔޫ..! އަމިއްލަ ނަފުސަށް ވުރެންވެސް މާބޮޑަށް އިތުބާރުކުރަން... ދުރުގައި ހުންނަން ވަރަށް ވަރަށް އުނދަގޫ.. އައި ކާންޓް ލިވް ވިތްއައުޓް ޔޫ ބޭބީ..! ގަބޫލުކުރަން 'ލޯބި' މި ދެމެދަށް އައީ ދާދިފަހުންކަން.. ވަޓް އައި ނޯ އިޒް، ފްރޮމް ދި ބިގިނިންގ އިޓް ވޯޒް ދެއާރ..! ދޯ..؟!" ވާހަކައިގެ ތެރެއިން އަމީރާއަށް މިބުނެވުނީ ކީކޭކަން ރެއަކާލާން އިރުކޮޅެއް ނެގި އެވެ. ފޯނުގައި ހުރެ ބޮޑުވައި އިނގިލީގައި ދަތް އެޅިއިރު މޫނުގެ ބްލަޝް ކަންފަތާއި ކަނދުރާއަށްވެސް ފޯރައިފި އެވެ.
"އޯވ... ވައޮ...! ފްރޮމް ދި ބިގިނިންގ..؟ ދެން ކީއްވެ އޭރު ނުބުނީ..؟ ކިތައް އަހަރު ތި އިސްރާފްކޮށްލީ..؟ އެހެންނޫންނަމަ، މިހާރު ތި މޫނުގައި މިވަގުތު ހުރި ބްލަޝްގެ ހުރިހައި ކުލައެއް ދުވާލަކު އެތައް ފަހަރު ތި ތުންފަތުން އެތައް ބަޔަކަށް ފެންނާނެކަން ޔަގީން... ޔޫ ނޯ ވަޓް އައި މީން.. ރައިޓް..؟!" ގަސްތުގައި އަމީރާ ލަދުގަންނަވާލުމަށް އަޔާން ދިމާކޮށްލި އެވެ.
"އޯކޭ.. އޯކޭ... ޔޫ ޖަޔަންޓް ހިއުމަން ޖިރާފް... ގޯ އެންޑް ބްރަޝް...! ބައި ބައި..! ލަވް ޔޫ...!" އަޔާން އެއްޗެއް ބުނަން ފުރުސަތެއްވެސް ނުދީ، ލަދުން ރަތްވެފައިހުރެ، އަމީރާ ފޯނުކަނޑާލި އެވެ.
...............
"އަހަރުމެންގެ އަޔާންގެ ނަސީބަށްޓަކައި ﷲށް ހަމްދާއި ޝުކުރުކުރަން.. އަލީޒީގެ މާބަނޑުވުމާއި ގުޅުވައިގެން ހުތުރު އެކި ނަންނަމުން މުޅި ރަށުގައި ފުރައްސާރަކުރި ދުވަހެއް އައި... ކުޅަދުންވަންތަކަން ދެކިބަލަ..! މުޅި ރަށް އެ ދަރިއަކަށްޓަކައި މަލާމާތްކުރި ދަރިފުޅަށް މިއަދު މިރަށާއި މުޅި އަތޮޅުގައިވެސް ރެއާއި ދުވާލު އެދަނީ ހެޔޮ ދުއާ އާއި ތައުރރީފްކުރަމުން.. ދިރިތިބީންނަށް މިއީ ކޮންފަދަ އިބްރަތެއް.." އަސަރާއެކު އައިޝާ ބުނެލި އެވެ.
އެއްބަސްވުމުގެ ގޮތުން މުންޝިރު ބޯޖަހައިލި އެވެ. އަދި އައިޝާއަށް ބަލައިލީ ފަހުރުވެރިކަމާއެކު އެވެ. އެދުވަހު އަލީޒީއަށް އައިޝާ އެހީނުވިނަމަ، އަލީޒީގެ ހާލަކީ ކޮބައިކަން މުންޝިރު ހިތައް ގެންނާކަށްވެސް ބޭނުމެއް ނޫނެވެ.
"އެ ދެމައިންނަކީ އަހަރުމެން ދެމީހުންނަށްޓަކައި މާތްﷲ ލެއްވި ނިއުމަތެއް.." އެއްބަސްވުމުގެ ގޮތުން އައިޝާގެ އަތުގައި ފިރުމާލަމުން މުންޝިރު ބުންޏެވެ.
"އަޔާންއާއި ބެހޭގޮތުން އެހެންކަމެއް ފާހަގައެއް ނުކުރެވޭތަ..؟" ތަފާތު ރާގެއްގައި އައިޝާ އަހައިލި އެވެ. ދެ ލޮލާއި މޫނަށް ޖައްސާލިވައްތަރު މުންޝިރަށް ނުހަނު ކަމުދިޔަ އެވެ. އެ ސުވާލުގެ މާނަ ޔަގީންކޮށްލުމަށް ވިސްނާލާފަދަ ގޮތަކަށް މުންޝިރު ބަލައިލި އެވެ.
"ބުނަން ތިޔައުޅެނީ އަހަރެންގެ ހިތުގައި މި އޮތް އެއްޗެއްކަން ނުވަތަ ނޫންކަން ބުނާކަށް ނޭގެ.. އެކަމަކު އަހަންނަށް ފާހަގަކުރެވެނީ، މިރަށުގެ ހުސްހަށިބައި އަންހެންކުދިން އާދަޔާ ހިލާފަށް 'އަޔާންޒީ ކެންސަރ ކްލިނިކް'އަށް ކެންސަރ ސްކްރީން ކުރުމަށް އަންނަމުންދާކަން.. ކްލިނިކް ދޮރުމަތީގައި ނޫނީ ކްލިނިކް ސަރަހައްދުން ޒުވާންފުރައިގެ އަންހެންކުދިން ނުފެންނަ ވަގުތެއް ނުދޭ.." ލާނެއް ހިނިތުންމުވަކާއެކު މުންޝިރް ބުންޏެވެ.
"އަހަރެންވެސް ބުނަން އުޅުނީ ތިވާހަކަ..! އެހެންވެ، ގެއަށްވެސް ނުދާންވެގެން މިތަނުން އަޔާންއަށް ހާއްސަކޮށްފައި ހުންނަ ކޮޓަރިއަށް ބަދަލުވީވެސް..! އެކޮޓަރި އަމީރާ ބައްޕަ އަޔާންއަށް ތައްޔާރުކޮށްދިނީ، އެކަހަލަ ކަންކަމުން އަޔޔާންއަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއްވާކަން ފާހަގަކުރެވިގެން..! އެމީހުން މިރަށުގައި އުޅުނު އިރުވެސް ހަމަ އެފަދަ.. އަޔާން ގާތުގައި އަމީރާ ހުއްޓަސް، މިރަށު އަންހެންކުދިން އަޔާންއަށް ކަޅިއަޅާ..." އައިޝާ ބުންޏެވެ.
"ތިޔަބުނީ ހެޔޮކޮށް..! އެކަމަކު މުޅި ދުނިޔެ އެއްކޮޅަށްލާފައި އަނެއްކޮޅުގައި އަމީރާއެކަނި ބެހެއްޓިޔަސް، އަޔާން ބަލައިނުލާނެ އެހެން ކުއްޖަކަށް.. އަހަރުމެންގެ ދަރިފުޅަށްޓަކައި އަހަރެންގެ ހިތުގެ އެންމެ އަޑިން ފަހުރުވެރިވަން.." ފަހުރުވެރިކަމާއެކު މުންޝިރު ބުންޏެވެ.
"ގުޑް މޯނިންގ އަންކަލް..! ގުޑް މޯނިން ބޮޑުދައިތާ...! ގުޑް މޯނިން ބިއުޓިފުލް..!" ހެނދުނުގެ ބާއްޖަވެރިކަމުން މުޅިހަށިގަނޑު ތާޒާކޮށްލައިގެން އަޔާން، އަލީޒީގެ ކޮޓަރިއަށް ވަންނަމުން ދުވަހުގެ ތަހުނިޔާ ކިޔާލި އެވެ. ނިދިފައި އޮތް އަލީޒީއަށް ހޭލެވުނީ ދަރިފުޅުގެ އަޑަށްކަމެއް ނުވަތަ އެދަރިފުޅުގެ ތާޒާކަމާއި ބޭނުންކޮށްފައިވާ އަގުބޮޑު ސެންޓުގެ ހިތްފުރޭފަދަ ހިތްގައިމުކަމުންކަން ބުނެދޭކަށް ނޭގެ އެވެ.
ޖަރުމަނުގެ ތަޖުރިބާކާރު އޮންކޮލޮޖިސްޓުގެ ފުރިހަމަ ފަރުވާ ފެށިފަހުން އަލީޒީގެ ހާލު ކުރިއަށްވުރެން އެތައް ތަނެއް މިހާރު ރަގަޅެވެ. ނަމަވެސް އަލީޒީ ގުނަމުންދަނީ ލިވަރ ކެންސަރގެ އެންމެ ފަހު މަރުހަލާގެ ދުވަސްތައްކަމަށްވާތީ، އޭނާގެ 'މުއްދަތާއިމެދު' ޑޮކްޓަރުންނަށް ކުރެވޭނެ މާބޮޑުކަމެއް މިހާލަތުގައި ނެތެވެ.
ކުރިއަށް އޮތް ހަ މަސްދުވަހުގެތެރޭގައި އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އަލީޒީއަށް ހިނިތުންވުމެއްކަމުގައި ހައްދަވައިދެއްވުމަށް ޑޮކްޓަރ ކާރލްގެ ކިބައިން ނާދިފް އެދިފައިވެ އެވެ. މާލޭގެ މަޝްހޫރު ކްލިނިކްތަކާއި ރާއްޖޭގެ އެތަން މިތަނުން ޑޮކްޓަރ ކާރލްއަށް ދެއްކުމަށް ފެންފުށްޓާއި މުއާމަލާތުކުރަމުންދާވާހަކަ ނޫސްތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައއިވަނީ މުޖުތަމައުގެ އެންމެ މަގުބޫލް ހަބަރުގެ ގޮތުގަ އެވެ.
ކީމޯތެރަޕީއާއި އަދި ވޭންދެނިވި އެތަށް ފަރުވާއަކާއި ނުލައި ދުނިޔޭގެ އެންމެ ތަހުޒީބު ގައުމުތަކުގގައި ފަރުވާދޭ ފަދައިން، ތަފާތުގޮތަކަށް 'އަޔާންޒީ ކެންސަރ ކްލިނިކުން' ފަރުވާދެމުން ގެންދާކަމަށް މުޅިގައުމުގައި އަޑުފެތުރިފައިވަނީ ފެންފުށްޓަށް ލިބުނު ތާރީހީ ފަހުރަކާއި ކުރިއެރުމެއްގެ ގޮތުގަ އެވެ. ނަމަވެސް ޑޮކްޓަރ ކަރލްއަކީ ހަމައެކަނި އަލީޒީގެ ހިދުމަތަށް ސައުވީސްގަޑީރު ހާއްސަވެފައިވާ ޑޮކްޓަރަކަށްވާތީ އެހެންއެއްވެސް ބަލިމީހަކު ބެލުމަކީ ޑޮކްޓަރ ކަރލްއާއި އަޔާންޒީ ކްލިނިކާއިދެމެދު ވެވިފައިވާ އެއްބަސްވުން ތަންދޭކަމަކަށް ނުވާތީ، އެތައް ބަޔަކަށް އެކަމުން މާޔޫސްކަން ލިބިފައިވެ އެވެ.
ޑޮކްޓަރ ހަނިއްޔާއަކީ މިވަގުތަށް އާންމުކޮށް އަންނަ ބަލިމީހުން ބައްލަވާ ހާއްސަޑޮކްޓަރުގެ ގޮތުގައި ހަމަޖެއްސީ އަޔާން އެވެ. އަޔާންޒީ ކްލިނިކްގެ ހުރިހައި ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ހަމައެކަނި ފަރާތަކީ އަޔާން އެވެ. ޑރ އަޔާން އަދި ޑޮކްޓަރ ހަނިއްޔާއަކީ ޑރ ކަރލްގެ އެސިސްޓެންޓުން ގޮތުގައި ހަރަކާތްތެރިވާ ދެ ޑޮކްޓަރުންނެވެ. ތިން ޑޮކްޓަރުންގެ މައްޗަށް ބިނާކޮށްފައިވާ އއ ފެންފުށީ އަޔާންޒީ ކުލިނިކްގެ ސަބަބުން ރަށުގެ ތަރައްގީއަށް އެތައް ގުނައެއް މަންފާ ލިބެމުންދެ އެވެ. އަލީޒީގެ ދެމައިންނަށް ކުރާ ހެޔޮދުއާ، ރައްޔިތުންގެ ހިތާއި ދުލުން ދުރައްނުދެ އެވެ.
....................
ގަޑިން ގާތްގަނޑަކަށް ފަތިހު ހަތަރެއް ޖެހީ އެވެ. އަޔާންގެ ލޮލަކަށް މިރޭ ނިންޖެއް ނަ އެވެ. މެންދަމުން އަލިވެ ތިނެއް ޖަހަންދެން އިނީ މަންމަގެ ހިދުމަތުގަ އެވެ. ޑރކަރލްގެ އާދޭސްކުރުމާއެކު ކޮންމެވެސްވަރެއްގެ ނިދިކޮޅެއް ލިބޭތޯ އަޔާންގެ ކޮޓަރިއަށްއައީ ފަތިސްނަމާދުގެ ބަންގިއަށް ހޭލެވޭނެކަން ކަށަވަރުވާތީ އެވެ. ނަމަވެސް އެނދުގައި އެއްފުށުން އަނެއް ފުށަށް ނުވަތަ އެއްފަޅިން އަނެއް ފަޅިޔަށް ބަދަލުވެވުނު އަދަދެއް ބުނާކަށް ނޭގެ އެވެ.
އެނދުންތެދުވެ ފާހާނާއަށް ވަނީ ވަކި ވިސްނުމެއް އެވަގުތު އައީތީއެއް ނޫނެވެ. ނަމަވެސް ފެންވަރާލައިގެން ނިކުމެ، އަތްދިގު ހޫޑީއަކާއި ސްވެޓްޕޭންޓެއްގައި އަޔާން ތައްޔާރުވެލައިގެން މަޑުމަޑުން މިސްރާބުޖެހީ ތިރިއަށެވެ. މަންމަގެ ކޮޓަރި ހުންނަނީ ދެވަނަ ފަންގިފިލާގައި ކަމަށްވާތީ އެ ކޮޓަރީގެ ކުރިމަތީގައި އަޔާން ހުއްޓުނެވެ. މަންމަގެ ހާލު ބަލާފައިނޫނީ ބޭރަށް ނިކުންނަށް ބޭނުންނުވީ އެވެ. އަޑެއްބަޑެއް އިއްވާނުލައި ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ހިތްގައިމު މަޑުމަޑު މީރުވަހެއް އަޔާންގެ ނޭފަތުގައި ބީހިލި އެވެ. ހިނިތުންވަމުން މަންމައަށް ބަލައިލި އެވެ. އަރާމް ނިންޖަކުން މަންމަ ނިދާލާފައިވަނީ ތުއްތުކުއްޖެއް ފަދައިން އެވެ. ދާދި ގާތުގައި ހުރި ސޯފާގައި ޑރ ކަރލްއަށް ނިދިފައި އޮތެވެ. ގުޅާފައިވާ މޮނިޓަރތަކަށް ބަލައިލަމުން މަޑުމަޑުން ދޮރުލައްޕާފައި އަޔާން ނިކުތީބޭރަށެވެ.
މިއީ ހިމޭން ވަގުތެކެވެ. ޖައްވާއި ފަޒާ ކިތަންމެ ހަމަހިމޭންވިޔަސް، އަޔާންގެ ހިތުގެ ނުތަނަވަސްކަމަށް ބަދަލެއް ނާދެ އެވެ. ހިތުގެ ތެޅުން އަޔާންގެ ކަންފަތާއި ހަމައަށް އިވެމުންދަނީ ވަށައިގެންވާ މާހައުލުގެ ހަރަކާތް ހުއްޓިފައިވާތީއެއް ނޫނެވެ. އަނދިރިކަން ވެރިވެފައިވިޔަސް، ޖަހާފައިވާ މަގުބައްތިތަކުގެ ފަނޑުއަލިކަން ރައްކާތެރިކަމެއްގެ ގޮތުގައި ފުދެ އެވެ. ހޫޑީގެ ދެފަރާތު ދެޖީބަށް އަތްޖަހައިލައިގެން އަޔާން ހިނގަމުންދިޔައީ ވަށައިގެންވާ އެއްވެސް ކަމަކަށް ފިކުރެއް ހިޔާލެއް ނެތި އެވެ. ދެތިންދުވަސްތެރޭގައި ހާލަތު ބަދަލުވެގެންދާނީ ކިހިނެއް، ކޮން ގޮތަކަށްކަމެއް އަޔާންއަކަށް ނޭގެ އެވެ. ޔަގީނެވެ! ކަމެއް ބަދަލުވާން ތިންހަތަރުދުވަހަކީ ދިގު މުއްދަތެކެވެ!
ރޭ ދަންވަރު ކޮންމެވެސް ވަރަކަށް ކެރި ވެހިފައިވުމާއެކު ފަސްގަނޑުވަނީ ތެމިފަ އެވެ. ޖައްވުގައި އެކުވެފައިވަނީ ފިނިކަމެވެ. ވަށައިގެންވާ އަނދިރިކަމުގައި މުޅި ރަށް އޮތީ ނިދީގަ އެވެ. ފަތިހުގެ ރާނީގެ އެއްވެސް އަސަރެއް ނެތުމާއެކު ލޯތަކަށް އެމަންޒަރުގެ ހިތްގައިމުކަން ތަސްވީރުކުރާން އަދި ވަގުތުނަގާނެކަން އަޔާންއަށް އިގެ އެވެ.
އެންމެ ތުއްތުއިރުގައި މިމާހައުލުގެ ހިތްގައިމުކަން ލިބިފައިވިޔަސް އުމުރުގެ ބޮޑުބައި އަޔާން ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގަ އެވެ. ފަތިހުގެ ކޮންމެ ކުލައެއް ކޮންމެ މާހައުލެއްގައި ދިރިއުޅުނަސް އަޔާންއަށް ތަފާތު އިހްސާސްގެނުވަ އެވެ. އެއަށް އަމާންކަމޭ ކިއިދާނެ ހެއްޔެވެ؟ އޭގެ ޖަވާބު މިއަދު އަޔާންގެ ކިބައިގައި ނެތެވެ.
ބަނދަރުގައި އަޅާފައިވާ އެކިވަރުގެ އުޅަނދުތަކަށް އަޔާން ބަލައިލި އެވެ. ހިތްގައިމު މަންޒަރެކެވެ. އަނދިރީގެ ތެރެއިންވެސް އެފަދަ މަންޒަރެއް ކުރެހުންތެރިއެއްގެ ފިކުރަށް ގެނެވޭނެ އެތައްގޮތެއް އަޔާން ވިސްނާލި އެވެ. ފިނިފިނި ވައިގެ ތެރޭގައި ގަސްތަކުގެ ފަތްތައް ހެލިލާގޮތުން އިންސާނެއްގެ ހިތަށް އަމާންކަން ނުލިބި ނުދާނެ އެވެ. މަހަށް ފުރަން ތައްޔާރުވަމުންދިޔަ ބައެއް ދޯނިތަކުގެ ފަޅުވެރިން މަދުމަދުން ފެންނާން ފަށައިފި އެވެ. އަޔާންއަށް ދުވަހުގެ ސަލާމުން ސަލާމްކޮށްނުލާ މީހަކު އޭނާ ހުރަސްނުކުރެ އެވެ. ފަޅުވެރިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިރުކޮޅަކު އަޔާން ހުއްޓެވެ. މުރާލި އަދި ހީވާގި ބައެކެވެ. އަތްމަތި ނުހަނު އަވަހެވެ. އަރާމު ތަންމަތީން ތެދުވެގެން އައިސް މިސްކިތައް އަރަންވާއިރަށް ދަތުރަށް ތައްޔާރުކުރަނީ އެވެ.
އުމުރުން ތިން އަހަރުން ފެށިގެން ފަތިސްނަމާދަކީ އަޔާންއަށް ދުވަހުގެ ފެށުމެވެ. ކިތަންމެ ބުރަޔަސް، ކިތަންމެ ފަސްކޮށްފައި ނިދިޔަސް، އެއީ އަޔާންއަށް މަޖުބޫރު ފެށުމެކެވެ. ރެއާއި ދުވާލު މެދުނުކެނޑި މަންމައަށް ހަމައެކަނި އެކަމަށް ޝުކުރުވެރިވިޔަސް، އެމަންމަގެ ތަރުބިއްޔަތަށް ޒައްރެއްގެ މިންވަރަށްވެސް އަގުވަޒަން ނުކުރެވޭނެކަން އަޔާން ގަބޫލުކުރެ އެވެ. މަންމަގެ މިޒާޖާއި މަންމަ ތަހަންމަލްކުރި ހިތްދަތިކަމާއި މަންމަގެ އަޒުމާއި ވިސްނުމުގެ ސަބަބުން ކޮންމެވެސް ދުވަހަކުން މިފފަދަ ކަމަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އަޔާންގެ ސިކުނޑި މާކުރިންވަނީ ތައްޔާރުކޮށްފަ އެވެ.
ނަމަވެސް މުޅި ދުނިޔެ އެއްފަރާތްކޮށްފައި ހަމައެކަނި މަންމަ އިހްތިޔާރުކުރާންވެސް ތައްޔާރަށް ހުރި ދަރިޔަކު މަންމަގެ ނިމިދިއުމުގެ ބިރު، ވަގުތުގެ ކަށިން ގުނާނެ ގޮތެއް ބުނެދޭނެ ދުލެއް އަޔާން ބޭނުމެވެ. ކޮންމެ ހިނދުކޮޅެއް އަޔާންއަށް ބިރުވެރި އެވެ. ހިނިތުންވަނީ އެހެން މީހުންގެ ލޯތަކަށެވެ. ހިތް ރޯ ރުއިން އެނގޭނެ އިންސާނަކު ނުހުންނާނެ އެވެ. ހަޔާތުގެ ދަތުރުގައި އަމީރާއާއި ދިމާވުމަކީ އަޔާންއަށް ލެއްވި ނަސީބެކެވެ. އެހެން ނޫންނަމަ، މިހާރު އުޅޭނެ ހާލު އަޔާންއަށްވެސް ނޭގެ އެވެ. އަތުގައި އޮތް ގަޑިއާއި ޖީބުގައި އޮތް ފޯނު ފުރިހަމައަށް ޗާޖުކޮށްފައި ބޭއްވުމަށް އަޔާން ސަމާލުކަންދޭ މިންވަރު އެހެން މީހަކަށް ނުވިސްނިދާނެ އެވެ.
ބަނދަރަށް ބީއްސަމުންދިޔަ ރާޅުތަކުގެ ހަމަހިމޭންއަޑަށް ދިރުމެއް ގެނައީ މިސްކިތު މުދިމުގެ އަޑެވެ. ބަނގި ނިމުމުގެ ކުރިން މިސްކިތައް ފޯރާނެކަމުގެ އުއްމީދުގައި އަޔާން މިސްރާބު ޖެހި އެވެ.
...............
ޑރކަރލް ނިދާލަން ފޮނުވާފައި މަންމަގެ ޒިންމާއާއި ހަވާލުވީ އަޔާން އެވެ. ރިސޯޓް ވަޒީފާ ދޫކޮށް ރަށުގެ ފިޔަފާރީގައި ކުރިއަށް ދިއުމަށް ނިންމައި މުންޝިރު ރަށަށް ބަދަލުވީ އަޔާން އައިފަހުންނެވެ. އަލީޒީ ބަލިވެ، ވިޔަފާރީގެ ޒިންމާ ނޫފުލޭ ހިސާބަށް ދިއުމުން އެކަން ކުރަން އައިޝާއަށް ދަތިތަކާއި ކުރިމަތިވާތީ އެގޮތަށް އަޔާން ނިންމީ އެވެ. މިއަދު ރަށުގައި މުންޝިރުގެ ޒިންމާ ބޮޑެވެ. މުޅި އަތޮޅަށް ފުޅާކުރެވިފައިވާ ވިޔަފާރިއާއި ކުލިނިކު ބެލެހެއްޓުމުގައި އަޔާންއަށް އެހީތެރިވުމަކީ މުންޝިރުގެ އުފަލެކެވެ. އަޔާން ނެތް ކޮންމެ ދުވަހަކީ މުންޝިރުގެ މަސައްކަތަށް އިތުރުވާނެ ޒިންމާތަކެކެވެ.
ޖީބުން ފޯނު ނަގާފައި އަޔާން މެސެޖެއް ކޮށްލި އެވެ. އެއަށްފަހު އަލީޒީގެ އެނދާއި ކައިރި އެވެ.
"ގުޑް މޯނިންގ ބިއުޓިފުލް..! ޔޫ އާރ ސޯ ބިއުޓިފުލް މަންމާ.. މަންމަދެކެ ވަރަށް ލޯބިވޭ" މަންމަގެ ނިއްކުރީގައި ބޮސްދެމުން އަޔާން އަޔާން ބުންޏެވެ.
މިއީ އަޔާން އައިފަހުން އަލީޒީގެ ކޮންމެ ދުވަހެއްގެ ފެށުމެވެ. ދުނިޔެއާއި މެދު ޝަކުވާއެއް ނެތަސް މިފަދަ ލޯބިދަރިޔަކާއި ވަކިވުމަށް މަޔަކަށް ކެތްވާނެ ހެއްޔެވެ؟ މަންމަގެ ލޮލުގެ ހިމަކޮޅުން ވިދާލި ކަރުނަ އަޔާން ދެނެގަތެވެ.
މެޝިންތަކާއި ގުޅާފައިވާ އެއްވެސް ގުޅުމަކަށް ގެއްލުމެއްނުވާނެ ގޮތަށް މަންމަގެ އެނދުގައި އަޔާން އޮށޯތެވެ. ނުހަނު ލޯބިން މަންމަގެ ބޮލުގައި ބޮސްދީފައި ލޯމަރައިލި އެވެ.
"އުފާކުރޭ މަންމާ...! ކުރާނެ ޝަކުވާއަށްވުރެން ޝުކުރުވެރިވާނެ ނިއުމަތްތައް ގިނަކަމަށް ވިސްނާ..! މިއަދު ތިއީ ފަހުރުވެރި އަންހެނެއް.. ނަސީބުވެރި މަންމައެއް.. މަންމަގެ ހިތްވަރުން ކިތަންމެ އަންހެނަކު މިސާލު ނަގާނެ.. ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި ކުރެވޭ އުއްމީދުތަކާއި، ދެކެވޭ ހުވަފެންތަކުން އެންމެ އިންސައްތައެއްވެސް ހާސިލްކުރެވެނީ މަދު މީހަކަށް.. އެކަމަކު އަޔާންގެ ލޯބިވާ މަންމައަކީ މުޅި ދުނިޔޭގެ ބޭއިންސާފާއި ކުރިމަތިލައި، ދުނިޔޭގައި ދެކުނު ހުވަފެންތައް ނުހަނު ބުރަ މަސައްކަތުން ހަގީގަތަކަށްހެދި ކުޅަދާނަ އަންހެނެއް.." އަލީޒީގެ ކޮނޑުގައި އަޔާން ބޮސްދިނެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ވާހަކަ ފެށި އެވެ.
"މަންމައާއި މަންމަގެ މި ދަރިފުޅާއި އަދި އަމީރާގެ މުޅި އާއިލާއަކީވެސް ރަހުމުކުޑަ ބައެއް ނޫން މަންމާ..! ޒީޒް އިންވެސްޓްމެންޓުގެ ހުރިހައި ހިއްސާއަކާއި މުދަލާއި ގެދޮރު އަމީރާގެ ބައްޕަ، ޓޭކް އޯވަރކޮށްފި..!" އަލީޒީގެ ހަށިގަނޑަށް އައި ބަދަލު އަޔާން ދެނެގަތެވެ. މަންމަ ގައިގައި ފިރުމާލާފައި އަނެއްކާވެސް ވާހަކަ ދެއްކި އެވެ.
"އެއީ އެމީހުންނަށް ދިން އަނިޔާއެއް ނޫން.. އެއީ މަންމައަށް މިދުނިޔޭގައި ކުޑަނަމަވެސް އިންސާފެއް ހޯދައި ދެވޭތޯ ކުރިކަމެއް..! އިއްޔެ އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފި..! ނޫސްތަކާއި ސޯޝަލް މީޑިއާގައި އެވާހަކަތައް ދައްކަމުންދަނީ އެމީހުން ލަދުވެތިވާންޖެހޭ މިންވަރަށް.. އެކަމަކު އެމަންޒަރުތައް ވެސް އެމީހުންނަށް ފެންނަކަމެއް ނުވަތަ ނޫންކަމެއް ބުނާކަށް ނޭގެ.. އެމީހުން ވެއްޓިފައިވާ ދަށު ދަރަޖަ މަންމައަށް އިނގޭތަ؟" އަޔާންގެ އަޑު ކަނުލައި އަހަމުންދިޔަ މަންމަގެ ގައިގައި ފަރުވާތެރިކަމާއެކު ބައްދާލަމުން އަޔާން ސުވާލުކޮށްލި އެވެ. މަޑުމަޑުން އަޔާންގެ ބޮލުގައި އަލީޒީ ބޮސްދިނީ ނުހަނު ހިތްވަރުންނެވެ.
"ހުރިހައި ހަޑިމުޑުދާރު އަމަލެއް ހިންގުމުގައި އެމީހުންވަނީ ހައްދުން ނައްޓާފައި.. މަސްތުވާތަކެއްޗާއި އެކިކަހަލަ ވަގު ވިޔަފާރީގައި އެމީހުންވަނީ އަހަރުމެން ހިތައްވެސް ނުގެނެވޭ ހިސާބަށް ދަތުރުކޮށްފައި... މިއަދު އެމީހުންގެ ކިބައިން މަންމައަށް އިންސާފު ލިބިއްޖެ.. އަމީރާ ބައްޕައަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭގެ.." އަލީޒީގެ ނިއްކުރީގައި ބޮސްދެމުން އަޔާން ވާހަކަދެއްކީ ލަސްލަހުންނެވެ.
"މިހާތަނަށް މަންމައަށް ނޭގި އޮތް ބޮޑު ހަގީގަތެއް ބުނެދެންތަ..؟"
-ނުނިމޭ-