ބޭންކުން އިއްޔެ ނިންމި ނިންމުން އަނބުރާ ގެންނަން ނިންމުމާ އެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ, ބީއެމްއެލްއިން އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.
އެކަމުގެ ތަފުސީލު ދެއްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީން މިރޭ ބާއްވާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވިދާޅުވީ ބީއެމްއެލް ބޯޑުން އިއްޔެ އެ ނިންމުން ނިންމީ އެގޮތަށް ނުހަދަން ސީދާ އެމަނިކުފާނު އިރުޝާދު ދެއްވަމުން ދަނިކޮށް ކަމަށެވެ.
އެމަނިކުފާނުގެ އިރުޝާދާ ދެކޮޅަށް ބީއެމްއެލްގެ ބޯޑުން ޑޮލަރުގެ ލިމިޓަށް ބަދަލު ގެންނަން ނިންމި މައްސަލަ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބީއެމްއެލްގެ އިއްޔެގެ ނިންމުމަކީ މާ ކުރީއްސުރެއް ރޭވިގެން ހިނގާދިޔަ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންވެ ރައީސް ވިދާޅުވީ ބީއެމްއެލްގެ ނިންމުމާ ގުޅޭ މައްސަލަތައް ރަނގަޅަށް ބަލާނެ ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބީއެމްއެލްގެ ނަން ނުބުނެ ބުނީ ބޭންކުގެ އިއްޔެގެ ނިންމުމަކީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ބަޔާނުގައި ބުނީ ބޭންކުން އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ.
ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ގައުމު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ، އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.
ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށް ޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް އޭނާވެސް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ އެވެ.