ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން އިއުލާން ކުރުމާ އެކު، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގޮވާލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.

މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ބީއެމްއެލްގެ ބޯޑުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ އެއްގޮތަށް، އެ ބޭންކުން އިއްޔެ ހެނދުނު ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް, އިއްޔެ ހަވީރު އެ ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އެއާ އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްއިން އެކަން އިއުލާންކުރީ އެގޮތަށް އަމަލުނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވަނިކޮށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ގައުމު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ، އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން ޒިންމާދާރުކަމާއެއްކޮށް މި ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީ، އަދިވެސް ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ނުވަ މަސް ވީއިރު ކިޔަމުން ދަންޏާ އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ނާގާބިލުކަން މަތީގަ ސިލޯނަށް ވީ ގޮތް މި ގައުމަށް ވަމުންދާތަން." ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށް ޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް އޭނާވެސް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް