ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ ޕީޖީގެ ގޮތުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހުން ފާސްކުރުމުންނެވެ.
ޕީޖީކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ރަައީސް އޮފީހުން ނެރުނުގެ އިއުލާންގައި މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާރްތަކުން އަންނަމަހުގެ 11 ދުވަހުގެ ކުރިން ފޯމު ހުށައަޅަންޖެހޭކަމަށެވެ. މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމާ އެކު، އެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.
މީގެއިތުރުން ހުންނަންނަޖެހޭ ޝަރުތުތައް ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛ މަގާމު ޝަރުތަކުގެ ތެރޭގައި ހިމެނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް ވަނީ އޭނާ ވަކިކުރަން ރައްޔިޔުން މަޖލީހުން ޖަލްސާ ބާއްވަން ވަރަށް ކައިރިވެފައިވަނިކޮށް މަގާމުން އިސްތިއުފާދެއްވާފައެވެ. އެހެންނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭކަމަށް މަޖިލީހުން ނިންމާ ޝަމީމް މަގާމުން ވަކިކުރީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.