ads
ފުލުހުން އާންމުކުރި، ޝާދިޔާ އާއި ޝަޒުރާގެ ފޮޓޯތަކެއް: ފުލުހުން ވަނީ އެ ދެ މީހުން ސަފީރަކަށް އުނދަގޫކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތު ކޮށްފައި -- ފޮޓޯ/ ފުލުހުން
ދެ އަންހެނަކު ހައްޔަރު ކުރީ ސަފީރަކަށް އުނދަގޫ ކުރާތީ ކަމަށް ފުލުހުން ބުނެފި
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުންދިޔަ ދެ އަންހެނަކު ހައްޔަރުކުރީ ވަކި ސަފީރަށް އުނދަގޫ ކުރާތީ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ (47އ) އާއި ޑރ. ޝަޒްރާ އިބްރާހީމް (36އ) އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ އަންހެނުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުމުގެ ސަބަބުން ކަމަށެވެ.

އަދި ޑިޕްލޮމެޓިމް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް އެ މީހުން ހިންގަމުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

"އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަކަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލްތަކެއް ހިންގަމުން ގެންދިޔުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިފަދަ އަމަލުތަކާއި ގުޅިގެން ޝާދިޔާ އާއި ޝަޒްރާއަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތީން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ފުލުހުން ވަނީ ގާޒާގެ ހާލަތު ސިފަކޮށްދޭ ގޮތަށް އިހުތިޖާޖުގައި އެ މީހުން ބޭނުން ކުރި ތަކެތީގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.

އެ ގޮތުން ރަހުމެއް ނެތި ޝަހީދުކޮށްލެވިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ފޮޓޯތަކާއި ކުޑަކުއްޖަކު ހިނަވާފައި އޮންނައިރު ސިފަވާނެ ހެން ހަދާފައިވާ އެއްޗެއް ހިމެނެ އެވެ. އެ ގޮތަށް ސައުދީ ސަފީރުގެ ގެކޮޅު ކައިރީ އިހުތިޖާޖު ކުރާތީ އެމްބަސީން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓުވަން ދިވެހި ސަރުކާރުގައި އެދިފައި ކަމަށް އެނގިފައިވެ އެވެ.

ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުއްވެރިކޮށްފަ އެވެ. އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާއި އެކަމަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް