ads
ދޫކޮށްފައި ނުދާށޭ.. - 33 ވަނަ ބައި
އެޕިސޯޑް 33
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

"މިހާތަނަށް މަންމައަށް ނޭގި އޮތް ބޮޑު ހަގީގަތެއް ބުނެދެންތަ..؟"

ހިނިތުންވާން މަސައްކަތްކުރަމުން އަޔާން ބަލައިލީ މަންމަގެ މޫނަށެވެ. ޝައުގުވެރިކަމާއެކު އަލީޒީ ބަލަންއޮތީ އަޔާންގެ ކޮންމެ ލަފްޒަކަށް އިންތިޒާރުކުރަކަން ބުނެދިނުމަށެވެ.

"މަންމާ.. މަންމަގެ ބައްޕައާއި، މި ބުނީ އަޔާންގެ ކާފައާއި އަމީރާގެ ކާފައަކީ ވަރަށް ގާތް ދެ ރަހްމަތްތެރިން..! ލައިކް .. ބެސްޓް ފްރެންޑްސް...! މަންމައަށްވެސް އިނގޭނެކަންނޭގެ ޝައްޔާން ދީދީ..!؟" އަލަށް ލިބުނު ހައިރާން ކުރުވަނިމި މައުލޫމާތާއެކު އަލީޒީއަށް ބަލައިލެވުނީ ހިނިތުންވެފައި ބަލަހައްޓައިގެން އޮތް ދަރިފުޅަށެވެ.

ތެދެކެވެ. ދާދި ކުޑައިރުގައިވެސް ޝައްޔާން އަންކަލް އަލީޒީއާއި ބައްދަލުކުރަން އާދެ އެވެ. ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޝައްޔާން އަންކަލްއަކީ އަލީޒީއަށް ބައްޕައެކެވެ.

"އަމީރާ ކާފައަށް މަންމަ ގެއްލުނީ...! އަޔާން ކާފަ ނިޔާވުމުން އަމީރާ ކާފަ، މަންމަ ވަރަށް ހޯދި.. މމަންމަ ހޯދަން ގެއަށްވެސް ދިޔަ..! އަޔާންގެ މާމަ ބުނިކަމަށްވަނީ، އާއިލާގެ ނުރުހުމުގައި މީހަކާ އިނދެގެން، އާއިލާ ދޫކޮށް އެހެން ގައުމަކަށް މަންމަގެ ދިރިއުޅުން ބަދަލުކުރީކަމަށް.." ކުރެހިފައިވާ އަޑަކުން އަޔާން ބުންޏެވެ.

އަޔާންގެ އަޑުގައި ހުރި ރިހުމާއި ނާ އުއްމީދުގެ ސަބަބަން އަލީޒީގެ ބަލިކަށިވެފައިވާ ހިތުގައި މާބޮޑަށް ރިއްސަން ފަށައިފި އެވެ.

އެތައް ސުވާލަކުން އަލީޒީ ހިމޭންވެއްޖެކަން އަޔާންއަށް އެގުނެވެ. ނަމަވެސް މިއަދު މަންމައަށް އެރިހުން ތަހަންމަލްކުރަންވެސް އަޔާން ފުރުސަތު ދޭނެ އެވެ. އޯގާތެރިކަމާއެކު މަންމަގެ ނިއްކުރީގައި އަޔާން ބޮސްދިނެވެ.   މި އަނިޔާވެރި ދުނިޔޭގައި މަންމަ ތަހަންމަލްކުރި ވޭނަށް  މަންމަ ރޯނެ މިއީ އެންމެ ފަހުދުވަހެވެ. އެކަން އަޔާންއަށް ކަށަވަރެވެ.

"މަންމަގެ ހާލު ބަލަން، އަމީރާ މާމައާއި ކާފަ ވަރަށް ގިނައިން ގުޅާ..! މަންމައާއި ބައްދަލުކުރަން ނާދެވިގެން އުޅެނީ ޒިއުރިކްގައި ވަރަށް ބޮޑު ޕްރޮޖެކްޓެއް ހިނގުމުގައި ވަރަށް އަވަދިނެތި  އުޅެންޖެހުމުން.. އެއީ މިހާތަނަށް ޒިއުރިކްގައި ހުޅުވޭ އެންމެ ވަރުގަދަ ޑައިމެންޑް ވިޔަފާރި..! އެމަސައްކަތް ހަމަޔަކަށް އަޅުވާލެވުނުހައި އަވަހަކަށް... އަންނާނެ.." އެންމެ ފަހު އިބާރާތް އަޔާން ބުނެލީ ފަނޑު ގޮތަކަށެވެ.

މަންމައާއި ބައްދަލުކުރުމަށް އޮތީ ކިހައި މުއްދަތެއްކަން އެ ދަރިފުޅަށް އެނގޭފަދަ އެވެ. މިއަދު އަޔާންގެ ހިތުގައި ރިހޭ މިންވަރެއް މަންމައަށް އިހްސާސްވެދާނެކަމަށް އަޔާން ނުހަނު ފަރުވާތެރި އެވެ. ނަމަވެސް މަންމައާއި ދަރިފުޅަށް އެކަކު އަނެކަކު ދަސްވެފައިވަނީ އޭގެ މައްޗަށް 'ސިއްރަކަށްވެސް' 'ފޮރުވާފައިވާ އިހްސާސަކަށްވެސް' ފުރުސަތު ނެތް މިންވަރަށެވެ. 

"މިހުރިހައިކަމެއް އެނގުނީ އަމީރާ ބައްޕަގެ ކިބައިން، މަންމަގެ ފަރުވާއަށް އަމީރާ އެދުނު ހިސާބުން.. އެހެންވީމައި މަންމައަށްޓަކައި ނުވަތަ އަޔާންއަށްޓަކައި އަމީރާ ބައްޕަ ކޮށްދެއްވާ ހުރިހައި ކަމަކީ ހަމައެކަނި އަޔާންއާއި އަމީރާގެ ގުޅުމުގެ ސަބަބުން ކޮށްދޭކަންކަމެއް ނޫން.." އަޔާންގެ ހިތުގައި ހުރި ހުރިހައި ވާހަކައެއް ދައްކަން ބޭނުންވެފައިވާކަން އަލީޒީއަށް ޔަގީންވެއްޖެ އެވެ. ދަރިފުޅާއެކު ހޭދަކުރެވޭ ކޮންމެ ވަގުތަކީ އަލީޒީއަށް ކިހައިބޮޑު އުފަލެއްކަން ބަޔާންކޮށްދޭން ކިތަންމެހާވެސް ބޭނުމެވެ. 

"ކާފަގެ ވިޔަފާރިއަށް އަމީރާގެ ކާފަ ދެއްވި އެހީއާއި އަދި ކާފަ ނިޔާވުމުން އެކިގޮތްގޮތުން އެކި ފަހަރުމަތީން މާމަ، ދޮގުވާހަކަތައް ދައްކައިގެން ނަގާފައިވާ ބޮޑެތި އަދަދުތަކުން ފައިސާގެ އެންމެ މިންވަރެއްވެސް އެމީހުން އަދާކޮށްފައެއް ނުވޭ..! އެހެންވީމައި އަމީރާ ބައްޕަ އެކަން އެކުރީ އެންމެ ރަގަޅަށް.. މިއަދު އެ އެންމެން އެތިބީ އިންސާފުގެ ކުރިމަތީގައި.. އެމީހުންނަށް ހައްގު އަދަބު ދިނުމުގައި އަމީރާ ބައްޕަ ފަހަތަކަށް ނުޖެހޭނެ މަންމާ..!" އަޔާން ވާހަކަދެއްކީ މަންމަގެ ގައިގައި ބައްދާލައިގެން އޮވެ އެވެ.

މަންމަގެ ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނައިގެ ހަގީގަތް މިއަދު އަޔާންއަށް މުހިއްމެއް ނޫނެވެ. ހިތް ފުރެންދެން މަންމަ ރޯންވީ އެވެ. މަންމަ އޮތީ އަޔާންގެ އަތުތެރޭގަ އެވެ. ކޮންމެ ކަރުނައެއް ފޮހެދޭނީ ފަރުވާތެރިކަމާއި ލޯތްބާއެކު އެވެ.

"މިއަދުވެސް ހަނދާން އެބަހުރި ދާދި ކުޑައިރުންފެށިގެން މަންމަ ބުނެދޭ ހަގީގަތެއް.. އެއީ، އެހެންމީހަކަށް ގުޑުވާލެވޭވަރަށްވުރެން އަޔާންގެ އަޒުމު މާބޮޑަށްވެސް ވަރުގަދަވާނެކަން...! ކުރިމަތިވާ ކޮންމެ ކަމެއް ހައްލުކުރުމުގެ ގާބިލްކަން  އަޔާން ކިބައިގައި ހުންނާނެކަން..! ހަމަހިމޭންކަމާއެކު ގޮތްތައް ނިންމުމުގައި ބުއްދިއާއި ވިސްނުން އިސްކުރާނެކަން.. އިހްތިރާމާއި ގަދަރާއެކު ނޫނީ ދުވަހަކުވެސް އަންހެނަކަށް ބަލައިނުލާނެކަން..!  މި ސަބަބުތަކަށްޓަކައި، ހީނުކުރާ އެތައް ބަޔަކު އަޔާންދެކކެ ލޯބިވާނެކަން.. މިކަން ކަން މިއަދުވެސް ހަނދާންހުރޭ..! މަންމަގެ ނަސޭހަތް އަޔާން އަބަދުވެސް ހަނދާން ބަހައްޓާނަން.." އަޔާން ކިތަންމެ ހިތްވަރެއް ކުރިޔަސް، މިފަހަރު ކަރުނައެއް ނުހިފެހެއްޓުނެވެ. އަޔާންގެ ހިތްވަރަކީ މަންމަ އެވެ. އެކަން ބަދަލުކުރާނެ ހިތްވަރެއް އަޔާންގެ ނެތެވެ.

ދެމައިންގެ ހިތުގެ އިހްސާސްތައް އެކަކު އަނެކަކަށް ބަޔާންކޮށްދެނީ އެވެ. މަންމަގެ އެންމެ ލަފްޒެއް އަޑު ނީވުނަސް، އެ ހިތުގެ ތެޅުމުގެ ކޮންމެ ވިންދެއް ތަރުޖަމާކުރަން އަޔާން ކުޅަދާނަވާނެ އެވެ. 

"ޔޫ އާރ ދަ ބެސްޓް މަންމާ..! ދުނިޔެ އޮތްހައި ހިނދަކު އެކަން ބަދަލެއް ނުވާނެ.. މިދަރިފުޅުގެ ލޯކުރިމަތީން މަންމަ ނުފެންނަ ދުވަހެއް އަތުވެދާނެ.. އެކަމަކުވެސް ޔޫ ވިލް އޯލްވޭސް ބީ އިން މައި ހާޓް! އައި ލަވް ޔޫ ސޯމަޗް މަންމާ..!" ކަރުނައިގެ ކޯރު ދެމިގަތީ ދެމައިންގެ ލޮލުންނެވެ. އަޔާންއާއި މަންމަ ވަކިވާނެކަން އަޔާންއަށް ޔަގީނެވެ. ދަރިފުޅާއި ވަކިވާންޖެހޭވަގުތު ދާދި ގާތްވެއްޖެކަން އަލީޒީއަށް އިހްސާސްކުރެވެ އެވެ.

"މިއަދު ދެމައިން ނަދުރެއް ބުނެގެން އުޅޭ ދުވަހެއްތަ..؟ ދެފަޔަށް ލޭ އަރައިފި..! އަތުގެ އިނގިލިތައް ދުޅަވެއްޖެ..! ދެމައިންގެ ވާހަކައަށް ހުރަސް އެޅިދާނެތީ ދޮރުމަތީގައި މިތިބެނީ ކަރުނައިގެ ފައްވާރާ ހުއްޓޭތޯ..!" މާހައުލުގެ އަސަރު ބަދަލުކުރެވޭތޯ އައިޝާ މަސައްކަތްކުރީ ގަސްތުގަ އެވެ. އިވުނު އަޑުތަކާއި ފެނުނު މަންޒަރުން އައިޝާގެ ދެލޯ ރަތްވެފައިވެ އެވެ.

"މިއަދު ކާން ބޭނުމީ އަޔާން ކުޑައިރު ބޮޑުދައިތަ ކައްކާ، ދޮން ރިހައާއި ރޮއްޓާއި ބިސްގަނޑޭ ބުނެފައި މެސެޖްކުރީމައިވެސް އެނގިއްޖެ މިއަދަކީ ހާއްސަ ދުވަހެއްކަން.." އަޔާންގެ އަތުގައި ހިފާފައި އެނދުން ނަގަން މަސައްކަތްކުރަމުން މުންޝިރު ވާހަކަދެއްކި އެވެ.

ތެދުވުމުގެ ކުރިންވެސް މަންމަގެ ނިއްކުރިއާއި މަންމަގެ ދެ ކޮލުގައި އަޔާން ބޮސްދިނެވެ. 

ކުއްލިޔަކަށް ހުރިހައި ވާހަކައެއް މިއަދުގެ ހެނދުނު ހެނދުނާ އަޔާން މި ދެއްކީ ކީއްވެތޯ އަލީޒީ ހިތައް ނާރާނެ އެއްގޮތެއްވެސް ނޯންނާނެކަން އަޔާންއާއި އައިޝާ އަދި މުންޝިރަށްވެސް އިނގެ އެވެ.  

..........................

ޑރކާރލްގެ ހެނދުނުގެ ރޫޓިންގ ނިންމަވާލެއްވުމުން ހުރިހައި އެންމެން އެކުގައި ހެނދުނުގެ ނާސްތާއަށް ފެށި އެވެ. ޑރކާރލްގެ ހާޒިރުގައިވެސް، އަދި އަލީޒީގެ ގާތުން ތެދުވިފަހުންވެސް އަޔާންއަށް އައިސްފައިވާ ބަދަލު ހުރިހައި އެންމެން ފާހަގަކުރި އެވެ. ހަމަހިމޭންކަމާއި ނުތަނަވަސްކަން އަޔާންގެ މޫނުން ސާފުކޮށް ފެނެ އެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިޔަސް އެ ހިނިތުންވުން އަޔާންގެ ލޮލާއި ހަމައަކަށް ނުފޯރަ އެވެ. 

އެނދުގެ ދާދިގާތަށް އައިޝާގެ ގޮނޑި ދަމާލާފައި އަލީޒީއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ، ނާސްތާ މމަޑުމަޑުން ސަމްސަލަކުން ދެމުން ދިޔަ އެވެ. ދޭތެރެއަކުން އަމިއްލަ ރޮށިތަށިންވެސް އަނގަޔަށްލަ އެވެ. 

އަޔާންއާއި މުންޝިރު ވާހަކަދައްކަމުންދިޔައީ ވިޔަފާއިރާއި އަދި ކުލިނިކްގެ އެކިކަންކަމާއި ގުޅެގޮތުންނެވެ. ދޭތެރެއަކުން އަޔާންގެ މޫނަށް މުންޝިރު ބަލައިލަ އެވެ. 

"ކުއްލިޔަކަށް، ތަފާތު ބްރޭކްފަސްޓްއަކަށް މެސެޖްކުރުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ.. އެހެންޏާއި މަންމައާއި ނުދައްކާ ވާހަކަތަކެއް މިއަދު ދެއްކުމުގައިވެސް ސަބަބެއް އޮންނާނެ.. އަންކަލްއަކަށް ކަމަކު ނުދޭ، އަޔާންގެ މޫނުން ތި ފެންނަ ނުތަނަވަސްކަމެއް.. ސާފުސީދަލަށް ބުނެދޭންވީނުން ވާންއުޅޭ ގޮތެއް.." ވަށައިގެން ތިކިތައް ގުޅުވައިގެން ތަފްސީލްހޯދުމުގެ ކެތްތެރިކަމެއް މިއަދު މުންޝިރުގެ ކިބައިގައި ނެތެވެ.

އަޔާންގެ ދަތްދޮޅި ތިރިކޮށްލައި އިސްޖަހައިލި އެވެ. ދެން ވެރިވީ ހިމޭން ވަގުތުތަކެކެވެ. މެޝިންތަކުގެ އެހީގައި އަލީޒީ އޮތަސް، މަޑުމަޑުން ބޯ އަރިކޮށްލާފައި ބަލައިލީ އެނދުގެ ދާދި ގާތުގައި ބަހައްޓާފައިވާ މޭޒު ވަށައިގެން ތިބި ތިން މީހުންނަށެވެ.

ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން  އެއްވެސް މީހެއްގެ މޫނަށް އަޔާން ނުބެލުމުން އައިޝާ ހިތްހަމަނުޖެހުނެވެ. 

"ދަރިފުޅާ އަޔާން.. އަންކަލް އެ ވާހަކަދައްކަނީ ދަރިފުޅާ.. ޖަވާބުގެ އިންތިޒާރުގައި މިތަނުގައި މިތިބެނީ، އަޔާންއަށް ބަދަލުތަކެއް މިއަދު އައިސްފިކަން އެންމެންނަށް ފެންނާތީ.." އައިޝާގެ އަޑު އެހެން ފަހަރުތަކަށްވުރެން ތަންކޮޅެއް ބާރެވެ. 

"މާދަން... ފުރަ ން  ޖެ  ހޭ.." ކޮޓަރީގެ ހަތަރުފާރު ގުޑައިގެން ދިޔަފަދަ އެވެ.

އަލީޒީގެ އަނގަޔަށް އައިޝާލެވި ކާއެތިކޮޅު، އަނގައިގެ އެއްފަރާތު މިޔަކަނުން ފައިބައިގެންދިޔަ އެވެ. ނަމަވެސް އަލީޒީގެ މޫނުން އެއްވެސް އިހްސާސެއް ފާހަގަކުރާކަށް ނޭގުނެވެ. ދާދި ދެންމެ ނުހަނު އުފަލުގައި އޮތް މަންމައަށް އައި ބަދަލު އަޔާންއަށް ފެނުމުން ލޮލުން ކަރުނަ ވިދާލި އެވެ. ނަމަވެސް މި ވަގުތާއި ބައްދަލުވާނެކަން އެންމެ ރަގަޅަށް އެނގޭނެ މީހަކީވެސް މަންމަކަން އަޔާންއަށް ޔަގީނެވެ.

"ކީކޭ..؟ އަޔާންއަށް ތިބުނެވުނު އެއްޗެއް އަޔާންގެ ކަންފަތަށް އިވުނީ ރަގަޅަށްތަ؟" މުންޝިރު ސުވާލުކޮށްލީ އަޔާންގެ ނިންމުން ރަގަޅު ނޫންކަން ގަބޫލުކުރާން ބޭނުން ނުވެގެންނެވެ. 

"މި ވާހަކަ ނުބުނެވި މިހައި ފަސްކުރާން މިޖެހުނީވެސް ތި ސަބަބު އޮތީމައި...! މިހެންވާނެކަން އިނގޭތީ..! ބުނަން ހިތްވަރެއްވެސް ނުލިބުނީ ދާންވެސް ބޭނުން ނުވާތީ..! މިހުރިހައި އަހަރު ކިޔެވިކިޔެވުމުގެ ނަތީޖާ ލިބޭނީ ސެޕޕްޓެމްބަރުމަހުގެ އެއްވަނަދުވަހުގެ ރޭ އޮންނަ ހަފްލާގައި... މާދަމާގެ ވަގުތެއްގައި ފުރިއްޔާ، އެއްވަނަދުވަހަށް ދެވޭނީ.. އަދި ގޮއްސަ ކުރަންޖެހޭ ކަންކަންހުންނާނެ.." އަޔާންގެ ވާހަކަ މެދުކަނޑާލާފައި ހިމޭންވި އެވެ. ނަމަވެސް އެއްވެސް މީހެއްގެ ހަރަކާތެއް ނެތުމުން އަނެއްކާވެސް ފެށި އެވެ.

"މިހާރުވެސް މިރަށުގައި މި ހޭދަކުރި މުއްދަތަކީ ހަގީގަތުގައި އެމީހުންގެ ވަރަށްބޮޑު އެހީތެރިކަމެއް.. ޑރކާރލްގެ ބެއްލެވުމުގެދަށުން މިރަށުގައި މިކުރި މަސައްކަތް، ޑރކާރލްގެ ލިޔުމަކާއެކު އެމީހުންވަނީ ބަލައިގަނެ އެ ލިޔުން ގަބޫލުކޮށް އެތަނުގައި ކުރިމަސައްކަތުގެ މުއްދަތާއި ގުޅުވައިދީފައި..! މިއީވެސް އަޔާން ބަލައިގަންނާންޖެހޭނެކަމެއް.. ހަފްލާ ނިމޭނީ ތަންކޮޅެއް ލަހުން.. އެހެންވީމާ ހަމަ އެ ރޭ މިކޮޅަށް ފުރުމަކީ ފަސޭހަކަމަކަށްނުވާނެ.. އެކަމަކު ދެވަނަ ދުވަހުގެ ހެނދުނު ހެނދުނާ ފުރާގޮތަށް އަމީރާބައްޕައޮތީ ޖެޓްހަމަޖައްސާފައި.. މާދަމާ ނުގޮސް ވާކަށް ނެތް..!" އެންމެ ފަހު ޖުމުލަ އަޔާންބުނެލީ ވަރަށް މަޑުމަޑުންނެވެ. 

ކިތަންމެ ގާތުގައި އިނަސް ވަރަށް ވިސްނައިގެން އިން މީހަކަށް ނޫނީ އެޖުމުލަ ސާފުކޮށް އަޑު ނީވޭނެ އެވެ. ރަތްވެފައިވާ ދެލޮލުން ހިމޭންކަމާއެކު އަޔާން ބަލައިލީ މަންމައަށެވެ. ކުރިމަތީގައިހުރި ތަށި ދުރަށްޖައްސާލުމަށްފަހު، އަޔާން ތެދުވެ މަންމަގެ މަގަތުގައި އިށީނެވެ. 

"މަންމާ.. މަންމަ ނުގަބޫލިއްޔާ އަޔާން ދާކަށް ބޭނުމެއް ނޫން.. މަންމައަށްވުރެން މުހިއްމު އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް އަޔާންއަށް ނެތް.. މަންމައަށް އިނގޭދޯ އެކަން.. ހިނިތުންވެފައި އަލީޒީ އަޔާންއަށް ބަލަހައްޓައިގެން އޮތުމުން އައިޝާ ހައިރާންވި އެވެ. އެލޮލުގައި ކަރުނައެއް ނުވަތަ މޫނުމަތީގައި ޝަކުވާގެ އަސަރެއްވެސް ނެތެވެ. ނިއްކުރީގައި ހުންނަ ކުދި ރޫތައް ފިލައިގޮސް، އަލީޒީގެ ލޮލުގެ ވިދުން ގަދަވެފައިވާކަން އައިޝާ ފާހަގަކުރި އެވެ. 

"ދަރިފުޅާ އަޔާން... ފަހުރުވެރިކަމާއިއެކު ދަރިފުޅު ދޭ.. މަންމަގެ އުއްމީދުތައް ދަރިފުޅު ފުރިހަމަކކޮށްދީފިކަން މަންމަގެ މޫނުން ސާފުކޮށް ފެނިއްޖެ.. މަންމަގެ ހިތުގެ އެދުމަކީ މަންމަގެ ދަރިފުޅު، ދުނިޔޭގެ އެންމެ ފަހުރުވެރި ސްޓޭޖްމަތީން ހާއްސަ ޑޮކްޓަރެއްގެ ލަގަބުގައި ހިނިތުންވެފައި ފައިބާމަންޒަރު ދެކުން.. އިން ޝާ ﷲ މިޒްރާ ގާތުގައި އެދޭނަން، އެމަންޒަރު ވަގުތުން އަލީޒީއަށް ފެންނާނެގޮތަށް ވީޑިއޯކޯލް ކޮށްދިނުމަށް... ދަރިފުޅާ ނުރޮއެ...! ދަތުރަށް ތައްޔާރުކުރޭ.. ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ... މަންމަގެ އުއްމީދަކީ، މަންމަގެ ފަހުރަކީ، އަދި މަންމަގެ ހިތުގެ ވިންދަކީވެސް ތިއީ.." އަޔާންގެ ބޮލުގައި ފިރުމައިލަމުން އައިޝާ ބުންޏެވެ.

ހަމައެވަގުތު އަލީޒީގެ ބާލީހުގެ އެއްއަރިމަތީގައި ބޯއަޅާއިލައިގެން އަޔާން އޮށޯތެވެ. ހިނިތުންވެފައި އޮތް މަންމަގެ މޫނުން އުއްމީދުގެ އަލިކަން ކިތަންމެ ފުރިހަމައަށް ފެނުނަސް، މަންމައާއި ދުރަށް އެންމެ ސިކުންތަކަށް ޖެހިލަންވެސް މިވަގުތު އަޔާން ބޭނުމެއް ނޫނެވެ. މެޝިންތަކުން ފެންނަ ހަގީގަތް އެހެންމީހަކު ގާތުގައި އަޔާން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމަ އެންމެ ތިން މީހަކަށް އެނގޭ ތަފްސީލެކެވެ. ޑރކާރލްއާއި ޑރހަނިއްޔާއާއި ޑރއަޔާން އެވެ. ނަމަވެސް ގަޑީގެ ކަށި ދަތުރުކުރާ ކޮންމެ ހިނދުކޮޅަކީ ހަޔާތުން ސަފްހާއެކެވެ. 

"މަންމާ.. އަޔާން މިދަނީ ހަމައެކަނި މަންމައަށްޓަކައި.. ކުރެވެންއޮތް އެންމެ ލަހެއްކޮށްފައި މިދަނީ..! އިން ޝާ ﷲ ވީ އެންމެ އަވަހެއްކޮށްފައި މަންމަގާތަށް މިދަރިފުޅު އަންނާނަން..! އަޔާންއަށް މަންމަ އިންތިޒާރުކުރައްޗޭ..! ޕްލީޒް މަންމާ!" ދެ ލޯ ރަތްވެ އާވި އަރަމުން ދިޔައިރުވެސް އަޔާން ކެތް ކުރި އެވެ. އަތް ތުރުތުރު އަޅަ އެވެ. ތުންފަތާއެކު މުޅިމީހާ ތުރުތުރު އަޅަނީ އެވެ.

މަންމަގެ އިންތިޒާރަށް އަޔާން އާދޭސްކުރި ވަގުތު އެއަޑުގައި ހުރި ރިހުން މައެއްގެ ހިތް ޒަހަމްކޮށްލާނެ އެވެ. އަލީޒީ ލޯ މަރައިލީ ކެތްނުވެގެންކަން އައިޝާއަށް ޔަގީނެވެ. 

މަންމަގެ ނިއްކުރީގައި ބޮސްދެމުން އަޔާން ލޯމަރައިލި އެވެ. ހަމައެވަގުތު އަލީޒީވެސް ލޯމަރައިލި އެވެ. އަދި ދިގު ނޭވާޔަކަށްފަހު ލޯ ހުޅުވައިލި އެވެ. އަޔާން އޮތީ ސީދާ މަންމަގެ ލޮލަށް ބަލާށެވެ. ބޮލުގެ އިޝާރާތުން އަލީޒީ ބުނެލީ އަޔާންގެ ކަރުނަ މަންމައަށް ކަމުނުދާކަމެވެ.

ހުރިހައި މެށިނުތަކެއްގެ ތަފްސީލްތަކަށް އަޔާން ބަލައިލި އެވެ. މަންމައަށް ކުއްލިޔަށް ބަދަލުތަކެއް އައިސްފި އެވެ. ލިބުނު ހައިރާންކަން ގަބުލުނުކުރެވި އަނެއްކާވެސް ބަލައިލި އެވެ. ފެންނަނީ ހަގީގަތެވެ. ﷲތައާލާގެ ކުޅަދުންވަންތަކަމެވެ. އެއީ ހެޔޮބަދަލުތަކެކެވެ. އުއްމީދުގެ ރޮދިފަށް ދާދި ހިމަވެފައިވަނިކޮށް އެއަށް ބާރުލިބި، ވާންވެލައިފި އެވެ. ލިބުނު އުފަލުގައި މަންމަގައިގައި އަޔާން ބައްދައިލި އެވެ. ރޮވިފައިތިބި މުންޝިރާއި އައިޝާއަށްވެސް ހެވިއްޖެ އެވެ. ލިބުނު އުފަލުގައި އަޔާން ރިންގުކޮށްލީ ޑރކަރލްގެ ކެބިންއަށެވެ. 

"ދަރިފުޅާ، އަވަހަށްދޭ ފޮށިތައްޔާރުކުރަން.." އުފަލުން އައިޝާ ބުނެލި އެވެ.

"އެއްވެސް އެއްޗެއް ނުގެންދާނަން.. ހަމައެކަނި ބެކްޕެކް ފުދޭނެ.." މަންމަގެ އަތުން ހިނދުކޮޅަށްވެސް ދޫކޮށްލަން އަޔާން ބޭނުމެއްނުވި އެވެ.

...................

މެންދަމުގެ ހިމޭންކަމުގައި އަލީޒީގެ އެސްފިޔަތައް ލައްޕާލައިގެން އޮތީ ނިދާފައެއް ނޫނެވެ. އަޔާންގެ ފަހުރުވެރި ހަފްލާ ފެށިގެން ނިމެންދެން މިޒްރާ ލައިވް ކޮށްދިނެވެ. މުންޝިރުގެ މަސައްކަތުން ޕްރޮޖެޓަރގެނެސްގެން އަލީޒީގެ އެނދު ކުރިމަތީފާރަށް ސްކްރީން އަޅުވައިގެން އެމަންޒަރު ބަލަމުންދިޔައީ ހަމައެކަނި އަލީޒީއާއި މުންޝިރާއި އައިޝާއެއް ނޫނެވެ. އަލީޒީގެ އެންމެ ގާތުގައި ހުންނެވީ ޑރކަރލް އެވެ. އަލީޒީގެ ކޮންމެ ހިރިލުމަކަށް ފާރަވެރިވެގެންނެވެ. ކްލިނިކްގެ ހުރިހައި ސްޓާފުންނާއި އަދި ގާތް ބައެއް ރައްޓެހިންވެސް މިރޭގެ އުފާވެރި ހަފްލާ ނިމެންދެން ބެލި އެވެ. މިއަދު އަލީޒީގެ އަޔާންއަކީ އެންމެ ޅައުމުރުގައި ކުރިޓިކަލް ކެއާރ ފިޒިޝަނެއްގެ ގޮތުގައި ހާއްސަވި ފަހުރުވެރި ދިވެހި ހަމައެކަނި ޑޮކްޓަރެވެ. މަޔަކު ދެކެން އެންމެ ބޭނުންވި ދުވަސް ފެނިއްޖެ އެވެ. ދުނިޔެއަށްޓަކައި ކުރެވުނު ހުރިހައި އުއްމީދެއް ފުރިހަމަވީ އެވެ. 

.....................

ފަތިސްވެ، އަމާންކަމުގެ އަޑާއެކު އައިޝާ އަވަސްވީ އަލީޒީގާތަށް ދިއުމަށެވެ. ދެމީހުން އެކުގައި ފަތިސްނަމާދު ފުރިހަމަކުރާތާ އެތައް އަހަރެއް ފާއިތުވީ އެވެ. މިއަދުވެސް އައިޝާގެ އުއްމީދަކީ އަލީޒީއާއެކު ހަޔާތުގެ މުޅިންއާ ސަފްހާއެއް ފެށުމެވެ. 

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް