ads
މިނިސްޓަރު އިހުސާނު ފުލުހުންގެ އިސްވެރިންނާއި އެކު
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވެއްދުމަށް އިލްތިމާސްކޮށްފި
ދިވެހި ފުލުހުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިލްތިމާސްކުރައްވައިފި އެވެ.
Advertisement

ބީއެމްއެލްގެ ރުފިޔާ ކާޑުން ޑޮލަރު ނުކެނޑޭ ގޮތަށް އާދިއްތަ ދުވަހު ހެނދުނު ނިންމި ނިންމުމާ ދިމާކޮށް، މި ސަރުކާރު ބަދަލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. \

ބީއެމްއެލްގެ ނިންމުމާ އެކު ހިނގާދިޔަ ކަންކަން ތަހުގީގުކޮށް މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ފުލުހުންގެ މުއައްސަސާ މިނިވަން ތަނަކަށް ހެދުމަށް އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު އިއްޔެއަކީ ރާއްޖޭގެ ފުލުހުންނަށް ވަރަށް ލަތުވެތި ދުވަހެއް ކަމަށާއި ފުލުހުންގެ އިދާރާގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި ޝުޖާއު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އިއްޔެ ފެނިގެން އެދިޔައީ ހަމަ އެންމެ ކަމަކުން. ރައީސް ވިދާޅުވިގޮތަކަށް ތަނެއް ދޮރެއް ބަލާލުމެއްނެތި ފުުލުުހުން ކަންކަން ކުރާތަން. އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަން ވެސް،" ފައްޔާޒް ވިދާޅުވި އެވެ.

އެއީ ސިޔާސީ ޕޯޑިއެމްއެއްގައި އެކަނި ދައްކާލި ވާހަކައަކަށްވިނަމަ މިއަދު އިދިކޮޅުން ނިކުމެ އެވާހަކައިގެ ލަދުވެތިކަން ކިޔައިދޭން ނުޖެހުނީސްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެކަމަކު ފުލުހުންގެ އިދާރާގެ ތެރެއަށް ވެސް ނުފޫޒު ފޯރުވާ ބަޔާން ނެރޭ ހިސާބަށް ދިއުމުން އެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

މިއަދު އިސްކަންދަރު ކޮށީގައި ހޯމް ލޭންޑު ސެކިޔުރިޓީ މިނިސްޓަރު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަން ނިންމުމުން ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާ އަށް ގޮވާލާފައިވާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ގައިރު ޒިންމާދާރު ކަމެއް ކަމަށެވެ.

"ފުލުހުންގެ ޕްރައިމަރީ އެއް މަސައްކަތަކީ ތަހުގީގު ކުރުން. ތަހުގީގު ކުރަން ފެށުމުން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަން ޖެހުމަކީ ތާކުންތާކު ޖެހޭކަމެއް ނޫނެއްނޫންތޯ؟" އިހުސާން ވިދާޅުވި އެވެ.

އޭނާ ވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުންގެ މުވައްސަސާ ނުވެއްދުމަށް އެދިވަޑައިގެންފަ އެވެ. އިހްސާން އިތުރަށް ވިދާޅުވީ ފުލުހުން މިމައްސަލަ ތަހުގީގު ކުރާނެ ކަމަށާއި މިއީ އެއްވެސް މީހަކު ހާސްވެ ފިކުރު ބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް