ކަންގަނާ ރަނާއުޓްގެ ޑައިރެކްޓަރުކަމުގެ ފުރަތަމަ ފިލްމް އަދި ސިޔާސީ ޑްރާމާ "އެމަރޖެންސީ" މި ހުކުރު ދުވަހު ރިލީޒް ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި އިންޑިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދުވަސްވަރާ ބެހޭ ފިލްމެކެވެ.
ސެޕްޓެމްބަރު 6، 2024 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަށް ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން އަދި ހުއްދަ ލިބިފައި ނުވާތީ ރިލީޒް ފަސްކުރަން ޖެހުނީއެވެ.
ފިލްމު ބިނާވެފައިވަނީ ސެންސިޓިވް މައުޟޫއަކަށް ވާތީ ހުއްދަ ދިނުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ސީބީއެފްސީ އިން ބުނެފައިވެއެވެ.
ސިކް މުޖުތަމައުއިން ފިލްމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެ މުޖުތަމައުގެ މީހުންގެ މަޝްއަރުތަކަށް ރިއާޔަތްކުރާނެ ކަމަށް ސީބީއެފްސީ އިން ބުނެފައިވެއެވެ.
ކަންގަނާ ރަނާއުޓް ވަނީ ފިލްމުގެ ސެންސަރު ސެޓްފިކެޓް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ފިލްމުގެ ބައެއް މަންޒަރުތައް ދެއްކުމާ މެދު އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެފައެވެ.