ފޮރިންއިންވެސްޓްމަންޓްގެ އާ ގާގޫނާއި ބެހޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުޝާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ހެދުމަށްޓަކައި ގާނޫންތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާކަމަށެވެ.
އުޝާން އިތުރަށް ވިދާޅުވީ ގާނޫންތަކަށް ބަދަލުގެންނަން ބަލާއިރު، މިފަދަ ގާނޫންތައް ލޯ ރިފޯމް ކުރުމަކީ އެކަމަށް ވަގުތު ނަގުމުގެ އިތުރުން ބައެއް ހާލަތްތަކުގައި ވަރަށް ހަރަދުވެސް ބޮޑުކަމެއްކަމަށެވެ. ނަމަވެސް ރައީސްގެ ވިޒަންއަކީ ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ހެދުމަށްތަކައި މިފަދަ ގާނޫންތަކަށް ގެންނަން ޖެހޭ އިސްލާހުތައް ނުވަތަ އަލަށް ގާނޫނުތައް އެކުލަވާލަން ޖެހޭނަމަ އެކަންވެސް އެގޮތަށް ކުރެއްވުންކަމަށް އުޝާމް ވިދާޅުވި އެވެ.
ބޭނުންވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމުމުގެ ކުރިން ބިލް މަޖިލީހަށް ހުށަހަޅާ، އެ ބިލް ފާސްކުރުން ކަމަށާއި އެކަން ވެސް މިހާރު ހާސިލްވެފައި، މިއަދު އެބިލް ތަސްދީގުވެސް ކުރިވިފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ނަމުގައި ރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން އައީ 1979 އަހަރު އަމަލުކުރަން ފެށި ގާނޫނަކަށެވެ. ނަމަވެސް މިއަދު ތަސްދީގު ކުރެއްވި ގާނޫނަކީ ޒަމާނަށް ފެތޭ އަދި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ލިބޭ ގޮތަށް އެކުލަވާލާފައި އޮތް ގާނޫނެކެވެ.
އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އެކި ދާއިރާތަކުން ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަނެ، ދިރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް ހަދާނެ އެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ ގާނޫނުގައި ކަނޑައަޅާ ދާއިރާތަކުގަ އެވެ. އަދި އެކަން ކުރުމަށް ހުއްދަ ހޯދަން ޖެހޭނެ އެވެ. އެގޮތުން ހުޅުވާލާފައިވާ ދާއިރާތަކާއި ޝަރުތުތަކާ އެކު އިންވެސްޓްކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެ އެވެ.
އިންވެސްޓަރުން އިންވެސްޓް ކުރާނެ ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު އެވެ. އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ލައިސެންސް ހޯދަން ޖެހޭނެ އެވެ. އަދި އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނާ އެންމެހާ ކަންކަން ފުރިހަމަވެފައިވާ ނަމަ އެ ހުށަހެޅުން އިކޮނޮމިކް މިނިސްޓްރީއަށް ލިބޭ ހިސާބުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ވާނެ އެވެ.
މީގެ އިތުރުން އުޝާމް ވިދާޅުވީ ފޮރިންއިންވެސްޓްމަން ވުޖޫދަށް އައިއިރު، އެއާއި އެކު ޕެކޭޖެއްގެ ގޮތުގައި ވިޔަފާރި ކުރުމުގެ ގާނޫނުތަކަށްވެސް އިސްލާހުތަކެއް ގެނެސްފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.