ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
10 ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާންގީ ބެހެެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި
މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
Advertisement

އެމްޑަބްލިއުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. ޢަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ގެ އިސްވެރިންނާއި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތްކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ، 10 ހާސް ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީ ކަމަށް ފާހަގަކޮށް އެ ކުންފުނިން ބުނީ މި ތާނގީގެ މަސައްކަތްތައް ނިމުމާއިއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ.

2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށް ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ.

ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީއިން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ. އަދި ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެމްޑަބްލިއުއެސްސީން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެކަންކަމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކައުކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީން ފަށައިފައިވާ މުހިންމު މަސައްކަތްތަކެއް ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް