ޕީއެންއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެންބަރުންނަށް ނޭނގި އެ މީހުން ޕާޓީން ވަކިކޮށް، އެ މީހުންގެ އައީޑީ ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ޕީއެންސީން ބޭނުންވާ ގޮތަކަށް، ޕީއެންއެފްގެ ދަފްތަރުން އުނިކޮށް އެކި ޕާޓީތަކަށް މީހުން ވައްދާ ކަމަށް ޕީއެންއެފް އިން ވަނީ ބުނެފަ އެވެ.
ޕީއެންއެފްއިން ބުނީ އެ ޕާޓީން ފުލުހަށް މައްސަލަ ހުށަހެޅީ، އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ކަމަށެވެ. އަދި އެ ޕާޓީން ހުށައެޅި މައްސަލަ ފުލުހުން ބަލައިގެންފައިވާކަމަށެ ވެ.
ޕީއެންއެފްއިން ބުނީ އީސީގެ ރައީސްގެ އިހުމާލުން ނުވަތަ ބައިވެރިވުމާ އެކު މިފަދަ ޖިނާއީ އަމަލުތަކެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ޕީއެންއެފުން ބުނެ އެވެ.