އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ގައުމީ ދުވަހުގައި ނެރުނު މި ލަވަ އަލްބަމުގައި ވެސް ޤައުމީ ރޫޙާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ޖުމުލަ ހަ ލަވައިގެ މައްޗަށް އެކުލެވޭ މި ލަވަ އަލްބަމުގައި ހިމެނޭ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ގައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވާއިރު، "ދިވެހީން" މި ތީމަށް ޙާއްސަކޮށްފައިވާ މި އަލްބަމުގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ޒުވާން ލަވަކިޔުންތެރިންކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ،
މި އަލްބަމުގައި ހިމެނޭ ލަވަތަކަށް ޅެން ހައްދަވައިދެއްވާފައިވަނީ އޮނަރަބަލް އާދަމް ނަޞީރު އިބްރާހީމް، އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، އަލްފާޟިލް އާދަމް އަބްދުއްރަޙްމާން، އަލްފާޟިލާ އިއްޒަތު އަހުމަދު ނިޒާރު، އަދި ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު އެވެ.
އަދި ލަވަތަކުގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް އަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ހުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް އަދި ލާންސް ކޯޕްރަލް މޫސާ ކަލީމް ހިމެނެ އެވެ.
އަދި މި އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސާވިސްއިންނެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކުރެވިފައެވެ. އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްެއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޤައުމީ ދުވަހުގެ މުނާޞަބަތުގައި ގައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ.