މެންދަމުން އަލިވެ ތިނެއްޖަހައި ބޮޑުވެއްޖެ އެވެ. ވަޅުލުމުގެ ކަންކަން ނިންމާފައި ގަބުރުސްތާނު ތެރެއިން ނުނިކުމެވެނީސް އޮއްސާލި ކެރިގަނޑަށް އަދިވެސް ބަދަލެއް ނާދެ އެވެ. ފަތިސްނަމާދަށް އެރުމުގެކުރީން ތެތް އެއްޗެހި ބަދަލުކޮށްލަން އެހެން އެންމެން ގެއަށް އަ އެވެ. ނަމަވެސް އަޔާން އަދިވެސް ނާދެ އެވެ.
މިރޭ ހުރިހާ މީހުންތިބީ މުންޝިރްގެ ގޭގަ އެވެ. ކްލިނިކްގައި 'ވީއައިޕީ' ކޮޓަރިތައް ހުއްޓަސް އެތަނުގައި މިރޭ ތިބުމަކީ އާއިލާއިން ބޭނުންވާ ކަމަކަށް ނުވާތީ އެންމެން ބޭނުންވެގެން މިރޭ ގެއަށް އައުމަށް ނިންމީ އެވެ. އަޔާންގެ ކޮޓަރި އަމީރާގެ މަންމައާއި ބައްޕައަށް އަދި އަލީޒީގެ ކޮޓަރި އަމީރާގެ މާމައާއި ކާފައަށް ހަމަޖެއްސީ އައިޝާ އެވެ. އަމީރާއަށް ހާއްސަކުރީ މެހެމާނުންގެ ކޮޓަރި އެވެ. މިވަގުތަކީ އަމީރާގެ އެހީ އަޔާންއަށް އެންމެ މުހިއްމު ވަގުތުކަމަށްވާތީ، އަޔާން މަޑުކުރާނީ އަމީރާއއާއެކު އެވެ. ސިޓިންރޫމްގައި އަޔާން ނޫން އެންމެން ތިއްބަސް، އެކަކުވެސް އަގަޔަކުން ނުބުނެ އެވެ.
"އަޔާން ވީ ތަނެއް ބަލާލަން ދާންވީނުން..." އައިޝާގެ އަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އައިޝާ ބަލަހައްޓައިގެން އިނީ ހުއްޓުންއަރާފައި އިން މުންޝިރަށެވެ.
ކަރުނަ ވިދަމުންދިޔަ ލޮލުގެ އެސްފިޔަތައް އަމީރާ ތަޅުވައިލި އެވެ. އެސުވާލުގެ ޖަވާބު މިވަގުތު އެންމެ މުހިއްމީ އަމީރާއަށެވެ. އަޔާން ދެކިލުމަށްއެދި ހިތް ރޮނީ އެވެ. ދެއަތުގެ ތެރޭގައި އަޔާން ބޮނޑިކޮށްލާފައި ހިއްވަރުދޭން ބޭނުމެވެ.
"އެހައި އަވަހަށް އަޔާން ގެއަކަށް ނާންނާނެ.. އަޔާންވީ، މިސްކިތުގައި.." ސުވާލުގެ ޖަވާބު އައިޝާ އުއްމީދުކުރީ މުންޝިރްގެ ކިބައިންނެވެ. ނަމަވެސް ޖަވާބު ލިބުނީ ނާދިފްގެ ފަރާތުންނެވެ.
ކުޑަދޮރުން ބޭރު ދޮރުއަށްޓަށް ބަލަންހުރި އަމީރާ އައީ ސޯފާގައި އިށީންނާށެވެ. ނަމަވެސް ކާފަގެ ދެއަތތް ހުޅުވާލުމުން އަމީރާއައިސް އިށީނީ ކާފަގެ އުނގުގަ އެވެ. އިށީނުމާއެކު ކާފަގެ މޭގައި އަމީރާ ބޯއަޅައިލި އެވެ. ހޯސްލާފައި ކޯތާފަތް ހުރަސްކުރި ކަރުނަ ފޮހެލައިދިނީ ކާފަ އެވެ.
"މިވަގުތު އެންމެ ހިތްވަރުކުރަންޖެހޭނެ ކުއްޖަކީ ކާފަގެ ޕްރިންސެސް..! އަޔާންއަށް ހިތްވަރުދޭން ހުރީ ދަރިފުޅު..! ހީ ނީޑްސް ޔޫ ދި މޯސްޓް ޕްރިންސެސް..!" އަމީރާގެ ގިސްލުން މިފަހަރު ނުހިފެހެއްޓުނެވެ.
ދުވަހަކުވެސް ހިތްދަތި ރުއިމަކުން ނު ރޯ ދަރިއެއްގެ މިފަދަ ވޭނީ ރުއިމެއް ތަހަންމަލްކުރެވޭނީ ކިހިނަކުންހެއްޔެވެ؟ މިޒްރާ ގެނެސް ނާދިފް އަތުގެ ތެރޭގައި ބޮނޑިކޮށްލީ ވަގުތުގެ ގޮތުންނެވެ. އަމީރާގެ ކަރުނައަށް މިޒްރާއަށް ކެތްނުވާނެކަން އެންމެ ރަގަޅަށް އެނގޭނީ ނާދިފްއަށެވެ.
"މަންމަ ނެތް ދުނިޔެއެއްގައި އަޔާންއަށް ނޫޅެވޭނެ ކާފާ...! މަންމަ ނެތް ދުނިޔެއެއްގައި އަޔާން ނޭވާލާނީ ކިހިނެއް ކާފާ؟" ކާފަގެ މޭގައި ބޮނޑިވެލައިގެން އޮވެ އަމީރާ ރޮމުން ވާހަކަދެއްކި އެވެ.
"ކޮންމެ ފުރާނައަކީ ވަގުތު ކަނޑައެޅިގެންވާ ނިމުމެއް ދަރިފުޅާ...! އެއީ އަހަރުމެންގެ ބާރުގައިވާ ކަމެއް ނޫން..! އެކަމަކު ކެތްތެރިވުމާއި، ދިރިއުޅުމައިގެން ކޮޅަށް ތެދުވުމަކީ އަހަރުމެންނަށް އޮތް ޒިންމާއެއް.. ދިރިހުރިހައި ހިނދދަކު އެ ޒިންމާއިން މިންޖު ނުވެވޭނެ ޕްރިންސެސް...! އަޔާންއަށް ވަގުތު ބޭނުންވާނެ..! މި މުއްދަތުގައި އަޔާންއަށް އެންމެ ބޭނުންވާނީ ދަރިފުޅުގެ އެހީތެރިކަން...! ކާފަމެން އެންމެން، ދަރިފުޅުގެ މުޅި އާއިލާ އަދި އަޔާންގެ ބޮޑުދައިތައާއި އަންކަލްގެ އިތުބާރު ދަރިފުޅަށް އެބައޮތް..! ވައުދުވޭ، އަޔާންގެ ކަރުނަ ފޮހެދޭން ހިތްވަރާއެކު ދަރިފުޅު ހުރެދޭނެކަމަށް... ތިއީ ކާފަގެ ޕްރިންސެސް..! ކިތަންމެ ގަދަ ކަނޑެއްގައިވެސް ދަރިފުޅަށް ކެތްވާނެ..! އަޔާންއާއި އެންމެ ގާތުގައި ދަރިފުޅު ހުރެދޭންޖެހޭ ވަގުތު މމިއީ.. ދެކުދިންގެ ޗުއްޓީގެ ކަންތައް ބައްޕަ ނިންމައިފި.. ފަނަރަ ދުވަހުގެ ޗުއްޓީއެއް ދެކުދިންނަށްވެސް ލިބިއްޖެ.. ކާފައާއި ބައްޕަމެން މާދަމާ މާލެއަށް ފުރާނަން... އެކަމަކު އަޔާން ބޭނުން ދުވަހަކު، މިރަށުގައި ދެ ކުދިން ތިބެންވީ...! އަޔާން ބޭނުންވީމަ ޕްރިންސެސް މާލެއަށް އަންނަންވީ.." ބަސްއަހާ ތުއްތުކުއްޖެއް ފަދައިން ކާފަގެ ނިންމުމަށް އަމީރާ އިހްތިރާމް ކުރި އެވެ.
..................
އަލީޒީ ފެންފުށްޓަށް އައިސް ފުރަތަމަ ކުއްޔަށް އުޅުނު ގޭ ހަސަންބެއާއި އޭރުގެ ބައެއް އަވަށްޓެރީން މިރޭ މުންޝިރްގެ ގެއަށް އަ އެވެ. އާއިލާގެ ހިތާމައިގައި ބައިވެރިވުމަށެވެ. އަލީޒީގެ އެންމެ ހިތްދަތި ދުވަސްތަކުގެ ހަނދާންތައް ގޭތެރޭގައި އާކުރާން ފެށުމުން ހިނދުކޮޅަކަށްވެސް މަޑުނުކޮށް އަޔާން ނިކުތީ ބޭރަށެވެ.
އާންމުކޮށް އަލީޒީ އިށީންދެ އިންނަ، އައިޝާ ފޮޓޯނަގާފައި ފޮނުވާ އުނދޯލި އަނދިރީގެ ތެރެއިންވެސް އަޔާންއަށް ފާހަގަކުރެވުނެވެ. ފުރަތަ އިށީނީ އެ އުނދޯލީގަ އެވެ.
ހިތަށް ވެރިވި ހިޔާލްތަކާއެކު ދެން އިށީނީ ޖޯލިފާތީގަ އެވެ. އެތަނުންވެސް އަމާންކަމެއް ނުލިބުނެވެ. ކޮޅަށްތެދުވެ، އުޑުމަތި ބަލާލި އެވެ. އަޔާންގެ ހިތާމައިގައި މުޅި ޖައްވާއި ކާއިނާތު ބައިވެރިވެފައިވާ ފަދަ އެވެ. އެންމެ ތަރިއެއްވެސް މިރޭ އުޑުމަތީގައި ނެތެވެ. ބޯ ވިލާތަކުގެ ތެރޭގައި ނިވާވެ، ހަނދު ފިލައިފި އެވެ. ލިބުނީ މާޔޫސްކަމެވެ. ގޭގެ މައި ދޮރުގައި އެއް އަރިއަކަށް ލައްވެގެން ހުރި އަމީރާގެ ދެ ކޯތާފަތް ފޮހެލީ ކަރުނައިން މިންޖުވެވޭތޯ އެވެ. މަޑުހިނގުމުގައި މިސްރާބުޖެހީ ޖޯލިފައްޗަށެވެ.
.................
ހިމޭންކަމާއި މަޑުމަޑު ނޭވާގެ އަޑެއް ނޫނީ ކޮޓަރިތެރޭގައި ނުވެ އެވެ. ބެޑް ފްރޭމްގައި ބާލީސް ޖައްސާލައިގެން އެނދުމަތީގައި ރަގަޅަށް ހަމަޖެހިލައިގެން އިން އަމީރާގެ އުނގުގައި ބޯއަޅާލައިގެން އަޔާންއޮތީ ލޯ މަރައިލައިގެންނެވެ. އަމީރާގެ މަޑުމަޑު ހިމައިނގިލިތަކުން ލޯތްބާއެކު އަޔާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލަމުންދިޔައިރު، އަމީރާގެ ހިތުގެ ތެޅުން އަޔާންއަށް ސާފުކޮށް އިވެ އެވެ.
"ބޭބީ.." 'ހަސްކީ އަޑަކުން' އަޔާން ގޮވައިލި އެވެ. ހިމޭންކަމުގެ ތެރެއިން އިވެލި އަޑު ޔަގީން ނުވެގެން ދެވަނަ ފަހަރަށްވެސް އަމީރާ ބަލައިލި އެވެ.
"ޔެސް ބިގްބޯއި.. ޑޫ ޔޫ ވޯންޓް ސަމްތިންގ ޓު އީޓް..؟" އެކަކު އަނެކަކަށް އެންމެ ބޭނުންވާ ވަގުތުތަކުގައި މިފަދަ ނަންނަމުން މުހާތަބްކުރުމަކީ ދެމީހުންގެ އާދައެކެވެ. ރޭ މެންދަމުން ފެށިގެން އަޔާން އިނީ މިސްކިތުގަ އެވެ. ގެއަށް އައީ އިޝާނަމާދުން ފައިބައިގެންނެވެ. އަމީރާގެ އާއިލާ ފުރަންވެގެން އަޔާންއާއި ބައްދަލުކުރާންވެސް ދިޔައީ މިސްކިތްކައިރިއަށެވެ.
"ގެއިން ބޭރު އެހައި އަނދިރީ ކީއްވެ..؟" ލޯ މަރައިގެން އޮވެ އަޔާން ސުވާލުކުރި އެވެ. 'އަނދިރިކަން' އަޔާންގެ ހިތުގައި ބިރުވެރިކަން އުފައްދައިފިކަން މިއަށްވުރެން ތަފްސީލްކޮށް ބުނެދެވޭނެ ގޮތެއް ނެތްކަން އަމީރާ ދެނެގަތެވެ.
"ކަޅުއަނދިރިކަން ނުވާނަމަ، ރޭ ދުވާ ވަކިކުރާކަށް ނޭގޭނެ.. ރެއާއި ދުވާލު އިންސާނުންނަށް ވަކިކޮށްދެނީ އަނދިރިކަމާއި އަލިކަމުގެ ތަފާތުން..! ބިރުނުގަނޭ މައި ލަވް..! އަނދިރިކަން ވެރިކުރުވަމުން އޮއްސޭ އިރު އަނެއް ދުވަހު ފެނުންތޮޅިލަނީ، މުޅި ދުނިޔެ އަލިކޮށްދެމުން.. މި ހަގީގަތް ބަދަލުކުރާނީ ކިހިނެއް ބޭބީ..؟" އަޔާން އުފެއްދި ސުވާލަކީ ހިތުގެ ބިރުވެރިކަމަށް ތަސައްލީއެއް ލިބޭނެތޯ ނުވަތަ ނޫންތޯ އެވެ. މަންމަގެ މަގާމު އަޔާންގެ ހިތުގައި މުޅި އުމުރަށް ހުސްވާނެ އެވެ. އެކަން އަމީރާއަށް ޔަގީނެވެ.
"މީގެ ކުރިން ކިތަންމެ އަނދިރިއަސް، ބިރެއް ނުގަނޭ.. މަންމައާއެކު ގަސްތައް ދޮށުގައި ޖޯލިފަތީގައިވެސް ތިބެން.. އުނދޯލީގައިވެސް ތިބެން.. މިރޭ ވިމާކަހަލަ އުނދަގޫތަކެއް ނުވޭ.. އެކަމަކު، މަންމަ... ސަހަރާގަ... ވަ.. ޅ.. ލ...
އި ޓް ސް.. އި ޓް ސް.. ޑި ފި ކަ ލް ޓް ޓް ބް ރީ ތް.." އަޔާންގެ ހިތާއި މެއާއި މުޅިހަށިގަނޑަށް ވެރިވެފައިވާ ނުތަނަވަސްކަން އޭނާގެ ކެތްތެރިކަން ކޮޅުންލަނީ އެވެ.
އަމީރާގެ ލޮލުން ވެއްޓުނު ކަރުނައިގެ މަންޒިލަކަށްވީ އަޔާންގެ ނިއްކުރި އެވެ. ކުއްލިޔަކަށް ރޮއެލާފާއި އަޔާންގެ މޫނު އަމީރާގެ ބަނޑުގައި ފޮރުވާލާފައި އުނަގަނޑުގައި ދެއަތުން ބާރަށް ބެއްދި އެވެ.
އުފަންވީންސުރެން ފެށިގެން ގްރޭޑް އަށެށް ނިމެންދެންވެސް އަޔާން އުޅުނީ މިރަށުގަ އެވެ. އަނދިރިކަން އޭރު ހުރިގޮތާއި މިހާރު ހުރި ތަފާތުވެސް އެންމެ ރަގަޅަށް އެނގޭނީ އަޔާންއަށެވެ. އޭރު ބިރުވެރިކަމުގެ ލިސާނެއްވެސް ނުއުފފެދޭ ދަރިއެއްގެ ހިތުގައި މިރޭ އުފެދުނު ބިރުވެރިކަމާއި ނާންމާންކަން ތަފާތެވެ. ފެންފުށި ފިޔަވައި ރާއްޖެތެރޭ ރަށަކަށް އައިސްފައިނުވާ އަމީރާއަށް މި ސުވާލު ހުށަހެޅުމުން ފަސޭހައެއް ނުވި އެވެ. ޔަގީންވަނީ އެންމެ ކަމެކެވެ! ރޭގަނޑުގެ ކަނު އަނދިރިކަމުގައި ލޯބިވާ މަންމަގެ ޖަނާޒާ ނިންމާލުމަކީ ދަރިއެއްގެ ހިތައް ކެތްވާނެ މަންޒަރެއް ނޫންކަމެވެ. ޖަވާބު ދިނުމުގައި އަމީރާ ވިސްނާލަން ޖެހުނެވެ. ތަގުދީރު ކުޅެމުންދިޔަ ކުޅިވަރުން ކާމިޔާބު ލިބިގަތުން ނޫން ގޮތެއް ނެތެވެ. އަޔާންގެ ކޮންމެ ކަރުނައަކީ އަމީރާއަށް ވޭނެކެވެ.
"މަންމައާއެކު ގަސްދޮށުގައި ހޭދަކުރި ކޮންމެ ވަގުތަކީ ރީތި، އުފާވެރި ހަނދާންތަކެއް.. ދިރިހުރުމަށް އަހަރުމެން ބޭނުންވަނީ އެފަދަ ސަފްހާތަކެއް..! އަނދިރިވުމުން އަޔާން ބިރުގަތުމަކީ މައްސަލައެއް ނޫން ބޭބީ..! އުފާވެރިކަމާއި އަމާންކަން ވަނީ އަލިކަމުގައި..! އެކަމަކު އަނދިރީގެ ތެރޭގައި އެފަދަ އުފާވެރި ހަނދާންތަކެއް ހުރުމަކީ، ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫން..! ޔޫ ނޯ ވަޓް ބޭބީ.. އަޔާންއަކީ މި ރަށު އެންމެންނަށް ލިބިގެންވާ އަމާންކަމާއި އަލިކަމެއް..! ކޮންމެ އަނދިރި ރެއެއް އަލިވިލެނީ، އަމާން ފަތިހަކަށް..! އެހައިބޮޑަށް ނުވިސްނާ..!" އަޔާން ބޭނުންވަނީ ވާހަކަ ދައްކާލަންކަން އަމީރާއަށް ޔަގީންވާތީ، އޭނާ ވާހަކަ ދައްކަމުންދިޔައީ އަޔާންއަށް ތަސައްލީއެއް ލިބޭތޯ އެވެ.
"ޕްރިންސެސް...! ކޮންމެވެސް އުނދަގޫ ގޮތްތަކެއްވަނީ.. މިސްކިތުން އައި އިރުވެސް މަގުމަތިން އެއްވެސް މީހަކު ފެންނަހެން ހިޔެއް ނުވޭ.. ވަށައިގެން އަނދިރިވެފަ އޮންނަހެން ހީވަނީ.. ބައެއް މީހުން އަޔާންއަށް ގޮވައިލާހެންވެސް ހީވޭ.. އެކަމަކު އިސްއުފުލާ ބަލާލާކަށް ބޭނުމެއް ނުވޭ.. ހީވަނީ ލޮލުގެ ފެނުންވެސް ގެއްލިފައިވާހެން... އެކަމަކު ގެއަށް އައުމާއެކު ޕްރިންސެސް އަހަރެން ގައިގައި ބައްދާލި ވަގުތުން ފެށިގެން އެ ހުރިހައި ނުތަނަވަސްކަމެއް ފަނޑުވާންފެށި..!! ގޭތެރޭގައި ނޭވާލާންވެސް ފަސޭހަވި.." އަޔާން މަޑުމަޑުން ބުންޏެވެ.
އަމީރާއަކީ އަޔާންގެ މަންޒިލްކަން ބުނެދޭކަށް ނުޖެހުނެވެ. އަމީރާގެ ލޮލުން މިފަހަރު ވިދާލި ކަރުނައަކީ އުފާވެރިކަމާއި އުއްމީދުގެ ރަމްޒެކެވެ. ގުދުވެލާފައި އަޔާންގެ ބޮލުގައި ކިސްކޮށްލަމުން އަމީރާގެ އަތުގެ ތެރޭގައި އަޔާން ބޮނޑިކޮށްލި އެވެ.
"ބިގް ބޯއި... ޔޫ ސްޓިންކްސް... ފެންވަރަށް ތެދުވޭ..!"
މައުލޫ ބަދަލުކޮށްލުމަށް އަމީރާއަށް ވިސްނުނު އެންމެ މޮޅުގޮތް އިހްތިޔާރުކުރި އެވެ. ކަންފަތު ފޫޅުގައި އަމީރާގެ ތުންފަތް ބީއްސާލަމުން ބުނެލި ޖުމުލައާއެކު އަޔާންގެ ހަށިގަނޑު 'ވައިބްރޭޓް'ވި އެވެ. އިހްތިޔާރުން ބޭރުންވެސް ހިނިގަނޑު ނުހިފެހެއްޓުނެވެ.
"އަންކަލް އެންޑް ބޮޑުދައިތައަށް ފެންބިލު ކުޑަކޮށްލައިދިނުމަށް އަހަރުމެންނަށް އެހީތެރިވެވިދާނެ... ބަޓް... އޮންލީ.. އިފް.. ޔޫ.. ވޯންޓް!!!" ލާނެއް ރާގެއްގައި އަމީރާ ބުނެލީ އަޔާންގެ ޓީޝާޓް ތެރެއަށް އަތް ލައްވާފައި އިނގިލިތައް ހަރަކާތް ކުރުވަމުންނެވެ.
އަމީރާގެ މޫނު ފެންނަ ގޮތަށް އަޔާން އެނބުރެލީ އެވަގުތު އެވެ. އަމީރާގެ ދެއަތް ގެނެސް މޭމަތީގައި ބާއްވާފައި ދެއަތުގައި ބާރަށް ބައްދާލި އެވެ.
"ޔޫ ނޯ މީ ލައިކް އަ މިރަރ... ރައިޓް..؟ ތެންކިއު ޕްރިންސެސް..!" ރަތްވެފައިވާ ދެ ލޮލުން ތަފާތު އިހްސާސެއް ފެނިލި އެވެ. އަމީރާގެ މޫނަށް ނަޒަރު ހުއްޓާލަމުން ތަފާތު ރާގެއްގައި އަޔާން ބުންޏެވެ.
އަޔާންގެ މޫނަށް އަމީރާއަށް ބަލައިލެވުނީ އެތައް އިހްސާސެއް އެއްފަހަރާ ހަށިގަނޑުގައި ދައުރާން ފެށުމުންނެވެ. ބަނޑުގައި ކޮކާ ފިޔަޖަހާހެންވެސް ހީވި އެވެ. ފަހަކަށްއައިސް އެފަދަ އަލިކަމެއް އަޔާންގެ ލޮލާއި މޫނުން އަމީރާއަށް ނުފެނެ އެވެ. ނުތަނަވަސްކަމާއި، ހިތާމައިން އަޔާންގެ ލޮލުގެ ބެބުޅުން ގެއްލިފައިވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ލިބުނު ކުރިއެރުމުގައި މިފަހަރު ފަހަތައް ޖެހޭކަށް އަމީރާ ބޭނުމެއް ނޫނެވެ.
..................
ރޭގަނޑުގެ ނާސްތާ ހަމަހިމޭނެވެ. އެކަކު އަނެކަކަށް ބުނާނެ އެއްޗެއް ނޭގިގެން ތިބި ފަދަ އެވެ. ނުވަތަ އެކަމަށް އިސްނަގަން ކެރޭނެ މީހަކު ނެތީ އެވެ. އައިޝާގެ ހިތުގެ އެންމެ އަޑިން ޝުކުރުކުރެވެމުންދިޔައީ އެއްޗެއް ކާލަން އަޔާން ކޮޓަރީން ނިކުތީމަ އެވެ.
ކައިނިމުމާއެކު އަޔާން ދިޔައީ ކޮޓަރިއަށެވެ. އައިޝާ ބަލައިލީ އިސްޖަހައިގެން އިން އަމީރާއަށެވެ. މުންޝިރަށް ލޮލުން އަންގައިލީ އަޔާން ގާތަށް ދިއުމަށެވެ. ސަބަބަކީ އަމީރާ މޭޒުކައިރިން ނުތެދުވެ އެއިނީ އެކަމަށް މުންޝިރަށް ފުރުސަތު ދޭންކަން އައިޝާއަށް އިނގޭތީ އެވެ.
"ދަރިފުޅާ އަމީރާ.. ހެނދުނު ސަޔަށް ކޯންޗެއް ބޭނުމީ.." ތަފާތު ވާހަކައަކުން ގޭތެރޭގެ މާހައުލު ކޮންމެވެސް ވަރަކަށް ބަދަލުކުރެވޭތޯ އައިޝާ އިސްނެގި އެވެ.
"ކޮންމެ އެއްޗެއްވެސް ރަގަޅުވާނެ.. ބޮޑުދައިތަ ރޮށި ފިހަންވީމައި އަމީރާއަށް ގޮވާލައްޗޭ.." އަމީރާގެ ލޯބި ޖުމުލައިން އައިޝާއަށް ހިނިތުންވެވުނެވެ. އާއެކޭ ބުނަމުން އަމީރާއަށް އިޝާރާތްކޮށްލީ ތަށިތައް ސިންކް ކައިރިއަށް ގެންނަން އެހީތެރިވުމަށެވެ.
........................
"ބައެއްފަހަރު އަހަރުމެން ދުވަހަކުވެސް ބިރު ނުގަންނަ ކަންކަން ހަޔާތާއިގުޅި އެއީ އެންމެ އަނދިރި ސަފްހާތަކެއްގެ ގޮތުގައި ލިޔެވެނީ އެކަންކަމާއި ފުން ހަނދާންތައް ގުޅިފައި ހުންނާތީ" މަޑުމަޑުން މުންޝިރު ބުންޏެވެ.
އަންކަލްގެ އަޑަށް އަޔާން ބަލައިލި އެވެ. ކުޑަދޮރުގެ ފަރުދާ ދުރަށްޖައްސާލައިގެން ބޭރުބަލަން ހުރެފައި އަޔާންއައިސް މުންޝިރުގެ ގައިގައި ނުހަނު ބާރަށް ބައްދާލި އެވެ.
"އައި މިސްޑް ޔޫ ސޯ މަޗް..!" އާޔާން ބުނެލީ އަސަރާއެކު އެވެ. ލޯތްބާއެކު އަޔާންގެ ބުރަކަށީގައި މުންޝިރު ފިރުމާލި އެވެ.
ބައްޕައެއްގެ މަގާމުގައިހުރެ އަޔާންއާއި ދައްކަންޖެހޭ ވާހަކަތައް މުންޝިރު ހިއްސާކުރީ ލޯތްބާއެކު އެވެ.
"މަންމަގެ ހަނދާންތަކަކީ އަހަރުމެންގެ ދިރިއުޅުމުގެ އެއްބައި.. އެ ހަނދާންތަކަށް ނިމުމެއް ނާންނާނެ...! އަލީޒީ ފަރާތުން ލިބުނު ދިރިއުޅުމުގެ ފިލާވަޅުތަކާއި އެ ހިތްވަރަކީ ދުވަހަކުވެސް ފަނޑުނުވާނެ އަގުހުރި ސަފްހާތަކެއް...! މި ރަށަށް އަލީޒީއަކީ ބީރަހައްޓިއްސެއްގެ ގޮތުގައި.. ވަކިވެގެން އެދިޔައީ ހަށިގަނޑުގެ އެއްބައި ހިފައިގެން..! ދިރިހުރި އެތައް ބަޔަކަށް ދުވަހަކުވެސް ނުފެންނާނެފަދަ ރީތި މިސާލުތަކެއް ދައްކާފައި މަންމަ ވަކިވެގެން އެދިޔައީ.. މިހިސާބުން އަހަރުމެންގެ ދިރިއުޅުން ނިމުނީކީ ނޫން ދަރިފުޅާ..! އަޔާންގެ ފުރިހަމަ ޒިންމާ، އަދާކުރަންފަށާ ފުރަތަމަ މަރުހަލާއަކީ މިއީކަމަށްބަލާ..! ދަރިފުޅު ބޭނުމިއްޔާ މި ރަށުގައިވެސް އުޅެންވީ.. ނޫނީ މާލޭގައިވެސް ދިރިއުޅުން ފަށަންވީ.. ނޫނީ ލަންޑަންގައި ދިރިއުޅުން އާބާދުކުރިއަސް އަންކަލްގެ މައްސަލައެއް ނެތް..! އަމީރާއާއެކު އެންމެ އުފަލުގައި އުޅެވޭނެ ތަނަކާއި އެންމެ ހަމަޖެހިގެން ތިދެކުދިންނނަށް ދިރިއުޅުން އާރަސްތްކުރެވޭނެ ގޮތަކަށް އަންކަލްއާއި ބޮޑުދައިތަ ރުހި ގަބޫލު.."
އަޔާންގެ ސިކުނޑިއަށް މިވަގުތު އެންމެ އުނދަގޫވާނެ މައުލޫގައި މުންޝިރު އަޔާންއާއެކު އެތައް ވަގުތެއް ހޭދަކުރި އެވެ. 'ދެބަފައިން'ގެ މި ވަގުތުކޮޅަކީ ދެމީހުންނަށްވެސް ނުހަނު ބޭނުންވެފައިވާ 'ސަފްހާތަކެކެވެ.'
-ނުނިމޭ-