ads
ދޫކޮށްފައި ނުދާށޭ.. - 34 ވަނަ ބައި
އެޕިސޯޑް 34
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ގެއިން ނިކުތުމާއެކު ދެމީހުންނަށް އެކުގައި ބަލައިލެވުނީ އަމާންވެފައިވާ ހިމޭން ޖައްވުގައި ތަރުތީބުވަމުންދިޔަ ކުލަތަކަށެވެ. ދުނިޔެއަށް މަރުހަބާ ކިއުމަށް ތައްޔާރުވަމުން ދިޔަ އަލިފާން ބޯޅައެއްފަދަ، އިރުގެ އަލިކަން ފާޅުވާން ފަށައިފި އެވެ. ގުދުރަތީ ފުރިހަމަކަމުގެ ހުރިހައި ކުލަޔަކުން ޖަރީވެފައިވާ މިވަގުތުގައި ގަހެއްގެ ފަތެއްވެސް ތެޅިނުލަ އެވެ. އުފާވެރިކަމާއި އުއްމީދުން ހިތްފުރާލަންޖެހޭފަދަ ވަގުތެއްކަމަށްވިޔަސް، އައިޝާއާއި މުންޝިރުގެ މޫނުމަތީން މިރޭ އެފަދަ އަސަރެއް ނުފެނެ އެވެ. ހިމޭންކަމާއި ހާސްކަމާއި ނުތަނަވަސްކަން ނޫނީ ދެމީހުންގެ މޫނުން ނުފެނެ އެވެ.

ސައިކަލް ސްޓާޓްކޮށްލި އަޑާއެކު ފެންނަށް އޮތް ބޮޑުމަގަށް އައިޝާ ބަލައިލި އެވެ. މަދުމަދުން ބައެއް ގޭގެއިން ފަތިސްނަމާދަށް ނިކުންނަ، އުމުރުން ދުވަސްވީ އަދި މެދުއުމުރުގެ މީހުން ފެނުނެވެ. އެވަގުތަކީ ރަށުގެ ހަލަބޮލިކަމުގެ އެއްވެސް އިޝާރާތެއް ނެތް ވަގުތެކެވެ. އައިޝާ ކްލިނިކަށް ލާފައި، މުންޝިރް މިސްކިތައް ދިއުމަށް އަވަސްވެގަތުމަށް ދަތުރު އަވަސްކޮށްލި އެވެ. 

....................

ދޮރުހުޅުވާލުމާއެކު އައިޝާއަށް މަރުހަބާކީ، ލޮލަށް ފަސޭހަ ރީންދޫފަނޑު އަލިކަމެކެވެ. ހިތައް އަމާންކަން ލިއްބައިދިނީ ލެވެންޑާގެ ހިތްގައިމު މަޑުމަޑުވަހެވެ. ލެވެންޑާއަކީ އަލީޒީއަށް އެންމެ ހިތްގައިމު ވަހެވެ. ސޯފާގައި ހަށިގަނޑު ދަމާލައިގެން އޮންނެވި ޑޮކްޓަރ ކަރލްއަށް އައިޝާ ބަލައިލީ ހިނިތުންވުމާއެކު އެވެ. އެތެރެއަށްވަދެ، މަޑުމަޑުން ދޮރުލެއްޕީ، ކިތަންމެ ސިއްރުން އެތަނުގައި ފައި އެޅިޔަސް ޑރ ކަރލްގެ އެސްފިޔަތައް ދުރުކޮށްލައްވައްނެކަން އެނގިހުރެ އެވެ. 

އައިޝާއަށް ރަގަޅަށް އެތެރެއަށް ނުވަދެވެނީސް އޮށޯވެ އޮންނެވި ސޯފާއިން ފުންމައިގެން ތެދުވެ، ޑރކަރލް އައިޝާއަށް ބަލައިލަމުން ދުވަހުގެ ސަލާމުން ބަރަކާތްލެއްވުން އެދެމުން އަލީޒީއަށް ބަލައިލި އެވެ. އެބަލައިލުމުގައި ހހިނިތުންވުމުގެ އެއްވެސް އަސަރެއް މިއަދަކު ނެތެވެ. މާނައަކީ ކޮބައިކަން އައިޝާއަށް ވަރަށް ރަގަޅަށް އެގެ އެވެ. ދުއާކުރެވުނީ ކޮންމެވެސް ހައިރާންކުރުވަނިވި އަޖައިބަކާއިއެކުވިޔަސް 'ވަގުތު ފާއިތުނުވަނީސް' އަޔާންއަށް އެތަނަށް އާދެވޭނެ ގޮތް މދުވެރިކުރެއްވުމެވެ. 

ރޭގައި އަޔާންގެ ހަފްލާނިމުމުން، މެންދަމު އައިޝާ ގެއަށް ދިޔައިރުވެސް އަލީޒީގެ ހާލު ދަށްކަން އެގެ އެވެ. ނަމަވެސް ޑޮކްޓަރުގެ އިރުޝާދާއި އާދޭހުގެ ސަބަބުން ހިތާއި ދެކޮޅަށް ނަމަވެސް އައިޝާ އާއި މުންޝިރް ގެއަށްދިޔައީ ވީ އެންމެ އަވަހަކަށް އައުމަށް އަމިއްލަ ނަފުސަށް ވައުދުވަމުންނެވެ.

.....................

ކްލިނިކަށް ވަދެވުމާއެކު އެހެން ދުވަސްތަކެކޭ އެއްފަދައިން، މުންޝިރްގެ  ދުވަހުގެ ވާޖިބު ފުރިހަމަކުރި އެވެ. ކްލިނިކްގެ ހުރިހައިކަމެއް ފުރިހަމަވެފަހުރިތޯ ވަކިވަކީން ބެލި އެވެ. އެއްވެސް ޑަސްބިންއެއްގެ ކޮތަޅު ބަދަލުނުކޮށް ހހުރިތޯ އާއި މިއަދަށް ބޭނުންވާ ކަންކަން ފުރިހަމައަށް ތާވަލްކޮށްފައިހުރިތޯ ބެލި އެވެ. ގަންނަށްޖެހޭ އެއްޗެހީގެ ލިސްޓާއި ޑިއުޓީއަށް އަންނާންޖެހޭ މީހުންނަކީ ކޮބައިތޯ ބެލި އެވެ. މާލެއަށް ފޮނުވަންޖެހޭ ތަފްސީލް ހުރިހައި ރިޕޯޓްތަކެއް ތައްޔާރުކޮށްފައި ހުރިތޯ ވަކިވަކީން ޗެކްކުރުމަށްފަހު އަވަސްއަވަހަށް މިސްރާބުޖެހީ އަލީޒީގެ ކޮޓަރިއަށެވެ. 

ހުޅުވައިގެން އިން ހަތިމް ލައްޕާލާފައި އައިޝާ ބަލައިލީ އެތެރެއަށް ވަން މުންޝިރަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު މުންޝިރުގެ ގައިން ހީބިހި ނެގި އެވެ. އައިޝާގެ ލޮލުން ވިދާލި ކަރުނައާއި މޫނުމަތީގެ މާޔޫސްކަން ދުވަހުގެ އެންމެ ބިރުވެރި ހަބަރުގެ ގޮތުގައި މުންޝިރުގެ ހިތާއި ހަމައަށް ވާސިލްވެއްޖެ އެވެ. ދެމީހުންކުރެ އެކަކުވެސް ދުލަކުން އެންމެ ލަފްޒެއްވެސް ނުބުނެ އެވެ. ތަފާތު ކުލަތަކުން އެކި މަންޒަރު ފެންނަމުންދިޔަ  މެޝިނުތަކުގެ ހަރަކާތަށް މުންޝިރް ބަލައިލި އެވެ. އެއިން ޒައްރެއްގެ މިންވަރު ކިޔަން ނޭގުނަސް، ފެންނަ މަންޒަރާއި އޭގައި ހުރި ނަންބަރުތަކަށް ކޮންމެ ދުވަހަކު އެތައް ސަތޭކަފަހަރަކު ބަލާ މީހެއްގެ ގޮތުގައި، މުންޝިރަށްވެސް ދެނެގަންނާންއިގޭ ހަގީގަތްތަކެއް ފާހަގަކުރެވުނެވެ.

އައިޝާގެ ބުމަ ހިއްލާލާފައި ކޮށްލީ ކޮން ސުވާލެއްކަން، ހިމޭންކަމުގެ ތެރެއިންވެސް މުންޝިރު ދެނެގަތެވެ. ޖީބުގައި އޮތް ފޯނުގަފާފައި ނަންބަރަކަށް ގުޅާލަމުން ކަންފަތުގައި ޖައްސާލި އެވެ. މީގެ ވިއްސަކަށް މިނެޓްކުރިންވެސް މުންޝިރް އެނަންބަރަށް ގުޅިކަމެއް އައިޝައަކަށް ނޭގޭނެ އެވެ. ލިބުނީ މާޔޫސްކަމެވެ. ފޯނު އޮންނަނީ ނިވާލާފަ އެވެ. ބޮލުގެ އިޝާރާތުން މުންޝިރު އަންގާލީ ކުރިއެރުމެއް ނެތް ކަމަށެވެ. 

ހަފްލާ ނިންމި ވަގުތު ހިނދުކޮޅަކަށް އަޔާން ގުޅި އެވެ. އަލީޒީގެ ކަންފަތުގައި ފޯނުޖައްސާލަ ދިނުމަށް އެދުމުން އެކަން މުންޝިރް ކޮށްދިނެވެ. މަންމައަށް އަޔާންދިނީ ކޮން މެސެޖެއްކަމެއް މުންޝިރަކަށް ނޭގެ އެވެ. އެވަގުތު ހިނިތުންވަމުން އަލީޒީ ދެލޯ މަރައިލިގޮތަށް މެންދަންވީއިރުވެސް ލޮލެއް ނުހުޅުވަ އެވެ. 

ވުލޫކޮށްދިނުމުން ނަމާދު ފުރިހަމަކުރާނެކަން އައިޝާއަށް އެގެ އެވެ. ގުރުއާނުގެ ބޮޑުބައެއް އަލީޒީވަނީ ހިތުދަސްކޮށްފަ އެވެ. ފޯނުން ގުރުއާންޖަހަން އައިޝާ އަލީޒީކުރެން ހުއްދަ ނުހޯދާ ސަބަބަކީ އެއީ އެވެ. ލޯމަރައިގެން އޮތަސް، މިވަގުތު ހިތުންކިޔަވަމުންދާނީ ކީރިތި ގުރުއާންކަން އައިޝާއަށް ޔަގީންވާތީ އަލީޒީއާއި އެއްވެސް ވާހަކައެއް ދެއްކުމަށް ކައިރިނުވެ އައިޝާވެސް ކިޔަވަން އިނީ އެވެ. 

......................

މުޅިދުވަސް ހޭދަވީ ހޫނުގަދަކަމާއި ވައި ރޯޅިއެއްގެ އިޝާރާތެއްވެސް ނެތި އެވެ. ނަމަވެސް އޮއްސެމުންދިޔަ އިރާއެކު ފަތުރާލާފައިވާ ކުލަތައް ކޮޅުކޮޅަށް ހަރަކާތްތެރިވާން ފެށީ، ކުއްލި ގަދަފަދަ ވަޔާއެކު އެވެ. ރަންކުލައިން ޖަރީވަމުންދިޔޔަ ކާއިނާތުގެ ހިތްގައިމުކަން ކަޅުއަނދިރިކަމާއި އަޅިކުލައިގެ އަނދިރިވިލާތަކުގެ ސާލަކަށް ބަދަލުވާން ނެގީ ހިދުކޮޅެކެވެ. ގަސްތަކުގައި ތަނޑިބަލިވެފައިވާ ދޮން ފަތްތަކާއި އުމުރު ކުރު އަދި ބަލިކަށި ފަތްތަކުން ބިންމަތީގެ ސާފުކަން ގެއްލުނީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. މޫސުމީ ކުއްލި ބަދަލުން ބައެއް ނިއްކުރިތަކުން ކުދި ރޫތައް ހިލުވާލި އެވެ. 

އަލީޒީގެ ހިމޭންކަމާއި އައިޝާގެ ކަރުނައާއި ޑރކާރލްއާއި ޑރހަނިއްޔާގެ ނުތަނަވަސްކަމުން މުންޝިރުގެ ސިކުނޑިފަޅައިގެންދާން ގާތްވެއްޖެ އެވެ. ފެންނަ މަންޒަރުން ކެތް ނުވެގެން ކޮޓަރީން ނިކުތެވެ. ދަންނަ ބައެއް މޫނުތައް ކްލިނިކްގެ ގޯތިތެރެއިން މުންޝިރަށް ފާހަގަކުރެވުނެވެ. އެއީ އަލީޒީގެ ހާލުއަހްވާލު ދެނެގަންނާންތިބި، ހެޔޮއެދޭ ރައްޔިތުންކަން މުންޝިރަށް އެގެ އެވެ. އެކަމަކު އެކަކަށްދޭނެ އެއް ޖަވާބެއްވެސް މުންޝިރުގެ ކިބައިގައި ނެތެވެ. ދެފައިގައި ހުރި ބާރެއްލާފައި ކްލިނިކްގެ ގޯތި ތެރޭގައި ބުރުޖަހަން ފެށި އެވެ. ބާރަށް ތެޅެމުންދިޔަ ހިތް މައިތިރިކުރެވޭތޯ އެވެ. 

އަތުން ފޯނު ދޫކޮށްނުލަ އެވެ. އިރުއިރުކޮޅުން ޑައިލްކޮށްލަ އެވެ. މިނެޓަކު އެތައް ފަހަރަކު ކަންފަތތުގައި ފޯނުޖައްސާލަ އެވެ. ހާސްކަމާއި ކަންބޮޑުވުމާއި ނުތަވަސްކަން ނޫނީ މުންޝިރުގެ މޫނުން ނުފެނެ އެވެ. ދެންމެ ދެންމެ ވެހިގެންދާނެފަދަ ކަޅުވިލާގަނޑެއް ފެންފުށީގެ ޖައްވުގައި ވަކިހިއްޕާލާފައިވަނީ ހިތްތަކަށް ހައިރާންކަން ގެނުވަމުންނެވެ. މުންޝިރުގެ ދެ ލޮލުން އާވި ނިކުންނަން ފަށައިފި އެވެ. ރަށުގެ ބޮޑުންނާއި ގާތް އެތައްބަޔަކު ކްލިނިކްގައި ހިމޭންވެފައި ތިއްބެވެ. ދެކަކުލުގައި އަތް އަޅާފައި މުންޝިރް ގުދުވި އެވެ. މާނޭވާ ލެވޭހެން ހީވުމުންނެވެ. ކުއްލިޔަކަށް ފޯނު ވައިބްރޭޓްވާން ފެށުމުން ކާކުތޯވެސް ބަލައިނުލައި ކަންފަތުގައި ފޯނުޖައްސާފައި މުންޝިރްއަށް ބުނެވުނީ އެންމެ ނަމެކެވެ. 

"ދަރިފުޅާ.. އަޔާން...!" މާނޭވާލެވެމުން ދެލޯ މަރައިލާފައި މުންޝިރް ބުންޏެވެ.

"މުންޝިރް...! މިއީ އަނީސް، ކައުންސިލް ރައީސް..!" ހިމޭންކަމާއެކު ފޯނުން ބުނެލި އެވެ.

ކަންފަތުގައި ޖައްސާފައިވާ ފޯނުގެނެސް ސްކްރީނަށް ބަލައިލި އެވެ. ތެދެކެވެ. ގުޅާފައި އޮތީ އަނީސް އެވެ. އެސްފިޔަތަށް ތަގުޅިކޮށްލަމުން މުންޝިރު ދެފައިމައްޗަށް ކޮޅަށްތެދުވެ، ހިންދެމިލި އެވެ.

"ހެޔޮ ހަބަރެއް ނޫނީ މިވަގުތު ބޭނުމެއް ނޫން.." މާޔޫސްކަމާއެކު މުންޝިރް ބުނެލި އެވެ.

ލިބުނީ ކޮން ހަބަރެއްކަމެއް ނޭގުނެވެ. އަނީސްގެ ހަބަރާއެކު މުންޝިރުގެ ދެލޮލުން ކަރުނަ އޮހިގަތީ ދެ ތުންފަތް ތުރުތުރުއަޅުވާލާފަ އެވެ.

"އެހެން އެއްވެސް ކަންފަތަކަށް ތިހަބަރު ލިބިގެން ނުވާނެ.. މިތަން ދޫކޮށްފައި އެންމެ ސިކުންތަކަށްވެސް ދުރަށްޖެހިލެވޭކަށް ނެތް.. ވީ އެންމެ ރަގަޅަކަށް، އެންމެ ފުރިހަމަކޮށް ހުރިހައި އިންތިޒާމެއް ހަމަޖައްސައިދެއްވާ...! ދާނެ ހަރަދަކަށް ނުވަތަ ހަރަދުވާނެ ފައިސާއަކަށް ފަރުވާލެއް ނެތް.. ހުރިހައި ކަމެއް ކުރެވިގެންދާންވާނީ ސީދާ އަނީސްގެ ބެލުމުގެ ދަށުން..!" ލޯ މަރައިގެން ހުރެ މުންޝިރު ބުނެލަމުން ފޯނު ކަނޑާލި އެވެ. 

ރަތްވެ ދުޅަވެފައިވާ ދެލޮލާއެކު މުންޝިރް، ކްލިނިކަށް ވަނެ އެވެ. އޮއްސުނު އިރާއެކު އަނދިރިކަން ވެރިވެއްޖެ އެވެ. ގަދަވަޔާއެކު މުޅިރަށް ކަޅުކުރަމުން ދިޔަވަގުތަށްވިޔަސް ހެޔޮއެދޭ އެތައް ބަޔަކު، ކްލިނިކްގެ ގޯތިތެރެއާއި އެތެރެއާއި ބޭރުފާރުކައިރީގައި ހަރަކާތްތެރިވި އެވެ. އަލީޒީގެ ހާލު ދެރަކަމުގެ ހަބަރު ރަށުތެރޭގައި ފެތުރިގެންދިޔައީ އެތައް ހިތަކަށް އަސަރުކުރުވާފަ އެވެ. މިއަދު އަލީޒީއަކީ ފެންފުށީގެ ފަހުރާއި ޝަރަފެވެ. ކޮންމެ ދުލަކުން ރެއާއި ދުވާލު ކުރެވޭ ތައުރީފަކީ އެންމެންގެ ހެޔޮދުއާ އެވެ. އަޔާން އަންނާނެކަން ނުވަތަ ނޫންކަމެއް އެނގޭ އެކަކުވެސް އެތަނުގައި ނެތެވެ.

ރައްޔިތުންގެ ހިތުގައިވާ އެންމެ ބޮޑު ސުވާލަކީ، ރޭގެ ހަފްލާއަށްފަހު މިހާ އަވަހަށް 'ވަގުތު އޮއްވައި' އަޔާންއަށް މަންމަ ގާތަށް އާދެވިދާނެ ތޯ،  ނުވަތަ ނޫންތޯ އެވެ! ނަމަވެސް އެންމެން ދަންނަ ހަގީގަތަކީ، ފައިސާއިން ކުރެވޭ ކޮންމެ ކަމަކަށް މިއަދު އަޔާންއާއި 'އަޔާންގެ އާއިލާ'އަށް ހުރަހެއް ނެތް ކަމެވެ.

....................

ހިމޭންކަމާއެކު އަލީޒީގެ އެނދާއި މުންޝިރު ގާތްވި އެވެ. ގިސްލުމުގެ އަޑެއް، އާހެއްގެ ސިފައިގައިވެސް ބޭރުވެދާނެކަމަށްޓަކައި ފަރުވާތެރިވެގެންނެވެ. ދާދި ގާތުގައި އިށީދެގެން އަލީޒީގެ އަތުގައި ފިރުމަމުންދިޔަ އައިޝާއަށް މުންޝިރު ބަލައިވެސް ނުލަ އެވެ. އަނބިމީހާގެ ލޮލަށް ބަލާލާނެ ހިތްވަރެއް މުންޝިރުގެ ކިބައިގައި ނެތީތީ އެވެ. އަރާމް ނިންޖަކުން ނިދާލާފައި އޮތްފަދައިން އަލީޒީ އޮތީ ހިމޭންވެފަ އެވެ. ރޭ މެންދަމުން ފެށިގެން އެސްފިޔަ ތަޅުވާވެސް ނުލަ އެވެ. ހަށީގައި ވިންދުހުރިކަން ބުނެދެނީ މެޝިނުތަކުގެ ހަރަކާތްތަކެވެ.

ހިތެއް ހުރި މީހަކަށް މި މަންޒަރު ބަލާކަށް ކެތެއް ނުވާނެ އެވެ!

އަލީޒީގެ އެންމެ ނޭވާޔަކަށްވެސް ނުވަތަ ހިތުގެ އެންމެ ވިންދަކަށްވެސް، އިތުރު މަސައްކަތެއް ކުރުމަށްޓަކައި އެއްވެސް ގުނަވަނެއް ކަފައި، ހޮޅިގުޅުން ނުވަތަ ހަށިގަނޑަށް އާދަޔާހިލާފް ބާރެއް އަރާފަދަ އެއްވެސް ފަރުވާއަކަށް ނުދިއުމަށް އަޔާންވަނީ ޑރކަރލްއަށް އަމުރުކޮށްފަ އެވެ. އެއީ އަލީޒީގެ ނިންމުމެވެ. އުމުރުގެ އެންމެ އާރޯ މަރުހަލާ ކަޑަށްތުކުރީ ގަދަ ވޭނާއި އަނިޔާއާއި ހިތްދަތިކަމުގަ އެވެ. ދިރިއުޅުމުގެ އުއްމީދުތައް ހާސިލްވެ، ދުނިޔޭގެ ފާލަމުގައި އަޅާ ފަހު ފިޔަވަޅާއެކު އެންމެ ފަހު ނޭވާ ދޫކުރަން އަލީޒީ ބޭނުމީ އަރާމާއި ހިމޭންކަމާއެކު އެވެ. ރެއާއި ދުވާލު މާތް ﷲއަށް އަލީޒީ ދަންނަވާ އެންމެ ބޮޑު ދެންނެވުމަކީ އެއީ އެވެ. 

ކުއްލިޔަކަށް އިހުނަށްވުރެން ވައިގަދަވެ، ރުއްގަހުގެ ފަންތަކާއި ފަތްތަކުގެ އަޑު އިވެން ފަށައިފި އެވެ. ދެންމެ ދެންމެ ވެހިގެންފާނެފަދަ ވިލާގަނޑެއް ޖައްވުގައި ދައުރުވަމުންދިޔައީ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުންނެވެ.

އަލީޒީގެ މޫނަށް ނުހަނު ލޯތްބާއެކު މިންޝިރު ބަލައިލި އެވެ. ހިތުގެ އެއްފަޅި ހަށިގަނޑާއި ވަކިވަނީކަން ކޮންމެ ވިންދެއް އަޑުހަރުކޮށް ބުނަމުންދާއިރު އެ ވޭނަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އަޅާފައިވާ ބުރުގާގެ މަތިން އަލީޒީގެ ބޮލުގައި މުންޝިރު ބޮސްދިނެވެ. ލޮލުން ކަރުނަ އޮހިގަތީ އިހްތިޔާރަކާއި ނުލަ އެވެ.

ހަމައެވަގުތު ކޮޓަރީގެ ދޮރު ބާރަށް ހުޅުވުނު އަޑާއެކު އެންމެން ދިޔައީ ސިއްސައިގެންނެވެ. ލޮލުން އޮހިގަތް ކަރުނައާއެކު އައިޝާއާއި މުންޝިރަށް އެއްފަހަރާ ބުނެވުނީ އެންމެ ލަފްޒެކެވެ.

"އަލްހަމްދު ލިއްލާހި..."އެވެ.

ބާރުގަދަ އަޑާއެކު ހުޅުވުނު ދޮރުމަތީގައި އަޔާންގެ ދެފައި ތަތްލެވިފަދަ އެވެ. އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ. ދެލޯފުރައި އޮހޮރެނީ ކަރުނަ އެވެ. ކޮޓަރީގައި ތިއްބެވި ދެ ޑޮކްޓަރުންނާއި އައިޝާއާއި މުންޝިރަށް ބަލައިލެވުނީ ގަނޑުވެފައި ހުރި އަޔާންއަށެވެ. މެރަތަން ދުވެފައި އަޔަސް، އިންސާނަކަށް އެވަރު ނުވާނެކަން ކަށަވަރެވެ. މާނޭވާލެވި، މޭ ގުޑުގުޑުލާއަޑު ކޮޓަރިތެރޭގައި ހަރުލައިފި އެވެ. ގުޅާފައިވާ މެޝިންތަކަށް ބަލައިލިވަގުތު އަޔާން އަރިއަޅައިލީ ބޮލަށް އެނބުރުން އެރުމުންނެވެ. ހުޝިޔާރުކަމާއެކު ދުވެފައި ގޮސް އަޔާންގެ ދެއަތުގައި ދެފަރާތުން ހިފެހެއްޓީ ޑރ.ކަރލް އާއި ޑރ ހަނިއްޔާ އެވެ. 

"ބީ ސްޓްރޯންގް މައި ޗައިލްޑް..!" ޑރކަރލްގެ އޯގާތެރިއަޑާއެކު އަޔާންއަށް ހަގީގަތުގައިވެސް ހިތްވަރުލިބުނެވެ. މިއީ ނެތް ހިތްވަރު ނެރެންޖެހޭ ވަގުތުކަން އަޔާންއަށް އިހްސާސްވި އެވެ. 

ނުހަނު އުނދަގުލުން ނަމަވެސް ދެ ޑޮކްޓަރުންގެ އެހީގައި މަންމައާއި ހަމައަށް ދިޔަ އެވެ. އެނދުގައި އއިށިނުމާއެކު އަޔާންގެ ގިސްލުމުގެ އަޑު ކޮޓަރީގައި ގުގުމާލި އެވެ. މަންމަގެ ނިއްކުރީގައި އަޔާންގެ ނިއްކުރިޖައްސާފައި މަންމައަށް ހެޔޮދުއާކުރި އެވެ. އަދި މަންމަގެ ނިއްކުރިއާއި މޫނުގައި ތަކުރާރުކޮށް ބޮސްދިނެވެ.

އަޔާން ފިޔަވައި މިވަގުތު ދެންތިބި އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ނާދިފްއާއި މިޒްރާއަދި އަމީރާއަކީ ލޮލަށް ފަރިތަ މޫނުތަކެވެ. ނަމަވެސް ދެން ފެންނަނީ ބީރަހަށްޓި ދެމޫނެވެ. ފެންނަފެނުމަށް އުމުރު އަންދާޒާކުރަން ފަސޭހައެއް ނޫނެވެ. ކަސްރަތީ ދެ ހަށިގަނޑެވެ. ރީތިކަމާއި ފުރިހަމަ ސިފަތަކުން މާތްﷲ ފުރިހަމަ ކުރައްވާފައިވާ އަޖައިބެއްފަދަ ރީތި ދެމީހުންނެވެ. ހައިރާންކަމާއެކު މުންޝިރަށް ބަލައިލެވުނީ އަމީރާއަށެވެ. މުންޝިރާއި އަމީރާ ފޯނުން ވާހަކަ ނުދައްކާ ދުވަހެއް ފަހަކަށްއައިސް މަދުވާނެ އެވެ. އެދެމެދުގައި އުފެދިފައިވާ ގުޅުމުގެ ސަބަބުން، އަންކަލްގެ ސުވާލު އަމީރާ ދެނެގަތެވެ. 

"އަޅުގަނޑުގެ މާމައާއި ކާފަ.." މަޑުމަޑުން އަމީރާ ބުނެލިޔަސް، އެސުވާލުގެ ޖަވާބު އެންމެންނަށް ލިބިއްޖެ އެވެ.

އަމީރާގެ އާއިލާ މަޑުމަޑުން އެތެރެއަށްވަދެ، އަލީޒީއާއި އަޔާންއަށް ހުރަސްނޭޅޭނެގޮތަށް ކޮޓަރީގައި ތަރުތީބުވެލައިފި އެވެ. 

އަމީރާގެ މާމައާއި ކާފަ، އަސަރާއެކު ބަލަމުން ގެންދިޔައީ އަލީޒީގެ މޫނަށެވެ. މަޑުމަޑުން، އަލީޒީގެ އެނދާއި ގާތްވެލައިފި އެވެ. ލޯތްބާއެކު އަލީޒީގެ ބުރުގާމަތީ ޝައްޔާން ދީދީ ފިރުމާލިއިރު ކޯތާފަތް ހުރަސްކޮށް ކަރުނަ ދެމިގެންފި އެވެ.

"ދަރިފުޅާ އަލީޒީ..! މި ބައްޕައަށް މައާފުކޮށްދީ..! ދަރިފުޅުގާތަށް ބައްޕައަށް މި އާދެވުނީ މާލަހުނން...!" ކުރެހިފައިވާ އަޑަކުން ޝައްޔާން ދީދީ ބުނެލީ އަމިއްލަ ނަފުސު ކުށްވެރިކުރަމުންނެވެ. ހަމައެވަގުތު އަލީޒީގެ ނޭވާއަށް ބަދަލުއައިކަން މެޝިންތަކުން ބުނަން ފަށައިފި އެވެ.

ހަމައެވަގުތެވެ. އިޝާނަމާދުގެ ބަންގީގެ އަޑުން މުޅި ރަށް އަމާންކޮށްލި އެވެ. ނަމަވެސް ޖެހެމުންދިޔަ ގަދަ ވަޔަށް ބަދަލެއް ނާދެ އެވެ. ކްލިނިކާއި ދާދިގާތުގައި މިސްކިތްހުރުމުން އަޔާން ފިޔަވައި ހުރިހައި ފިރިހެނުން އަވަސްވީ މިސްކިތައް އެރުމަށެވެ. އަޔާން ނަމާދުކުރީ މަންމަގެ ކޮޓަރީގަ އެވެ.

...............

"ދަރިފުޅާ އަޔާން.. މިއީ މަންމައަށް ޝަހާދަތް ލައިދޭންވީ ވަގުތު.." އަޔާންގެ ބުރަކަށީގައި ފިރުމާލާފައި ޝައްޔާންދީދީ ބުނެލުމުން އަޔާން ބަލައިލި އެވެ.

ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އެވެ. ހަށިގަނޑުގައިވާ ހިތް، ރަހުމުކުޑަ ވަކިތަކަކުން ދަމައިގަތތަސް، އަޔާންއަށް އެވަރުގެ ވޭނެއް ނާޅާނެ އެވެ. ހަތަރެސްފައި ތުރުތުރު އަޅަން ފަށައިފި އެވެ.  އަޔާންގެ ދެލޮލުގެ ރަތްކަމުން އިންސާނެއްގެ ހިތައް ބިރުވެރިކަން ވަންނަވަރުވެ އެވެ. މުޅިމީހާ ތުރުތުރުއަޅަން ފަށައިފި އެވެ. 

"މަންމައަށް ވަގުތެއް ނެތް ދަރިފުޅާ...! އަވަސްކުރޭ..!" އަޔާންގެ ކަންފަތް ކައިރިއަށް ގުދުވެލާފައި ޝައްޔާން ދީދީ ބުނެލި އެވެ. 

އެއާއެކު ގިސްލަމުން، މަންމައަށް ޝަހާދަތްލައިދިނީ އަޔާން އެވެ. އަލީޒީގެ ފަހުނޭވާ ދޫކޮށްލީ އަޔާންގެ ދެއަތުގެތެރޭގަ އެވެ. އާއިލާގެ ގޮތުގައި އަލީޒީ ގުނާނެ، އެންމެން އެ ވަގުތު އަލީޒީގެ ގާތުގައި ހާޒިރުވެ ތިއްބެވެ. އަލީޒީގެ ފަހހު ނޭވާ ދޫކޮށްލީ އެތައް ދުލަކުން ހެޔޮދުއާ ކުރަމުންދިޔަ ވަގުތެއްގައި ހިމޭންކަމާއެކު އެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް