ads
ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީކޮށް މަރުހަބާ ދެންނެވުން -- ފޮޓޯ/ ރައީސް އޮފީސް
ޗައިނާއިން މުދާ ގެންނަން ޑޮލަރު ބޭނުންނުވާ ގޮތް ހަދަން ފަހުމުނާމާއެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދ،ު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

ޑޮލަރުގެ ދަތިކަން ދިމާވެ، ސަރުކާރުން އަންނަނީ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އަވައްޓެރި، ރަހުމަތްތެރި ގައުމުތަކާ އެކު މި ފަދަ އެއްބަސްވުންތައް ހަދަން މަސައްކަތްކުރަމުންނެވެ.

އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ވަނީ ބަދަހިވެގެންގޮސްފައިކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެ އެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ރާއްޖެއާއި އާއި ޗައިނާއާ ދެމެދު އޮންނަ ފުރިހަމަ ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް އަމާޒުކޮށްގެން މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ. އަދި ދެ ލީޑަރުންގެ މަޝްވަރާއިން ފާހަގަކުރެވުނީ ދެގައުމުގެ އިގްތިސާދީ އެއްބާރުލުން ހަރުދަނާކުރުމަށް ވައުދުވެފައިވާކަންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"މި އެއްބަސްވުމުގެ ސަބަބުން ލޯކަލް ކަރަންސީތަކުގައި ފައިސާ ސެޓްލްމަންޓްތައް ރަނގަޅުވެ، ޗައިނާއިން އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް ފަސޭހަވެ، ދެގައުމުގެ ބޯޑަރު ހުރަސްކޮށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ" އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން މި އެއްބަސްވުމަކީ އިގްތިސާދީގޮތުން ހުޅުވާލުން އިތުރުކުރުމާއި ބައިނަލްއަގްވާމީ މުހިންމު ބައިވެރިންނާއެކު ދެގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ރައީސް މުއިއްޒުގެ ސްޓްރެޓެޖިކް ތަސައްވުރު ދައްކުވައިދޭ އެއްބަސްވުމެއްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމާލާތު ކުރެވެ އެވެ. އަދި މިވަގުތ،ު ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

ސަރުކާރުން އަންނަނީ އަވައްޓެރި އިންޑިއާއާ އެކުގައި ވެސް މި ފަދަ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ރާއްޖޭގެ ބޭރު ދަރަނީގެ މައްސަލަ ބޮޑުވެ، ޑޮލަރު ތާށިވެފައިވާއިރު ޑޮލަރަށް ބަރޯސާވާ މިންވަރު ދަށްކޮށް، އާމްދަނީ އިތުރުކުރަން ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބައެއް ޓެކްސްތައް ވެސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް މި ފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް