މި އިސްލާހުތައް މިއަދު ހުށައަޅާފައި މިވަނީ ރައްޔިތުން މަޖލީހުންގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާގައެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށައެޅީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ.
ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައި އިސްލާހުތަކުގެ ތެރޭގައި ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން އޮންނަ މުއްދަތު ވަނީ ތިން ދުވަހަށް ކުރުކޮށްފައެވެ. ކުރިން މި މުއްދަތު އޮންނާނީ 21 ދުވަހެއެވެ. ކުންފުނީގެ އާއްްމު ޖަލްސާއެއް ބޭއްވުމަށް ގާނޫނުގައި ކުރިން އޮންނަ 14 ދުވަސް މި އިސްލާހުގައިވަނީ ހަތް ދުވަހަށް ކުރުކޮށްފައެވެ.
މީގެއިތުރުން ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ދީފައިވާ ބާރު 10 ދުވަހަށް ވަނީ ކުރުކޮށްފައެވެ. ގާނޫނުގައި މިހާރު އޮތީ މި މުއްދަތަކީ 30 ދުވަސްކަމަށެވެ.