ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކުރަން ދީފައި އޮންނަ މުއްދަތު ކުރުކޮށް ކުންފުނީގެ ގާނޫތަކަށް ސަރުކާރުގެ ފަރާތުން ހުށައެޅީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި މި ބިލަށް ބަހުސަށް ހުޅުވާލުމުން ބަހުސްގެ މަރުހަލާ 50 މިނެޓްގެ ތެރޭގައި ނިންމާ ކޮމެޓީއަށް ފޮނުވާފައެވެ. ކޮމެޓީއަށްް ފޮނުވަން ބިލު ބަލައިގަތީ 77 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލުގެ ބަހުސް ކޮމެޓީގައި ފަށާ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ކޮމެޓީން ނިންމާފައިވާނީ 10 ވަރަކަށް މިނެޓްގެ ތެރޭގައެވެ. ކޮމެޓީގައި ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ނިންމީ ބިލަށް ބަދަލު ނުގެނެސް ފާސްކުރަން ތަޅުމަށް ފޮނުވާށެވެ.
ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައި އިސްލާހުތަކުގެ ތެރޭގައި ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން އޮންނަ މުއްދަތު ވަނީ ތިން ދުވަހަށް ކުރުކޮށްފައެވެ. ކުރިން މި މުއްދަތު އޮންނާނީ 21 ދުވަހެއެވެ. ކުންފުނީގެ އާއްްމު ޖަލްސާއެއް ބޭއްވުމަށް ގާނޫނުގައި ކުރިން އޮންނަ 14 ދުވަސް މި އިސްލާހުގައިވަނީ ހަތް ދުވަހަށް ކުރުކޮށްފައެވެ.
މީގެއިތުރުން ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ދީފައިވާ ބާރު 10 ދުވަހަށް ވަނީ ކުރުކޮށްފައެވެ. ގާނޫނުގައި މިހާރު އޮތީ މި މުއްދަތަކީ 30 ދުވަސްކަމަށެވެ.