ads
ވަގުތީ ނަޖީޖާގައި އަނޫރާ އުޅުއްވަނީ ވަރަށް ކުރީގައި: އިދިކޮޅު ޕީޕަލްސް ޕަވާގެ ލީޑަރު އަނޫރާ ކުމާރަ ދިސަނަޔަކަ އިއްޔެ އޮތް އިންތިހާބުގައި ވޯޓު ލައްވަނީ
ލަންކާގެ ރައީސް ކަމަށް އޭކޭޑީގެ ގޮތުގައި މަޝްހޫރު އަނޫރާ
އިއްޔެ ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު އަނޫރާ ކުމާރަ ޑިސެނަޔަކަ(އޭކޭޑީ) ކާމިޔާބު ކުރައްވައިފި އެވެ.
Advertisement

އުމުރުން 55 އަހަރުގެ އަނޫރާ އަކީ ސްރީ ލަންކާގެ ސަރުކާރުގައި ހިމެނޭ ބޭފުޅެއް ނޫނެވެ. އަދި އޭނާ ތަމްސީލު ކުރައްވާ ސިޔާސީ އިއްތިހާދު، ނޭޝަނަލް ޕީޕަލްސް ޕަވާ އަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއެއް ވެސް ނޫނެވެ. އެ ގައުމުގައި 225 މެންބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީއަށް ލިބިފައިވަނީ އެންމެ ތިން ގޮނޑި އެވެ. 

އަދި އޭނާގެ ޕާޓީއަކީ އިންޑިއާގެ އެންމެ ބޮޑު ޖިއޮޕޮލިޓިކަލް ވާދަވެރިޔާ، ޗައިނާއާ ވަރަށް ގާތް ޕާޓީއެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވެ އެވެ.

ވޯޓު ލުމުގެ ހައްގު ލިބިގެންވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓް މީހުން ވޯޓު ލާފައި ވާއިރު މިހާތަނަށް ގުނި ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް އަނުރާ އަށް ވަނީ ލިބިވަޑައިގެންފަ އެވެ.

މި އިންތިހާބުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހު އާއި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސައިގެ އިތުރުން އިދިކޮޅު ވަރުގަދަ ލީޑަރެއް ކަމަށްވާ ސަޖިތު ޕްރެމަދަސާ ވާދަކުރައްވަ އެވެ.

މިފަހަރު ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓް ނަމާލް މިހާރު ވަނީ ބަލި ގަބޫލްކޮށް އަނޫރާ ކުމާރަ ޑިސެނަޔަކަ(އޭކޭޑީ) މަރުހަބާ ވިދާޅުވެފަ އެވެ. ނަމާލް އަށް އަދި މިހާތަނަށް ސާފުކުރި ނަތީޖާއިން ލިބިވަޑައިގަތީ އެއް ޕަސެންޓެވެ.  

your imageލަންކާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ: އޭނާ ވަނީ މިހާތަނަށް ސާފުކުރި ނަތީޖާއިން ތަފާތު ބޮޑުކޮށް ކުރީގައި. 

މި އިންތިހާބުގައި މިހާރު ލިބިފައިހުރި ނަތީޖާތައް ދައްކާ ގޮތުން އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިވަޑައިގަތީ 20 ޕަސެންޓް ވޯޓެވެ. އަދި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހަ އޮތީ ތިންވަނައިގައި 18 ޕަސެންޓް ވޯޓާ އެކުގަ އެވެ.

ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ ވަނީ ކެންޕެއިންގައި ބާޒާރުގެ އަގުތައް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އައިއެމްއެފްގެ ޕްރޮގްރާމަށް ބަދަލު ގެނެސް ރައްޔިތުންނަށް އިގްތިސާދީ ގޮތުން އިތުރު ލުޔެއް ހޯދައިދިނުމަށް ވައުދުވެފަ އެވެ. ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ހާއްސަކޮށް މޫނަކަށް ބެލުމެއްނެތި ސިޔާސީ "ވަގުން" ނަށް ހަރުކަށި އަދަބުދީ ކޮރަޕްޝަންގެ ދޮރުތައް ލަންކާގައި ބަންދުކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އޭކޭޑީ ލަންކާގެ ރައްޔިތުންގެ ކުރިމަތީ މަގްބޫލުވި އެއް ސަބަބެވެ.

ޑިސަނަޔަކަ އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމާއި ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. އޭނަ އެގްރިކަލްޗަ، ލޭންޑް އެންޑް ލައިވްސްޓޮކް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވީ 2000-2004 އަށެވެ.

ޑިސަނަޔަކަ ނިސްބަތްވެވަޑައިގަންނަވަނީ އަނޫރަދަޕޫރާ ޑިސްޓްރިކްޓުގެ ތަމްބުތެގަމަ އަވަށުގެ އާދައިގެ އާއިލާއަކަށެވެ. ޑިސަނަޔަކަ ވެވަޑައިގަތީ ތަމްބުތެގަމާ ސެންޓްރަލް ކޮލެޖުން އުނގުނެވަޑައިގަތުމަށްފަހު، ޔުނިވާސިޓީއަކުން ފުރުސަތު ހޯއްދެވި ފުރަތަމަ ދަރިވަރަށެވެ. އަދި ކޮލޮމްބޯގެ ޔުނިވާސިޓީ އޮފް ކެލާނިޔާއިން ސައިންސް ޑިގްރީއެއް ހާސިލުކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް