ads
ސްރީ ލަންކާގެ އިންތިހާބީ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ވޯޓު ދެއްވުމަށް ފަހު "ބަރާބަރު" ކަމަށް އަތުގެ އިޝާރާތުން ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
ސްރީ ލަންކާގެ އިންތިހާބީ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އަކީ ކާކު؟
ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތީހާބު ކާމިޔާބު ކުރެއްވީ އަނޫރާ ކުމާރު ޑިސަނަޔަކެ އެވެ.
Advertisement

އަނޫރާ ކުމާރު ޑިސަނަޔަކެ އަކީ ސްރީ ލަންކާގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އެވެ. ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޑިސަނަޔަކައަކީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިހާދުގެ ކެނޑިޑޭޓެވެ.

އަނޫރާ ކުމާރު ޑިސަނަޔަކެ އަކީ ލަންކާގައި މިހާތަށް މަގުބޫލް ސިޔާސީ ލީޑަރެއް ނޫނެވެ. މި މަހުގެ 21 ވަނަ ދުވަހު ލަންކާގައި ވޯޓުލީ އިރު، އޭނާ އަކީ އެ ގައުމުގެ ރައީސް ކަމަށް އެންމެ ކުރީ ސަފުން ވާދަކުރައްވާ ބޭފުޅާ ކަމަށް ކުރިން ވެސް އޮތީ ބައެއް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފަ އެވެ.

ސަބަބަކީ ރާޖަޕަކްސަގެ ދެބެން އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދުނު ބާރުގެ ހުސްކަމުގެ ސަބަބުން ނާއި އަދި އެވެރިންގެ "ސިޔާސީ އަނިޔާވެރިކަން" އިންތިހާއަށް ދިއުމުން ކުރިމަތިވި އިގްތިސޯދީ ގެއްލުމުގެ އަޑުތައް ރައްޔިތުން ނަށް ގެނެސް ދިނުމުގައި އޭކޭޑީގެ ގޮތުގައި މަޝްހޫރު އަނޫރާ ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން އަވަސް އިންތިހާބަކަށް ގޮވާލުމާއި ރައްޔިތުންގެ ފަގީރުކަން ނިމުމަކަށް ގެނައުމަށް ވިޔަފާރީގެ އާ ސިޔާސަތުތަކެއް އެކަށައެޅުމަށާއި ވައްކަމާއި ފަސާދައިން އަދި ސިޔާސީ ވެރިންގެ "މުށުން" ލަންކާ ސަލާމަތް ކުރަން ވެއްޖެކަމުގެ ޝަކުވާ އޭނާ ގެންދެވީ ސިޔާސީ ރެލީތަކުގައި ކުރަމުން ނެވެ.

އެހެންކަމުން، ލަންކާގެ މުސްތަގުބަލަށް ޓަަކައި މިފަހަރު ރައްޔިތުންގެ ޗޮއިސް އަކީ އޭކޭޑީ ކަމަށް ބަލާ، ރިޔާސީ ރޭހުގައި ދެން ތިއްބެވި "ސިޔާސަ ވެރިން" ފެއިލް ވާނެ ކަމުގެ އަޑުތައް ކޮލަންބޯގެ މަގުތަކުން ދިޔައީ އިވެމުންނެވެ.

އަނޫރާ ކުމާރު ޑިސަނަޔަކެ އާއިލާ

ޑިސަނަޔަކަ ނިސްބަތްވެވަޑައިގަންނަވަނީ އަނޫރަދަޕޫރާ ޑިސްޓްރިކްޓުގެ އާދައިގެ އާއިލާއަކަށެވެ. ބައްޕަ އަކީ އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ އެއްގައި އުޅުނު މީހެކެވެ. މަންމަ އަކީ ގެވެށި މީހެކެވެ. އަނޫރާ ކައިވެނި ބައްލަވައިގެންފާވާއިރު ދަރިޔަކު ވެސް ހުރެ އެވެ.

ވެރި ރަށް ކޮލަމްބޯއާ 110 މޭލު ދުރުގައި އޮންނަ ލަންކާގެ ތަމްބުތެގަމަ އަވަށުގެ ރަށްފުށުގެ މެދުފަންތީގެ އާއިލާއަކަށް އުފަން އަނޫރާ ތަމްބުތެގަމާ ސެންޓްރަލް ކޮލެޖުން އުނގުނެވަޑައިގަތުމަށްފަހު، ގްރެޖުއޭޓްވެފައި ވަނީ ޔުނިވާސިޓީ އޮފް ކެލަނިއާއިން ސައިންސްގެ ދާއިރާއިންނެވެ.

your imageލަންކާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ: އޭނާ ވަނީ މިހާތަނަށް ސާފުކުރި ނަތީޖާއިން ތަފާތު ބޮޑުކޮށް ކުރީގައި. - ފޮޓޯ: އޭއެފްޕީ

ސިޔާސީ މަސައްކަތްތަކުގެ ފެއްޓެވުން

ސްކޫލް ދައުރުގައި ޖަނަތާ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ)އާ ގުޅިވަޑައިގަތް، އަނޫރާ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގަތީ 2000 ވަނަ އަހަރު އެވެ. ދެ ފަހަރެއްގެ މަތިން ވެރިކަމުގެ މައްޗަށް އަނިޔާވެރިކަން އިސްކުރި މި ޕާޓީއަކީ ލަންކާގެ ރައްޔިތުން ކުރިން ވަރަށް ނަފްރަތުކުރި އަނިޔާވެރި ވެރިން ފެނުނު ޕާޓީ އެކެވެ. އަނޫރާ ޖޭވީޕީގެ ލީޑަރުގެ މަގާމަށް ހަމަޖެއްސީ 2014 ވަނަ އަހަރު އެވެ. އެ އަށް ފަހު އޭނާ ވަނީ އެ ޕާޓީގެ "ނުލަފާ" މާޒީއާ ތަފާތު ތަސައްވުރެއް ގެނައުމަށް މަސައްކަތް ކުރައްވައިފަ އެވެ. 

އެގޮތުން ނިޒާމު ބަދަލުކުރުމުގެ ބަހުސް ފަށާއި ގިނަ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަންކަން ނިންމަން ޖެހޭ ކަމަށް ވަކާލާތުކޮށް ގިނަ ޑިމޮކްރެޓިކް ހަރަކާތްތަކުގައި ޖޭވީޕީގެ ބައިވެރިވުން އިތުރުކޮށްފަ އެވެ. އަދި ހަމަ އެހެންމެ ޖޭވީޕީން އުފަންކުރުވި "އަނިޔާއެއް" ގައި ދާއިމީ އަދި ވަގުތީ ގެއްލުމެއް ލިބުނު ކޮންމެ މީހެއްގެ ކިބައިން މައާފަށް އެދި ނަމޫނާ ދައްކާ ރައްޔިތުންގެ ފަޅިއަށް ޖެހިފަ އެވެ. 

އަދި ޖޭވީޕީގެ ފޮރިން ޕޮލިސީއަކީ ވަކި ގައުމަކަށް ވިކޭނެ ނިންމުންތަކެއް ނޫން ކަން ބުނެ ދިނުމަށްޓަކާއި އަވައްޓެރި ޑިމޮކްރެޓިކް ބާރުތަކާއި މަޝްވަރާ ކުރައްވަން ފެއްޓެވި އެވެ. މި މަޝްވަރާތަކުގައި އަވައްޓެރިންނަށް ވިޔަސް ލަންކާގެ މައްޗަށް "ނުފޫޒެއް" ފޯރުވުމާ ދެކޮޅު ކަން ތަކުރާކުރައްވަ އެވެ. މި މަސައްކަތުގައި ފުރުއްވި ސިޔާސީ މަގާމުތައް:

  • 1995 އާއި 1998އާ ދޭތެރޭގައިވަނީ ޖޭވީޕީގެ ސެންޓްރަލް ވޯކިން ކޮމިޓީ މަސައްކަތް ކުރެއްވި 
  • ޖޭވީޕީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރުކަން ކުރެއްވި
  • 2014 ވަނަ އަހަރު ޖޭވީޕީން އޭރުގެ ރައީސް، ޗަންދުރިކާ ކުމާރަތުންގަގެ ވެރިކަން ކުރާ އެލަޔަންސާ ބައިވެރިވެ، އޭރު އެގްރިކަލްޗާ މިނިސްޓަރުކަން ކުރެއްވި

ފުރަތަމަ ފަހަރަށް ރިޔާސީ ރޭހަށް 

2014 ވަނަ އަހަރު އަނޫރާ ޑިސަނަޔަކަ ޕާޓީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ޕާޓީ އިސްވެ އޮވެ އެންޕީޕީ އުފެއްދެވި އެވެ. އަދި 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވި އެވެ. އެ އިންތިހާބުގައި 418553 ވޯޓާއެކު އޭނާއަށް ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓް ވޯޓެވެ.

މި ނާކާމިޔާބީއަށް ފަހު ވެސް އުމުރުން 55 އަހަރުގެ ޑިސަނަަކަ ގައުމުގެ ކޮރަޕްޝަނާ ދެކޮޅަށް ދައްކަވާ ވާހަކަތަކާ އެކު ރައްޔިތުންގެ ތާއީދު ފަޑުނުވެ އެއްވަރެއްގައި ހިފެހެއްޓެވި އެވެ. 2019 ވަނަ އަހަރުގެ ނާކާމިޔާބީ އަށް 3 އަހަރުނުވެ ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމުން ރާޖަބަކްސަރު އާއިލީ ވެރިކަމާއި ދެކޮޅަށް ރައްޔިތުން ކެކި ގަތުން ވީ އަނޫރާއަށް ލިބުނު "ސިޔާސީ" ފުރުސަތެކެވެ. 

އެގޮތުން ރާޖަޕަކްސަގެ ވެރިކަމާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އޭނާ އާއި ޖޭވީޕީން ވެސް އަމަލީގޮތުން ހަރަކާތްތެރިވެފައިވެ އެވެ. އަދި އެ ގައުމުގައި އަށަގެންފައިވާ ކޮރަޕްޓް ސިޔާސީ ސަގާފަތް ބަދަލުކުރައްވާނެ ކަމުގެ ވައުދާ އެކު އަނޫރާ ޑިސަނަޔަކަގެ "އަޑު" ގަދަ ވާން ފެށި އެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ސިޔާސީ މައިދާނުން ޑިސަނަޔަކެއަށް ކުއްލި މަޝްހޫރުކަމެއް ލިބިވަޑައިގެންފައި މިވަނީ އާންމުންގެ ޝުއޫރުތަކާ އޭނާ ކުޅުއްވާލެއް މޮޅުކަމުންނެވެ. އިހު ސިޔާސީ ވެރިންގެ ކޮރަޕްޝަނާ ދެކޮޅަށް ދައްކަވާ ފަށުވި ހަރުކަށި ބަސްމަގުން ނެވެ. ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ އޭނާގެ ސާދާ ދިރު އުޅުއްވުމުގެ ސަބަބުންނެވެ. ސިޔާސީ "ބޮޑު" އޭނާގެ ހަށިގަޑުން ނުދައްކާ ތީ އެވެ.

އަނޫރާ ޑިސަނަޔަކެ ރިޔާސީ ވައުދުތައް:

ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވެ އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އޭނާގެ ވައުދު ތަކުގެ ތެރޭގައި:

  • ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ފެށުން
  • ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރުން
  • ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުން
  • އައިއެމްއެފްއާ އެކު ހަދާފައިވާ އެއްބަސްވުމުން ލަންކާގެ އާދައިގެ ގިނަ ބަޔަކަށް ލިބޭ ވޭން ކުޑަ ކުރުން 
  • ޓެކްސް އެޑްމިނިސްޓްރޭޝަން އިސްލާހުކުރުން
  • ވިޔަފާރީގެ އޮނިގަނޑު ލުއިކޮށް، ވިޔަފާރީގެ މާހައުލު ހަރުދަނާ ކުރުން
  • ޕްރައިވެޓް ސެކްޓާ އަކީ ކުރިއެރުމުގެ އިންޖީނެއްގެ ގޮތުގައި ބެހެއްޓުމަށް ބާރު އެޅުން
  • އިޖުތިމާއީ ދުޅަހެޔޮކަމުގެ ނުރައްކާ ކުޑަކުރުން
  • ސަރުކާރުން ނަގައިފައިވާ ލޯނުތަކުގެ އޮޑިޓެއް ހަދައި، މުހިންމު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމެންޓް ހޯދުން
  • ކޮރަޕްޝަނާއި ޖިނާއި މައްސަލަތައް އަލުން ބަލައި، ކުށްވެރިވާ ބަޔަކަށް އަދަބު ދިނުން 

ސްރީ ލަންކާގައި ސިޔާސީ ގޮތުން ކުއްލި މަގުބޫލުކަމެއް ލިބިވަޑައިގަތް އަނޫރާ ޑިސެނަޔަކަ އެ ގައުމުގެ ސިޔާސީ ބޮޑުންނާ ވާދަކުރައްވައި ރިޔާސީ އިންތިހާބުގައި ކުރި މިހާރު އެވަނީ ހޯއްދަވައިފަ އެވެ. 

"ރައީސް ރަނިލް ވިކްރަމަސިންހައަށް އަޅުގަނޑު ވަރަށް ބޮޑަށް ކެމްޕެއިން ކުރިން. ނަމަވެސް ސްރީލަންކާގެ ރައްޔިތުން އެމީހުންގެ ނިންމުން ނިންމައި، އަނޫރާ ކުމާރާ ޑިސަނަޔަކައަށް އެ މީހުން ދިން މެންޑޭޓަށް އަޅުގަނޑު ފުރިހަމައަށް އިހުތިރާމް ކުރަން." ފޮރިން މިނިސްޓަރު އަލީ ސަބްރީ އެކްސްގައި ވިދާޅުވި އެވެ. 

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ އިންތިހާބުގައި މިހާތަނަށް ގުނުނު އެ ތައް މިލިއަން ވޯޓުގެ ގާތްގަނޑަކަށް 53 ޕަސެންޓް ހޯއްދެވީ އަނޫރާ އެވެ. ދެވަނައިގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ އޮތީ 22 ޕަސެންޓް ގަ އެވެ. ތިންވަނާގައި އުޅުއްވަނީ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް