ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އ.ދގައި މިރޭ ފެށިގެން ކުރިއަށްދާ މި ސަމިޓަކީ ގައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
ރައީސް ވިދާޅުވީ، އ.ދ. ގެ އާންމު މަޖިލީހަށް އެއްވެ އެތައް ތަސައްވުރެއް، ފާއިތުވީ އަހަރުތަކުގައި ގައުމުތަކުން އެކުލަވާލާފައިވީ ނަމަވެސް އެ ކަންކަން ގިނަ ފަހަރަށް ހުރީ ހަގީގަތަކަށް ނުވެ ކަމަށެވެ.
ރައީސް ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް ކަމަށެވެ. އަދި ވިދާޅުވީ މަލްޓި ލެޓެރަލް ނިޒާމަކީ މަފުހޫމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ހަގީގަތަކަށް ހަދަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މުސްތަގުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށް ވުރެ ބައިނަލްއަގްވާމީ މުޖުތަމައުން އެކަމަކާ މެދު ނިންމި ހަރުދަނާ ނިންމުމަށް ކަމަށެވެ. އެހެންކަމުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށާއި ފަލަސްތީނަށް އދގެ ފުރިހަމަ މެންބަރުކަން ދިނުމަށްވެސް ގޮވާލެއްވި އެވެ.
ކުރިމަގުގެ ޖީލުން އެދެނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ގާޒާގައި ކުރިއަށްގެންދާ ގަތުލުއާންމު ހުއްޓުވުމުގެ ހިތްވަރު ހުރި ޖީލެއް ކަމަށް ރައީސް ޑރ. މުއިއްޒު މިރޭ ވިދާޅުވިއިރު، ފަލަސްތީނުގެ ބިންތަކުގެ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އެއް އަހަރު ތެރޭ ފައިބަން ގޮވާލާ ގަރާރެއް އދ.ގެ އާންމު މަޖިލީހުން މިފަހުން ވަނީ ފާސްކޮށްފަ އެވެ.
2023 އޮކްޓޫބަރު 23ގައި ގާޒާގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ މިހާރު ވަނީ 41752އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 17000އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 11000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެ އެވެ.
އިސްރާއީލުގެ މި ގަތުލުއާންމުތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. މި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ހިމާޔަތް ވެސް އިސްރާއީލުގެ އިސްވެރިންނަށް ފާޅުގައި ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.