ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ގެދޮރުވެރި ނުކުރުމަށް އދ އާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން އިޒުރޭލުގެ މައްޗަށް ކޮށްފައި އޮތް އަމުރު އެ ގޮތުގައި އޮއްވައި، އެ ހުރިހާ އަމުރެއް ބޮލާލައި ޖެހުމަށްފަހު އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ދަނީ ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުންނެވެ.
އިޒްރޭލަކީ އދ. ގެ އާންމު ގަރާރަކުން ވުޖޫދުކުރި ގައުމަކަށްވީ ނަމަވެސް އެ ޖަމިއްޔާގެ ބޮޑު އަގުލަބިއްޔަތުން ފާސްކުރާ ގަރާރުތަކަށް ވެސް އެ ގައުމުން އަމަލެއް ނުކުރެ އެވެ.
ދުނިޔޭގެ 124 ގައުމުގެ ތާއީދާ އެކު ފާސްވި، މި ގަރާރުގައި ވަނީ އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ހިލާފަށް ތިބުން ލަސްނުކޮށް ނިމުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ނިންމައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފާގެ މައްޗަށް ފާސްކުރި ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައި ވާއިރު 43 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
2023 އޮކްޓޫބަރު 23ގައި ގާޒާގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ މިހާރު ވަނީ 41452އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 17000އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ.
އިސްރާއީލުގެ މި ގަތުލުއާންމުތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. މި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ހިމާޔަތް ވެސް އިސްރާއީލުގެ އިސްވެރިންނަށް ފާޅުގައި ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުންގެ މައްޗަށް ޔަހޫދީން ހިންގަމުންދާ އިސްތިއުމާރީ ވެރިކަމަކީ ގައިރު ގާނޫނީ އަމަލެއްގެ ގޮތުގައި ޖުލައި މަހު އދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ ކަނޑައަޅާފަ އެވެ. އަދި، ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ޔަހޫދީންގެ މައްޗަށް އަމުރު ކޮށްފަ އެވެ. ކުރިއަށް އޮތް އދގެ އާންމު މަޖިލީހުގައި އެ ކަމާ މެދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެއްވެސް ނިންމުމަކަށް އިޒްރޭލުން ތަބާނުވާނެ ކަމަށް ނަތަންޔާހޫ މީގެކުރިން ވަނީ ބުނެފަ އެވެ. އަދީ އޭނާ މިއަދު ބުނީ ފަލަސްތީނުގެ ބިންތަކުގެ އިޒްރޭލު ބާރުތަކުން ފައިބަން އދ. އިން ގޮވާލި ގަރާރަށް ވެސް އިޒްރޭލު ސަރުކާރުން ތަބާނުވާނެ ކަން ހުދު އދ. ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންނަށް ވެސް އިނގޭނެ ކަމަށެވެ.
އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެހެނިހެން މަދަނީ އިމާރާތްތައް ވެސް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. ހަނގުރާމައިގެ ސަބަބުން ފެނާއި ކާނާ އަދި ބޭސް ފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުމުންވެސް ގާޒާގެ ރައްޔިތުން ވަނީ މަހުރޫމުވެފަ އެވެ. އަދި ގާޒާއަށް ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއެކު، އދ.ގެ އެހީފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ގާތްގަޑަކަށް ހުއްޓިފަ އެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހުޅަނގު މުޅި ފަލަސްތީނުގެ އެކި އަވަށްތަކުގައި ޔަހޫދީންނަށް ހިޔާވަހިކަށް ފޯރުކޮށްދިނުމަށް އިމާރާތްކުރާ ޒައިނިސްޓް ގުރޫޕްތަކުން މަސައްކަތްކުރާއިރު، އެ މީހުންނަށް ރައްކާތެރިކަން ދިނުމުގައި ވެސް އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އަންނަނީ ހަރަކާތްތެރިވަމުން ނެވެ.