އައްޑޫ ސިޓީ ހިތަދޫ ގޮނޑަށްް ގިނަ އަދަދެއްގެ ފުށްް ބަސްތާތައް އުކާލާފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
އެ ވީޑިއޯގައި ބުނަނީ އެސްޓީއޯ ގޮނޑަށް އުކާލި ފުށް ބަސްތާތަކަކީ މުއްދަތު ހަމަނުވާ ނަމަވެސް ފަނި އަޅާފައިވާ ފުށް ބަސްތާތަކެއްކަމަށެވެ. އަދި މީ ތުރުކީގެ ލޭބަލް ޖަހާފައިވާ ފުށް ބަސްތާތަކެއްކަމަށާއި މީ ގާތްގަނޑަކަށް 6- 8 މަސް ދުވަހު އައްޑޫގެ ރައްޔިތުންނަށް ބޭނުންކުރެވޭހާ ފުށް ކަމަށްވެސް އެ ވީޑިއޯ އާއްމުކުރި މީހާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އެސްޓިއޯއިން ބުނީ ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އެކި ފަހަރު މަތިން މުޅި ދެކުނު ބޭނުމަށް ފޮނުވާފައިވާ ފުށް ބަސްތާތަކެއް ކަމަށެވެ. އަދި އެތަކެތި އުކާލީ ބޭނުން ކުރެވޭވަރަށް ވުރެ ބޮޑަށްް ހަލާކުވެފައި ހުރުމުން އެތަކެތި ނައްތާލަން އޮންނަ އުސޫލްތަކާއި އެއްގޮތަށްކަމަށެވެ. އުކުލާފައިވަނީ ހަމައެކަނި ތުރުކީން ގެނައި ފުށް ނޫންކަމަށްވެސް އެސްޓިއޯއިން ބުނެއެވެ.