ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާ ކާމިޔާބު ކުރެއްވި ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނަޔަކަ އަށް ރައީސް ޑރ. މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އަނޫރާ ވަނީ ރައީސް މުއިއްޒު ފޮނުއްވި މަރުހަބާއަށް ޖަވާބުދެއްވާ ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި އެއް ގައުމަކީ ލަންކާ އެވެ. ފުރިހަމަ މިނިވަންކަން ލިބުމުގެ ކުރިންވެސް ލަންކާއަކީ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެކެވެ.
އަނޫރާ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށްވުރެ މިލިއަނަކަށްވުރެ ގިނަ ވޯޓުން ކުރީގަ އެވެ. ލަންކާގައި ވޯޓު ލާއިރު އެ މީހަކު ވޯޓު ދޭނެ ތިން ކެންޑިޑޭޓެއްގެ ނަމުގައި ފާހަގަޖަހަން ޖެހޭއިރު، އިސްކަންދޭ ފުރަތަމަ ކެންޑިޑޭޓުގެ ވޯޓުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ކުރިއެއް ނުލިބުނެވެ. އެކަމަކު ދެ ވަނަ އެންމެ ގިނަ މީހުން ފާހަގަ ޖެހި ކެންޑިޑޭޓުގެ ވޯޓު ހިމެނުމުން އަނޫރާ 55 ޕަސެންޓުން މައްޗަށް ގޮސް ލިބިވަޑައިގަތީ ތާރީހީ ކާމިޔާބީއެކެވެ.
އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 76 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.
އިތުރަށް ކިޔާލަން: އަޅުގަނޑުމެންގެ ސިޔާސީ މައިދާން ސާފުވާން ޖެހޭ: ލަންކާ ރައީސް