ads
ލަންކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އަނޫރާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އޭއެފްޕީ
ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
ސްރީ ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރަ ޑިސާނަޔަކަ ރައީސް ކަމުގެ ހުވައި ކުރެއްވިތާ 48 ގަޑިއިރު ނުވެ، ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ކަމަށް ބުނެ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި އެވެ.
Advertisement

ލަންކާގެ ރައީސަށް ލިބޭ ބާރުގެ ދަށުން ރައީސް އަނޫރާ އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ލަންކާގައި އާންމު އިންތިހާބު ބޭއްވުމަށް މިހާރު ވަނީ ނިންމަވާފަ އެވެ.

އިއްޔެ ހުވާ ކުރެއްވި، އުމުރުން 55 އަހަރުގެ އަނޫރާއަކީ، ލަންކާގެ ރައީސްކަމަށް ވަޑައިގެންނެވި ވާތުފިޔައިގެ ފުރަތަމަ ސިޔާސީ ލީޑަރެވެ. ސިޔާސީ ކަންކަމަށް އާންމުންގެ އިތުބާރު އަލުން ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން އަނޫރާ ވިދާޅުވި އިގްތިސާދީ ގޮންޖެހުންތަކަށް އެއްފަހަރުން ހައްލެއް ނުހޯދޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަނޫރާ ވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނު ހަދާ މަޖިލިސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ގައުމުގެ ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ކުރަންޖެހޭ ކަމެކެވެ.  

225 މެންބަރުން ތިބޭ ގާނޫނު ހަދާ މަޖިލީހުގައި އޭނާގެ ޖޭވީޕީ ތަމްސީލު ކުރައްވަނީ މިހާރު އެންމެ ދެ މެންބަރުންނެވެ.  

ލަންކާގެ މިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓަށެވެ.

އަނޫރާ މިއަދު ވަނީ އާ ބޮޑުވަޒީރަކަށް ތައުލީމީ ދާއިރާގެ ބޭފުޅެއް ކަމަށްވާ އަދި މުޅިން އަލަށް މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ ހަރީނީ އަމަރަސޫރިޔާ އައްޔަން ކުރައްވައިފަ އެވެ. އޭނާ ވެފައި ވަނީ އެ މަގާމަށް އައްޔަން ކުރެއްވި ތިން ވަނަ އަންހެން ބޭފުޅާއަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް