ads
ޑްރޯން މެދުވެރިކޮށް ބޭސް އުފުލުން
ޑްރޯން މެދުވެރިކޮށް ގުޅާލާނީ އަތޮޅު ހޮސްޕިޓަލްތަކާއި އެއަތޮޅެއްގެ ރަށްތައް
ޑްރޯން މެދުވެރިކޮށް ބޭސް އުފުލުމުގެ ހިދުމަތުން ކޮންމެ އަތޮޅެއްގެ ވެސް މައި ހޮސްޕިޓަލާ އެ އަތޮޅުގެ ރަށްތަކާއު ގުޅުވާލެވޭނެކަމަށް ހެލްތް މިނިސްޓަރު ވަޒީރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ކޮންމެވެސް އެއް އަތޮޅެއްގައި މި ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ފަށާނެ އަތޮޅެއް މިނިސްޓަރު ވިދަޅެއް ނުވެއެވެ. 

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ޑްރޯން ހިދުމަތާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު އޮޅުންފިލުވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ނިޒާމް ގާއިމްކުރުމުން އެ އަތޮޅެއްގެ މައި ހޮސްޕިޓަލް ހުންނަ ރަށަކުން އެހެން ރަށްތަކަށް ބޭސް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މާލެއިން ފަސޭހައިން ބޭސް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ހިދުމަތް ފެށުމުގެ ކުރިން، މީގެ ކުރިން ވަނީ އެކަމުގެ ޓެސްޓް ދަތުރުތަކެއް ބާއްވާފައެވެ. އަދި ލެބޯޓްރީތަކަށް ސާމްޕަލް އުފުލުމުގެ ޓެސްޓް ބުރެއްވެސް ބާއްވާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މި ހިދުމަތް ފެށުމުން، ރަށްރަށުން ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. 

ސަރުކާރުން ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރުވެސް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވާ ކަމަށާއި، ހޮސްޕިޓަލްތަކުން ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ޑްރޯން މެދުވެރިކޮށް ބޭސް އުފުލުމުގެ ހިދުމަތަކީ މި މަސައްކަތުގެ ތެރެއިން އިތުރަށް ތައާރަފްކުރެވޭ އައު ހިދުމަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް