ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު" އަދި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދު (ނަންބަރު: R-82/2023) ގެޒެޓްކުރެވި އެގަވާއިދަށް މިހާރު ދަނީ އަމަލު ކުރަން ފަށާފައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެގަވާއިދުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ މަންފާ އެދެވޭގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމާއިއެކު، މަސްވެރިކަމުގެ މަޝްރޫއު ގާއިމްކުރުމަށް ހުއްދަ ހޯދުމާއި އެ މަޝްރޫއުތަކުގެ ދަށުން ގާއިމްކުރާ ފެސިލިޓީތައް ހިންގުމަށް ލައިސަންސް ހޯދުމުގައި އަމަލުކުރަންޖެހޭ މަރުހަލާތައް ކަނޑައަޅައި، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަންކަން ތަންފީޒުކުރުން ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ހުއްދަ ލިބިގެން އައިސްޕްލާންޓް ގާއިމް ކުރުމަށް ހުއްދަ ނަގާ ފަރާތްތަކުން އައިސްޕްލާންޓުގެ ހިދުމަތް ދޭންފެށުމުގެ ކުރިން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދުގެ ދަށުން "އައިސްޕްލާންޓް ހިންގުމުގެ ލައިސަންސް" ނެގުމަށް ލާޒިމްކުރާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި މިހާރު އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުންވެސް މި ގަވާއިދުގެ ދަށުން ލައިސަންސް ނަގަންޖެހޭގޮތަށް ކަނޑައަޅާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އައިސްޕްލާންޓްތައް ހިންގަމުންގެންދާ އެންމެހައި ފަރާތްތަކުން މިމަހުގެ 15 ގެ ކުރިން އައިސްޕްލާންޓް ހިންގުމުގެ ލައިސަންސަށް އެދި މިނިސްޓްރީއަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުން އެ ގަވާއިދުގެދަށުން އައިސްޕްލާންޓް ހިންގުމުގެ ލައިސަންސަށް އެދި މިނިސްޓްރީއަށް 15 އޮކްޓޫބަރުގެ ކުރިން ލިޔުމުން ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
އެކަމާ ގުޅޭގޮތުން އިތުރު މަްުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ ނަންބަރު 3339214 ނުވަތަ 3339215 އަދި އީމެއިލް ގެ ޒަރިއްޔާއިން ނަަމަ [email protected] [email protected] [email protected] ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.