ފްރާންސްގެ ޕީއެސްޖީން، ސައުދީ ލީގުގެ އަލް ހިލާލްއަށް ބަދަލުވި ނޭމާއަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭރު އޭނާގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ޕްރެކްޓިހަށް ނުނުކުމެ ހުރުމަށް ފަހު މިހާރު އޭނާވަނީ ކްލަބާއެކު ޕްރެކްޓިސް ފަށައިފައެވެ. އަލް ހިލާލްއަށް ބަދަލުވެ އޭނާ ކުޅުނީ އެންމެ ފަސް މެޗެވެ.
އޭނާއަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޓަނޭޝަނަލް ޑިއުޓީގައި ބްރެޒިލްއާއެކު ހުއްޓައެވެ. އަނިޔާއިން ރަނގަޅުވެ މިހާރު ޕްރެކްޓިސް ކުރަމުން ދިޔަ ނަމަވެސް ވާދަވެރި މެޗުތަކަށް އޭނާ އެނބުރި އައުން ބިނާވެފައި އޮންނާނީ "އޭނާގެ ޓެކްނިކަލް ތައްޔާރީ އާއި ކޯޗުގެ ނިންމުމުގެ މައްޗަށް" ކަމަށް ނަން ނުޖެހުމަށް އެދުނު ކްލަބުގެ އޮފިޝަލަކު އެޖެންސް ފްރާންސް ޕްރެސް އަށް ބުންޏެވެ.
މިދިޔަ މަހު ފެށި ސައުދީ ޕްރޯ ލީގުގެ މިހާރުގެ ސީޒަނަށް އެންމެ ފަހުގެ ސައުދީ ޗެމްޕިއަން އަލް ހިލާލް އަދި ނޭމާ ރަޖިސްޓްރީކޮށްފައެއް ނުވެއެވެ.
އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ (112 މިލިއަން ޑޮލަރު) ގެ މުސާރައެއް ލިބޭ ކަމަށް ރިޕޯޓްތައް ބުނާ ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ލިސްޓްކޮށްފައި ވަނީ އޭޝިއާގެ އެންމެ ބޮޑު ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގުގަ އެވެ.