ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
އިންޑިއާ އާއެކު އޮންނަ ގުޅުމަކީ ނުރައްކަލެއް ކަމަށް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް
އިންޑިއާ އާއެކު އޮންނަ ގުޅުމަކީ ދިވެހިރާއްޖެއަށް ނުރައްކަލެއް ކަމަށް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އަވައްޓެރި ގައުމުތަކާއެކު އޮންނަ ގާތް ގުޅުންތަކަކީ ގައުމުތަކުން ހިއްސާކުރާ މަސްލަހަތުތައް ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އިންޑިއާއާ އެކު އެއްބާރުލުން ދީގެން މަސައްކަތް ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީޕީއެމް ޕީއެންސީން ދެއްކި ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކުރި ކަމެއްކަން ހާމަވެ އެވެ. 

ފައްޔާޒް ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ އިންޑިއާ އާއެކު އޮންނަ ގުޅުމަކީ ނުރައްކަލެއް ކަމަށް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަން މިއަދު އެނގި ހާމަވެއްޖެ ކަމަށެވެ. ރައީސް މުއިއްޒަށް ދުރުރާސްތާ ފެނިވަޑައިނުގަތުމުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ނަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި، އެ ކަމުގެ ހިތި ރައްޔިތުން ތަޖުރިބާ ކުރަން ޖެހުނު ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. 

"ހައިޑްރޯގްރަފީ އެއްބަސްވުމާއި ޔޫޓީއެފް، އައްޑޫގެ އުމްރާނީ މަޝްރޫއުތައް، އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަޝްރޫއު، [މިހާރުގެ ސަރުކާރުގެ ލީޑަރުން ކުރީގައި މިއީ ކޮލޮނައިޒް ކުރުމުގެ ޕްލޭނެއް ކަމަށް ސިފަކޮށްފައިވާ މަޝްރޫއުތައް] ކުރިއަށް ގެންދިއުމުން ދައްކުވައިދެނީ އިންޑިއާ އާއެކު އޮންނަ ގުޅުމަކީ ދިވެހިރާއްޖެއަށް ނުރައްކަލެއް ކަމަށް ދެއްކުމަކީ ކިހާ ޒިންމާދާރުކަން ކުޑަ ކަމެއްކަން،" މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ފުރަމާނަ ދަތުރުފުޅެއްގައި ހުންނެވީ އަވަށްޓެރި އިންޑިއާގަ އެވެ. 

އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއް ސޮއިކޮށްފަ އެވެ.

މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވި އެވެ.

މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ބޭއްވި ގާތް ގުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް، ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބެ "އިންޑިއާ އައުޓް"ގެ ނަމުގައި ވަނީ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަސްވުންތަކެއް އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ ކަމަށް ތުހުމަތުކޮށް ފެށި ހަރަކާތެކެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވެސް ރާއްޖެ-އިންޑިއާ ގުޅުން ގޯސްވެގެން ދިޔައެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ، ދެ ގައުމުގެ ގުޅުމަށް އަސަރު ކުރާ ގޮތަށް އަދި އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކެއް ހޫނުވެގެންނެވެ. އެ މައްސަލަ ބޮޑުވެ، އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑް ވެސް ކުރި އެވެ.

އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާ އިން ވެސް ސޯޝަލް މީޑިއާގައި ވަނީ އެ ގައުމުގެ ޓޫރިސްޓުން ރާއްޖޭގެ ބަދަލުގައި ލަކްޝަދީބް ހިޔާރުކުރުމަށް ގޮވާލާ ކެމްޕެއިން ކޮށްފަ އެވެ. އޭރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ވެސް އޮތީ އެ ގައުމެވެ.

އެކަމަކު ފަހުން ސަރުކާރުން ކުރި މަސައްކަތުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް