ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު މުމްބާއީ އަށް ވަޑައިގެން މައިގަނޑު ކަމަކަށް އޮތީ ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރި ޕްރޮމޯޓް ކުރެއްވުމެވެ. އޭގެ ތެރެއިން ހަވީރު ފަހެއް ޖެހުމަށް ފަހު ހާއްސަ ކުރެއްވީ އިންޑިއާގެ ބޮލީވުޑްގެ ތަރިންނަށެވެ.
ރައީސް މުއިއްޒު މުމްބާއީގައި ހުންނަވާ ތާޖު މަހަލް ޕެލަސްގައި ބޭއްވި އިވެންޓަށް މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން އައިސް އެ މަނިކުފާނުގެ ދެކަނބަލުންނާ ބައްދަލުކުރައްވައި ރާއްޖެ އަށް އޮތް ލޯބި ހާމަކޮށްދިނެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރި ތަރިންގެ ތެރޭގައި ކަރިޝްމާ ކަޕޫރާއި، ޝިލްޕާ ޝެޓީ އާއި، ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް އާއި، އަރްބާޒް ހާން އާއި އޭނާގެ އަންހެނުން އަދި މޭކަޕް އާޓިސްޓް ޝުރާ ހާންގެ އިތުރުން ސަނީ ކައުޝަލް ހިމެނެ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމެނޭ ގޮތަށް ބޮލީވުޑްގެ ފިލްމުތައް ނެގުމަށް ހާއްސަ ދައުވަތެއް ދެއްވާ ކަމަށެވެ.
މުސްތަޤްބަލުގައި ފެނިގެން ދަނީ ދެގައުމުގެ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ވަރުގަދަވާ މަންޒަރު ކަމަށާއި އިންޑިއާގެ ފަތުރުވެރިން ދަނީ އާ ތަފާތު ތަޖުރިބާތައް ހޯދަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ފަތުރުވެރިންގެ ޑިމާންޑްތައް ފުއްދުމަށް އިކޯ ޓޫރިޒަމް، ވެލްނެސް ޓޫރިޒަމް، ކޮންވެންޝަންތަކާއި ބައްދަލުވުންތައް ރާއްޖޭގައި ބޭއްވުމުގެ ޓޫރިޒަމްގެ އިތުރުން ފީލްޑް ޓޫރިޒަމްގެ މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފަތުރުވެރިންނަށް މުޅިން ވެސް ތަފާތު މުއްސަނދި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ރާއްޖޭން އޮތީ ތައްޔާރަށް ކަމަށެވެ.
އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް ގެންދަވަނީ، ދެގައުމުގެ ގުޅުން ގިނަ ދާއިރާތަކަކުން އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން، ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންވާ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 92،270 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.