މި މާސްޓާ ޕްލޭންކީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކުލަވާ ޕްލޭނެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓާ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުއިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުކަމަށެވެ.
އަދި މި ޕްލޭން އެކުލަވާލައި، 2024 އޮކްޓޫބަރު 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ނިންމާފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.