ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދު ގެ ދަށުން، ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް ވައްދަން ޖެހޭނީ އެ މިނިސްޓްރީން ދޫކުރާ "މެޓީރިއަލް ކޮލިޓީ ޕާމީޓް" ހޯދުމަށްފަހުކަމަށެވެ.
އެ ގޮތުން އެ ގަވައިދަށް ގެނައި ބަދަލާއި އެކު ގަވައިދުގައި ބަޔާންކޮށްފައިވާ ބާވަތްތައް މި ހުއްދަ ނުހޯދާ ރާއްޖެ އެތެރެ ކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމަކީ މަނާކަމެއްކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.
އެތެރެ ކުރުމަށާއި އަދި އުފެއްދުމަށް ނުވަތަ ތައްޔާރު ކުރުމަށް ހުއްދަ ނަގަން ޖެހޭ ބާވަތްްތައް
1- ސިމެންތި (ޢިމާރާތް ކުރުމަށް ބޭނުންކުރާ)
2- ހިލަ (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ)
3- ވެލި (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި)
3.1- ސިލިކާ ސޭންޑް އަދި ކުއާޓްސް ސޭންޑް
3.2- ރިވާ ސޭންޑް
3.3- ނެޗުރަލް ސޭންޑް (ރިވާ ސޭންޑް، އެކްސެލް)
3.4- ސްޓޯން ޑަސްޓް / ކުރަރީ ޑަސްޓް
3.5- މެނިއުފެކްޗާޑް ސޭންޑް އަދި އިމާރާތް ކުރުމުގައި ބޭނުންކުރާ އެހެނިހެން ކުރަސްޑް ސްޓޯންސް
4- ދަގަނޑު (ޢިމާރާތް ކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު)
4.1- ރީބާ (ކޮންކްރީޓް އަށް ބޭނުންކުރާ އެނބުރި ދަނގަނޑު)
4.2- އައި ސެކްޝަން (I Beam)
4.3- އެޗް ސެކްޝަން (H Beam)
5- ރެޑީމިކްސް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)
6- ރެޑީމޭޑް ބްލޮކްސް (ޢިމާރާތް ކުރުމަށް ބޭނުންކުރާ ގައު)
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ އުފެއްދުމުގެ ކުރިން އެތަކެތީގެ ފެންވަރު ކަށަވަރުކޮށް އެކަމަށް މިމިނިސްޓްރީން ދޫކުރާ ހުއްދައަށް އެދުމުގެ ކުރިން އެތަކެތި އެތެރެކުރާ ފަރާތެއްނަމަ SY ކެޓަގަރީގައި، އަދި ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތެއްނަމަ CM ކެޓަގަރީގައި ރަޖިސްޓަރީ ވާންޖެހޭނެކަމަށެވެ.
މިގޮތަށް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދުގައި ރަޖިސްޓްރީ ނުވެ އަދި މެޓީރިއަލް ކޮލިޓީ ޕާމިޓް ނުހޯދާ އެމަސައްކަތްތައް ކުރާ ފަރާތްތަކާއި މެދު އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެކަމަށްވެސް ކޮންސްޓަރަކްޗަން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެފަދަ ތަކަތި ރާއްޖޭގައި އުފައްދާ ފަރާތްތަކުން އެއުފައްދާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް އެ ތަކެތި އުފައްދާފައިވަނީ ހުއްދަ ނަގައިގެންތޯ ބަލާ ޗެކްކުރުމުގެ މަސައްކަތްވެސް މިމިނިސްޓްރީގެ ފަރާތުން ކުރަމުން ގެންދާނެކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.