އެ މައްސަލައާ ގުޅިގެން އެފަރާތުން ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާއެެއްޗެއް ތައްޔާރުކުރިކަމުގެ ހެކި ފެނިފައި ނުވާކަމަށާއި މައްސަލާގައި ހައްޔަރު ކުރި އަރަފާތު ހޮސެއިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން އެ ކަމުގައި އެއްވެސް ހެއްކެތް ނެތުމާ ގުޅިގެން އެ މައްސަލާގައި ފުލުހުން ކުރަމުން ދިޔަ ތަހުގީގު ނިންމާލާފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އަރަފާތު ހޮސެއިން އާ ގުޅޭ ވާހަކަތަކެއް ފުރަތަމަ ހިއްސާކުރީ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިދިޔަ އޮގަސްޓް މަހުގައެވެ.
އެ ޕޯސްޓްގައި ވަނީ މި މީހާއަކީ ގަވާއިދާ ހިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި މީނާ ވަނީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް ޕާރުސަލް ހަދައިގެން ވިއްކާފައި ކަމަށެވެ.
މި މީހާގެ މައްސަލަ ފެންމަތިވުމުން އެ މައްސަލަ ފުލުހުންނަށް ހުށައެޅި އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ.
އޭނާއަށް ކުރި އެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އިމިގްރޭޝަންއާ ހަވާލުކޮށްފައެވެ. އިމިގްރޭޝަންއާ ހަވާލުކުރުމުން އެ މީހާ މިހާރު ވަނީ ޑީޕޯޓްކޮށްފައިކަމަށް ފުލުހުން ބުނެއެވެ.