އޭނާ މިހެން ވިދާޅުވީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން މަޖިލީހަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ވާހަކަ ދައްކަމުން ޟަމީރު ވިދާޅުވީ، އާބަން ޑިވެލޮޕްމަންޓް ބިލުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެވޭ ކަމަށް ބުނެ ހުށަހެޅި އެއްވެސް ޝަކުވާއެއްގައި އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އާބަން ޑިވެލޮޕްމަންޓް ބިލު މިހާރު ދަނީ ކޮމިޓީގައި ދިރާސާކުރަމުންނެވެ. މި ބިލުގެ މަގުސަދަކީ ދެމެހެއްޓެނިވި ރަނގަޅު ޕްލޭނަކާ އެކު އަރބަން ސެންޓަރުތަކެއް ގާއިމުކުރުމެވެ. އަދި އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ގޮތަށް ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުމެވެ.