ads
އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
މާލޭގައި 186 ރެއިޑް އޯޑަރު ނެރެ، 1،237 ތަން ބަލައި ފާސްކޮށްފި
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 186 ރެއިޑް އޯޑަރު ނެރެ، 1،237 ތަން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
Advertisement

އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝައްމާން ވަހީދު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ފެށުނީ ނޮވެމްބަރު 17، 2023 ގައެވެ. އަދި މިއަދާ ހަމައަށް އައިއިރު މާލެ ސަރަހައްދުގެ 896 ތަނެއް ބަލައި ފާސްކޮށް، ނޯޓިސް ދިނުމުގެ އިތުރުން ބައެއް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވެ އެވެ.

ޝައްމާން އިތުރަށް ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4،361 ބިދޭސީން ފުރުވާލެވިފައިވެ އެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ފުރުވާލެވުނު ފަރާތްތަކާއި، އަމިއްލައަށް ފުރަން ބޭނުންވެގެން ފުރި ފަރާތްތަކާއި، ނޯޓިސް ދެވިގެން ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖެ ދޫކޮށް ފުރި ފަރާތްތައް ހިމެނެ އެވެ.

ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ރާއްޖެއިން ފުރުވާލުމެވެ. ޝައްމާން ވިދާޅުވި ގޮތުގައި މި އަމާޒު ސަރުކާރަށް އަހަރެއް ވުމުގެ ކުރިން ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް