ads
ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރަން ނައިބު ރައީސް ގޮވާލެއްވުން
ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރަން ނައިބު ރައީސް ގޮވާލައްވައިފި
ތަރައްގީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުމަށް ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު ގޮވާލައްވައިފި އެވެ.
Advertisement

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ 2024 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް ބައްދަލުވުމުގެ ކުރިން މިއަދު ބޭއްވި ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑާސް ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ގައުމުތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށާއި ސިޑްސްގެ ހުރިހާ ޤައުމަކަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތްކުރުމަށް ކަންތައްތަކެއް ވަނީ ހުށަހެޅުއްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ފަރާތްތައް ޝައުގުވެރިކުރުވުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ޕްރައިވެޓް ސެކްޓާ ހަރުދަނާކުރުމަށް މަސައްކަތްކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތަފާތު ތިމާވެށީގެ ނިޒާމުތަކަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، މާލީ އެހީ ހޯދުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ރާއްޖެ އަކީ ނާޒުކުކަން މާނަކުރަން ދެކޮޅު ހަދާ ގައުމެއް ކަމަށާއި ރާއްޖެ އާއި އެހެނިހެން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އަމިއްލަ ކުރިމަގު އަމިއްލައަށް ބަލަހައްޓަން ޖެހިފައިވާ ގައުމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު ދެއްކެވި ވާހަކަފުޅުގައި، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ޤައުމަކަށް ބަދަލުވުމުގެ ތަޞައްވުރާއެކު، މިހާރަށްވުރެ ހަރުދަނާ، ތަނަވަސް ދިވެހިރާއްޖެއެއް ގާއިމުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހިތްވަރުގަދަ، އުއްމީދީ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. 

އެގޮތުން އައި.ސީ.ޓީ، ފައިނޭންސް، އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގުތިސާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު އަލިއަޅުއްވާލެއްވި އެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއެކު ހިއްސާކުރެވޭ ތަނަވަސްކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފަ އެވެ.

ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް