
އޭއެފްސީން މުޅިން އަލަށް ފަށާ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ އިން މިރޭ ނުކުންނާނީ ތުރުކުމެނިސްތާންގެ އަކްރަޑަގްއާ ދެކޮޅަށެވެ. މި މެޗާ ގުޅޭ ގޮތުން ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ބުނީ، އަކްރަޑަގްގެ ކުޅުން އެންމެ ރަނގަޅަށް ނޭނގުން ނަމަވެސް އެ ޓީމަކީ ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި، އެކަން އެ ޓީމުން މި ފަހުން ކުޅުނު މެޗުތަކުން ނެރުނު ނަތީޖާތަކުން އެނގޭ ކަމަށެވެ. އަދި ޑްރަގަން ބުނީ, މާޒިޔާއިން މި މުބާރާތައް އައީ, ހުވަފެންތަކެއް ދެކިގެން ނަތީޖާ ނެރުމަށް ކަމަށެވެ.
ޑްރަގަން ބުނީ, މިއީ ފުޓުބޯޅަ ކަމަށާއި, ފުޓުބޯޅައިގައި ކޮންމެ ކަމެއްވެސް ވެދާނެ ކަމަށެވެ. އަދި ކުދި ކްލަބްތަކުން ބޮޑެތި ޓީމުތައް ބަލިކުރުން މިއީ އާ ކަމެއް ނޫން ކަމަށް ޑްރަގަން ބުންޏެވެ.
ރާއްޖޭގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާ ކޮލިފައިވެފައިވާ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ހިމެނެނީ ވަރުގަދަ ގްރޫޕެއްގަ އެވެ. މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.
މާޒިޔާއިން މި މުބާރާތާ ކުރިމަތިލަނީ އެ ޓީމުގެ އާ ކޯޗު ޑްރަގަން ޑުކަނޯވިޗް ގެ އިރުޝާދުގެ ދަށުން ދޮޅު މަހެއްހާ ދުވަސް ޕްރެކްޓިސް ކުރުމަށް ފަހުއެވެ. އުމުރުން 54 އަހަރުގެ ޑުކަނޯވިޗްއަކީ ސާބިއާއަށް ނިސްބަތްވާ ކޯޗެކެވެ. މާޒިޔާގެ އާ ކޯޗަކީ، މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ ހަ ވަނަ ކޯޗެވެ.
އޭއެފްސީ ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ، އޮކްޓޫބަރު 26، އޮކްޓޫބަރު 29 އަދި ނޮވެމްބަރު 1 ގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ.