ހައިކޯޓުން، އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަށް އަމާޒު ހިފާފައިވަނީ ސްޓްރެޓީޖިކް ޕްލޭނެއްގެ ތެރެއިން މުހިއްމު ބަދަލުތަކެއް ގެންނާށެވެ. 2025 އިން 2027 އަށް އަމަލުކުރުމަށް ހައިކޯޓުން އެކުލަވައިލި، އެ ކޯޓުގެ އިސްތިރާޖީ އަމަލީ ތަދުބީރު ނުވަތަ ސްޓްރެޓީޖިކް ޕްލޭން އެ ކޯޓުން ރޭ ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްލޭން އިފްތިތާހުކޮށްދެއްވީ އެ ކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދުއެވެ.
ހައިކޯޓުގެ އިސްތިރާޖީ ޢަމަލީ ތަދުބީރުގެ މައިގަނޑު ދާއިރާތައް
- ނަތީޖާ ނެރެނިވި ކޭސް މެނެޖްމަންޓް ސިސްޓަމަކާއި ޚިދުމަތަށްފަހި ސަގާފަތަކާއެކު ޢަދުލު އިންޞާފުގެ ނިޒާމަށް އިތުބާރު އުފެއްދުން.
- ދާއިރާގެ ބައިވެރިންނާއެކު ޤާއިމު ކުރެވޭ ގުޅުންތަކުގެ ތެރެއިން ނިޒާމުތައް ޒާމާނީ ކުރުން
- ކަރުދާސް ބޭނުން ނުކުރާ މާޙައުލެއް އުފެއްދުމަށްޓަކައި 'އީ-ހައިކޯޓެއް" ޤާއިމުކުރުން.
- ޕްރޮފެޝަނަލް ޓީމެއް ޤާއިމުކުރުމަށް ބާރުއެޅުމާއެކު އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ތަރައްޤީކުރުން.
ހައިކޯޓުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހް ކޮށްދެއްވުމަށް ފަހު އެ ކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ ހައިކޯޓަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގެ ގޮތުން ހައިކޯޓު ހަމައިސްކޮޅަށް ތެދުވެ ހިންދެމިލުމަށްޓަކައި ހައިކޯޓަކީ އިދާރީ ހިންގުމުގެ ގޮތުންނާއި ބަޖެޓްގެ ގޮތުން މިނިވަން މުސްތަގިއްލު ކޯޓެއްކަމުގައި ވާންޖެހޭ ކަމަށެވެ.
ކޯޓު ހިންގުމުގައި އިދާރީ ގޮތުން ހުރި ދަތިތައް ފާހަގަ ކުރައްވަމުން އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، ދުވަހުން ދުވަހަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ކުރުމަށްވެސް ޖެހެނީ އެހެން އިދާރާއެއްގެ ދޮރުގައި ޓަކި ޖަހަން ކަމަށެވެ.
އިސްފަނޑިޔާރު އަލްއުސްތާޒް ހުސައިން ޝަހީދު އިތުރަށް ވިދާޅުވީ، އަދުލު އިންސާފުގެ ސިޔާސަތުތައް ތަންފީޒު ކުރާނެ ވަސީލަތްތަކާ ނުލައި، އަދުލުގެ ނިޒާމް ވަށައި ނުޖެހޭ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްފަނޑިޔާރު ވިދާޅުވީ، ގާނޫނުގައިވާ ސިޔާސަތުތައް ވަށާ ޖެހޭ ބީދަޔަކުން ތަންފީޒު ކުރެވޭނީ މުޅި ނިޒާމުގެ ކުދިބޮޑު އެންމެހައި ބައިވެރިން އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ.
އިސްފަނޑިޔާރު ވިދާޅުވީ ޝަރުޢީ ނިޒާމާމެދު އަދި ވަކިން ޚާއްޞަކޮށް ހައިކޯޓާމެދު ރައްޔިތުން ހިތުގައި ޖަހާ ވިންދާ، އުއްމީދުކުރާ ތަޞައްވުރާ، ކަމުގެ ހަޤީޤަތާ ތަފާތު ކަމަށެވެ. ރައްޔިތުން އެދެނީ އިންތިޒާމު އެންމެ ފުރިހަމަ، ޝަރީޢަތުގެ މަރުޙަލާ ހަލުވި، ޒަމާނީ ޓެކްނޮލޮޖީއާ އަހުލުވެރި، ފަސޭހަމަގުން ޢަދުލަށް ވާޞިލްވެވޭނެ ދޮރެއް ކަން ފާހަގަ ކުރައްވައި އިސްފަނޑިޔާރު ވިދާޅުވީ، އެ އުއްމީދީ ހުވަފެނުގަ ކުލަ ޖައްސައިދިނުމުގެ ޒިންމާ އޮތީ ފަނޑިޔާރުންގެ ކިބައިގައި ކަމަށެވެ.