މި އެއްބަސްވުން ވެފައިވަނީ ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާ ދެމެދު އެވެ.
މި އެއްބަސްވުމުގައި އެމްއެފްޑީއޭ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާއީލް ޒާހިރު އެވެ. ޗައިނާ ގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް މިނިސްޓަރު ވޫ ހައިޕިންގް އެވެ.
މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ތެރެގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނޭކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
މިއެއްބަސްވުމާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީޝިން ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ދެ ޤައުމަށްވެސް އޭގެ ފައިދާވާނެ ކަމަށެވެ. އެގޮތުން ޗައިނާގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ރާއްޖޭން ސީފުޑު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޗައިނާއަށް ކަނޑުމަހުގެ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް އެކްސްޕޯޓުކުރެވެނީ ވަކި ހާއްސަ މިންގަނޑުތަކެއް ފުރިހަމަކުރުމުންނެވެ. އެހެންކަމުން މި އެއްބަސްވުމާއެކު އެކަންކަމަށް އެހީތެރިވެދޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެ އެވެ.
ކަނޑުފަޅުން ލިބޭ ނަފާ އިތުރުކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެގޮތުން ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީމަހުގެ އެއްވަނަދުވަހު އަމަލުކުރަން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.