ޔުނައިޓެޑް އަރަބް އެމިރޭޓްސް އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދަން އެ އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ކުރިން އޮތީ ނިންމާފަ އެވެ. އެއީ ޔޫއެއީ އެމްބަސީއާ ދެކޮޅަށް، ގ. ނިއުޝާ އާމިނަތު އަޙްމަދުދީދީ ކިޔާ މީހަކު، ޔޫއޭއީ އެމްބަސީ ހިންގަމުން އައި އިމާރާތުގެކުލީގެ ގޮތުގައި 1.4 މިލިއަން ހޯދަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ.
މި މައްސަލާގައި ދައަވާކުރި ފަރާތުން ބުނެފައިވަނީ ޔޫއޭއީ އެމްބަސީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި, 2020 އިން ފެށިގެން އޮކްޓޯބަރު, 2022 ގެ ނިޔަލަށް ހިންގިއިރު އެތަނުގެ ކުލި ދައްކާފައި ނުވާތީ އެއްބަސްވުން އުވާލާފައިވާކަމަށެވެ. އަދި އޭރު ކުއްޔަށް އެރި 92,000 އަށް ވުރެ ގިނަ ޑޮލަރު (1.4 މިލިއަން ރުފިޔާ) ހޯދުމަށް އެ ދައުވާގައި ވަނީ އެދިފައެވެ. މި މައްސަލަ ނިންމާ ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެމްބަސީއަށް ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާތީ އެ މައްސަލަ ނުބެލޭނެކަމަށެވެ.
އެ މައްސަލަ ސިވިލް ކޯޓުން ނުބެލުމުން ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، ހައިކޯޓުންވަނީ މިހާރު އެ މައްސަލަ ބޭރުކޮށްލާފައެވެ.